ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މައްޗަށް އަނެއްކާވެސް 300000 (ތިން ލައްކަ) އަށްވުރެ ގިނަ ރުފިޔާގެ ދަރަންޏެއް ސާބިތުވެ އެ ފައިސާ ދައްކަން އެފްއޭއެމްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
ޑޮލަރު އަނބުރާ ދައްކާ ގޮތަށް މީހެއްގެ އަތުން މިދިޔަ އަހަރު ނަގައިފައިވާ 20،000 ޑޮލަރަށް ވާ 308،400 ރުފިޔާ އަނބުރާ ދައްކާ ގޮތަށް ސިވިލް ކޯޓުން ހުކުމް ކުރީ އިއްޔެއެވެ. ސިވިލް ކޯޓުގައި އެމީހާ ދައުވާކުރީ އެ ފައިސާ ޑޮލަރުން އަނބުރާ ދެއްކުމުގެ ގޮތުން އެފްއޭއެމްއިން ދޫކުރި ޗެކް ބައުންވުމުން ފައިސާ ހޯދުމުގެ އިތުރަށް ގެއްލުމުގެ ބަދަލު ހޯދުމަށެވެ. އަދި ޝަރީއަތުގެ ހަރަދު ހޯދުމަށް ވެސް އޭނާ ހުށަހެޅިއެވެ.
އެފްއޭއެމުން ކޯޓުގައި ޖަވާބުދާރީ ނުވުމުން އެފްއޭއެމްގެ ޣައިރު ހާޒިރުގައި ކުރި ހުކުމުގައިވަނީ 308،400 އަށް ވާ 20،000 ޑޮލަރާއި ޝަރީއަތުގެ ހަރަދަށް ވާ 27،000 ރުފިޔާ 10 ދުވަސް ތެރޭގައި ދައްކައި ހަލާސް ކުރުމަށެވެ. މިއީ އެފްއޭއެމްގެ ޗެކް ބައުންސްވި މައްސަލައިގައި އެ އެސޯސިއޭޝަނާ ދެކޮޅަށް މި ހަފުތާގައި ކުރި ދެވަނަ ހުކުމެވެ.
މިދިޔަ އާދިއްތަ ދުވަހު ސިވިލް ކޯޓުން ވަނީ ޗެކް ބައުންސްވި މައްސަލާގައި 77،6000 ރުފިޔާ އެމްއެސް ފައިނޭންސަށް 30 ދުވަހުގެ ތެރޭ ދިނުމަށް ހުކުމް ކޮށްފައެވެ. އަދި އެ މައްސަލައިގެ ޝަރީއަތުގެ ހަރަދުގެ ގޮތުގައި ވެސް އިތުރު 5،000 ދިނުމަށް ވެސް ހުކުމް ކޮށްފައި ވެއެވެ.

