ރައްޔިތުންގެ މަޖިލީހަށް މި ފާއިތުވެ ދިޔަ ދުވަސްތަކުގައި ހުށައެޅި ބިލުތަކާއި ގަރާރުތަކުގެ ތެރެއިން އެންމެ ފާހަގަކުރެވޭ އެއްކަމަކަށް ވެގެން ދިޔައީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން އިތުރުވަމުން އަންނަ އިތުރުވުމާއިމެދު މެންބަރުން ދެކިވަޑައިގަންނަވާ ގޮތަކާއިމެދު ހިޔާލު ހޯދުމަށް ހުށައެޅި ގަރާރަށް ކުރެވުނު ބަހުސްގެ ތެރެއިން ބައެއް މެންބަރުން ދެއްކެވި ވާހަކަތަކެވެ.
17 ވަނަ ރައްޔިތުންގެ މަޖިލީހުން ފެށިގެން ރާއްޖޭގައި އިންތިޚާބުކުރެވުނު ރައްޔިތުންގެ މަޖިލީސްތަކުގެ މެންބަރުންގެ އަދަދު، ކޮންމެ ފަސް އަހަރަކުން އާބާދީ އިތުރުވަމުން އަންނަ ނިސްބަތުން އިތުރުވަމުން އަންނަކަމަށް ފާހަގަކޮށް، މަޖިލީހަށް ހުށައެޅުއްވި ގަރާރުގެ ބަހުސްގެ މަރުހަލާގައި މެންބަރުންގެ މުސާރައާއި ގުޅިގެން އެންމެ ފުރަތަމަ ވާހަކަދެއްކެވީ ބިލު ހުށައެޅުއްވި މެންބަރު ބާރަށު ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހިމް ޝުޖާއުއެވެ.
ޝުޖާއު ވިދާޅުވީ ރައްޔިތުންގެ ފަރާތުން ތަކުރާރުކޮށް އިވޭ އެއް ޝަކުވާއަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ބޮޑުވުމުގެ ޝަކުވާކަމަށެވެ. އިންތިހާބުގައި ރަނގަޅަށް ކެމްޕެއިނުކޮށް އިންތިހާބުވެގެން އައި މެމްބަރަކަށް މުސާރަ ކުޑަކަން އިހުސާސް ކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. ޝުޖާއު ވިދާޅުވީ ސިޓީ ކައުންސިލްގައި އޭނާ ހުންނެވިއިރު އަސާސީ މުސާރައަކީ 30،000 ރުފިޔާކަމަށާއި، މަޖިލިސް މެމްބަރުންނަށް އެލަވެންސް ނުލައި އަސާސީ މުސާރައަކީ 40،000 ކަމަށެވެ. އެހެން ނަމަވެސް މުސާރައާއި ގުޅޭގޮތުން އަމިއްލައަށް ވާހަކަ ދައްކައި، ގޮތް ނިންމުން ވެސް އެއީ ރަނގަޅު ގޮތް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންނާ ގާތުން މަސައްކަތްކުރާ މެންބަރެއްގެ އަތަކު ނޯންނާނެ ލޯލާރި އެއް ވެސް އިއްޒަތްތެރި ރައީސް.
ޝުޖާއު ވިދާޅުވި އެވެ.
ޖުމްލަ ގޮތެއްގައި ޝުޖާއު ވިދާޅުވީ ރައްޔިތުންގެ ހައްގުގައި ރަނގަޅަށް ވަކާލާތުކޮށް، ގާތުން މަސައްކަތަށް ފަހު ދެން އެ މެމްބަރެއްގެ އަތުގައި އިތުރު ކަންކަމަށް ފައިސާ ނުހުންނަކަމަށާއި މެމްބަރުންގެ މުސާރަ ބޮޑުކަމަށް ގަބޫލު ނުކުރެވޭކަމަށެވެ.
ދެން މި މައުލޫއަށް މަޖިލީހުގައި ވާހަކަދެއްކެވީ ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިވެރިންގެ ތެރޭގައިވެސް ހިމެނޭ، މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްއެވެ. ގާސިމްވެސް ވިދާޅުވީ މެމްބަރުންގެ މުސާރަ ބޮޑު ނޫންކަމަށެވެ. އަދި މެންބަރުންގެ މުސާރަ ކުޑަކުރަން ގާސިމް ވަނީ ދެކޮޅު ހައްދަވާފައެވެ.
އެހެނީ ރާއްޖޭގެ އެކި ރަށްރަށުން ކަންކަމުން ހޮވިވަޑައިގެން މިތަނަށް ވަޑައިގަންނަވާ ބޭފުޅުން، ވިހިހާސް ރުފިޔާގެ [ލިވިން] އެލަވަންސެކޭ ބުންޏަސް ވިހިހާސް ރުފިޔާއިން އެބޭފުޅުންނަށް ހަމަނުޖެއްސޭކަން އަޅުގަނޑުމެންނަށް އެނގޭ.
