މިފްކޯގެ ސްޓޯރެޖް ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން ގެންގުޅޭ ޕްލޭން އަވަހަށް ތަންފީޒުކޮށްގެން އެންމެ އެކަށީގެންވާ އަގެއްގައި ވިއްކެންދެން މަސް ރައްކައުކޮށްފައި ބެހެއްޓޭނެ އިންތިޒާމުތައް ހަމަޖެއްސުން މުހިންމުކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ މަސްވެރިންނަށް ފައިސާ ދިނުމުގައި ހުރަސްތައް ކުރިމަތިވެ ސިނާއަތަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާއިރު، ކުރީގެ މެމްބަރު ޝަރީފްވަނީ މައްސަލަތައް ހައްލުކުރުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އެޅުން މުހިންމުކަމަށް ފާހަގަކުރައްވާ ހައްލުތަކެއް ލިބިގެންދާނެ ގޮތާއިމެދު ހިޔާލު ހިއްސާކުރައްވާފައެވެ.
ޝަރީފް ވިދާޅުވީ، މަސްވެރިންނަށް ކުރިމަތިވެފައިވާ ދަތިތައް އެކަށިގެންވާ ގޮތެއްގެ މަތިން ހައްލުކުރުމަށްޓަކައި މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށާއި ފުޅާކުރުމަށް ހާއްސަކޮށްގެން އިންވެސްޓްމެންޓްތައް ބޭނުންވާނެކަމަށެވެ. އަދި ސަރުކާރުން މިފްކޯގެ ސްޓޯރެޖް ކެޕޭސިޓީ އިތުރުކުރުމަށް ރާވާފައިވާ ކަންކަން އަވަހަށް ތަންފީޒުކުރަންޖެހޭކަމަށްވެސް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، މަސް ރައްކައުކުރެވޭ މިންގަނޑުތައް އިތުރުކޮށްގެން، މަހަށް ރަނގަޅު އަގެއް ލިބެންދެން ރައްކައުކޮށްފައި ބެހެއްޓޭނެ އިންތިޒާމުތައް އަވަހަށް ހަމަޖައްސަންޖެހޭކަމަށެވެ.
ކުރީގެ މެމްބަރު ޝަރީފްވަނީ ދިވެހިރާއްޖޭގެ ދަރަނީގެ ހާލަތާއި ގުޅޭގޮތުންވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ކުރިމަގަށް ވިސްނައިގެން ދިވެހިރާއްޖެއިން ޒިންމާދާރުކަމާއިއެކު އަމަލުކުރަންޖެހޭކަމަށެވެ. އޭނާ ވިދާޅުވީ، ނުދެއްކޭނެ މިންގަނޑަށް ރާއްޖެއަށް އިތުރަށް ލޯނުތަކެއް ނެގެން ނެތްކަމަށެވެ. އަދި މިހާރުވެސް ދިވެހިރާއްޖޭގެ ދަރަނީގެ މައްސަލަވަނީ އިންތިހާއަށް ބޮޑުވެފައިކަމަށް ފާހަގަކުރެއްވިއިރު ޝަރީފްވަނީ ކުރިމަގުގައި ދިމާވާނެ ހާލަތްތަކަށް ވިސްނައިގެން އެ ހާލަތްތަކުން އަރައިގަތުމަށްޓަކައި މިހާރު ފިޔަވަޅުތައް އަޅަންޖެހޭކަމަށެވެ. އަދި އެކަން ކުރެވޭނީ ދަރަނީގެ އަދަދުތައް މަދުކޮށް ލޯނު ނަގާ މިންގަނޑުތައްވެސް ދަށްކޮށްގެންކަމަށެވެ.

