އީރާނުގެ އާ ރައީސަށް އިންތިހާބު ވެފައިވާއިރު، މައްސޫދު ޕެޒޭޝިއަންއަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ދަންނަވައިފިއެވެ.
ރައީސް މުއިއްޒު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި މައްސޫދަށް މަރުހަބާ ދަންނަވައި ވަނީ ރާއްޖެއާއި އީރާނާއި ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް އެކުގައި މަސައްކަތް ކުރެއްވުމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ރައީސް ވަނީ އެސަރަހައްދާއި އެގައުމުގެ ކުރިއެރުމަށާއި ސުލްހަމަސަލަސްކަން ދެމެހެއްޓުމަށް އީރާނުން ކުރަމުން އަންނަ މަސައްކަތަކަށް ކާމިޔާބީއަށް ވެސް އެދިވަޑައިގެންފައެވެ.
އީރާނުގެ ރައީސް، އިބްރާހިމް ރައީސީ ދަތުރު ކުރެއްވި ހެލިކަޕްޓަރު ވެއްޓުނު ހާދިސާގައި މޭއި މަހުގެ 19 ވަނަ ދުވަހު އޭނާ އަވަހަރާވުމާއި ގުޅިގެން ބޭއްވި އިންތިހާބު މައްސޫދު ކާމިޔާބު ކުރައްވާފައިވަނީ ހަ ކެނޑިޑޭޓުން ވާދަ ކުރިއިރު ދެވަނަ ބުރަކަށް ގޮސްގެންނެވެ.
އިންތިހާބުގެ ފުރަތަމަ ބުރު މިދިޔަ މަހުގެ 28 ވަނަ ދުވަހު ބާއްވާފައިވާއިރު ދެވަނަ ބުރަކަށް އިންތިހާބު ގޮސްފައިވަނީ އެއްވެސް ކެނޑިޑޭޓަކަށް އިންތިހާބު ކާމިޔާބު ކުރެވޭ ވަރަށް ވޯޓު ނުލިބުމުންނެވެ.