ގާސިމް ވިދާޅުވިއެވެ.
ކައުންސިލްތަކުގެ މެންބަރުންނާއި އަދި ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންގެ މުސާރައަށްވެސް ބޮޑު އަދަދެއް ހޭދަ ކުރާކަން ފާހަގަކޮށް، ހަމައެކަނި މެންބަރުންގެ މުސާރައިގެ ކަންބޮޑުވުން އޮތީ ކީއްވެގެންތޯވެސް މަޖިލީހުގައި ސުވާލު އުފެއްދިއެވެ.
މިހާރު އުސޫލު އޮތް ގޮތުން އެލަވަންސްތަކާއިއެކު މަޖިލީހުގެ ކޮންމެ މެންބަރަކަށް މަހު މުސާރައިގެ ގޮތުގައި 82,500 ރުފިޔާ ލިބޭނެއެވެ. އަދި، ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކޮންމެ މެމްބަރަކަށް ހެލްތު އިންޝުއަރެންސްގެ ގޮތުގައި 24،000 ރުފިޔާ ދައްކައެވެ. އެހެންކަމުން މަޖިލީހުގެ ޖުމްލަ 93 މެމްބަރުންނަށް އިންޝުއަރެންސްގެ ގޮތުގައި 2.2 މިލިއަން ރުފިޔާ އަހަރަކު ދައްކަން ޖެހެއެވެ. މީގެއިތުރުން އެ މެންބަރުންނާއި މެންބަރުންގެ އަނބިދަރީންނަށް އާސިޔާންގެ ޤައުމުތަކުން ހިލޭ ބޭސް ފަރުވާ ވެސް ކުރެވެއެވެ.
މިކަމާއިމެދު އާންމުންގެ ކަންބޮޑުވުންވެސް އިންތިހާއަށް އޮތްއިރު، މެންބަރުންގެ މުސާރަ ކުޑަކަމަށް ބުނުމުން ގިނަ ބައެއް ފާޑުކިޔުންވެސް ވަނީ އަމާޒުވެފައެވެ.
އެގޮތުން އެވަރުގެ މުސާރައެއް ހައްގުވާ ވަރުގެ މަސައްކަތްތަކެއް މެންބަރުންނަށް ނުކުރެވޭކަމަށް ބައެއް ފަރާތްތަކުން ގަބޫލު ކުރެއެވެ. އަދި އާންމު ވަޒީފާތަކުގައި ބުރަކޮށް މަސައްކަތް ކުރާ ރައްޔިތުންނަށް އެކަށީގެންވާ މުސާރައެއް ލިބެމުން ނުދާއިރު، ލައްކައަކާއި ގާތް ކުރާ އަދަދެއްގެ މުސާރައެއް ކުޑަކަމަށް ރައްޔިތުންގެ މަންދޫބުން ބުނުމަކީ ލަދުވެތިކަމެއްކަމަށް އާންމުން ވަނީ ބުނެފައެވެ. މެންބަރުންގެ މުސާރަ އަމިއްލައަށް ކަނޑައަޅަން އޮންނަ އޮތުން ބަދަލު ކުރަން ޖެހޭކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރެއެވެ. މިހާރު އޮންނަ ގޮތުން ނަމަ މަޖިލީހުގެ މެންބަރުންގެ މުސާރައާއިމެދު ގޮތް ނިންމުމާއި މި ހުރިހާކަމެއް ކުރާނީ ހަމަ މެންބަރުންނެވެ.
ހަގީގަތުގައި އެންމެ ބޮޑު ކަންބޮޑުވުމަކީ، މާ ބޮޑު މަސައްކަތެއް ނުކުރާ އަދި ޖަލްސާތަކަށްވެސް ވަޑައި ނުގަންނަވާ މެންބަރުންނަށްވެސް ހަމަ އެވަރުގެ މުސާރައެއް ދިނުމެވެ. އުނިވުމެއް ނެތި ކޮމިޓީ އެލަވަންސް ނޫނީ އެ މެންބަރުންނަށްވެސް ބޮޑު މުސާރަ ލިބޭ ލިބުމަކީ ހުރިހާ ރައްޔިތުންގެވެސް ކަންބޮޑުވުމެކެވެ. ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް، ގައުމުގެ އިސްތިސާދު ކޮޅަށް ޖެހުމަށްޓަކައި މިހެން ހުރި ބައެއް ކަންކަން ބެލުމަށްފަހު އިލްމީ ދިރާސާއެއްގެ ތެރެއިން ހަގީގަތުގައި މުހިންމު، ރަނގަޅު ފިޔަވަޅުތަކެއް އެޅިދާނެއެވެ.

