އައު އަހަރާއެކު ރައްޔިތުންގެ ޢަޒުމަކަށް ވާންވީ ދިވެހިރާއްޖޭގެ މާދަމާގެ ސަލާމަތާއި ފުދުންތެރިކަމާއި ތަމައްދުނަށްޓަކައި ސަރުކާރުން ފަށާފައިވާ އިޞްލާޙީ އަދި ބިނާކުރަނިވި މަސައްކަތްތަކަށް އެއްބާރުލުން ދެއްވުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހިޖްރީ އައު އަހަރުގެ މުނާސަބާގައި ރައީސް ދެއްވި ހިތާބުގައި އެމަނިފާނު ވިދާޅުވީ ހިޖްރީ އައު އަހަރު ހަނދާން އައުކޮށްދެނީ ކީރިތި ރަސޫލާ صلى الله عليه وسلمގެ ޙަޔާތްޕުޅުގައި އެކަލޭގެފާނު ނިންމެވި އެންމެ ޙައްސާސް އެއް ނިންމެވުން ކަމަށެވެ. ހިޖުރައިގެ ދަތުރުފުޅުގެ މަތީގައި ކީރިތި ރަސޫލާ صلى الله عليه وسلم ކަންކަން ކުރެއްވި ގޮތާއި، މަދީނާއަށް ވަޑައިގެން އިސްލާމީ ދައުލަތެއް ޤާއިމުކުރުމަށް އެޅުއްވި ފިޔަވަޅުތަކާއި، މައްކާ ފަތަޙަ ކުރެއްވުމުގެ ބޮޑު ކާމިޔާބީ، އޭގެ 10 ވަރަކަށް އަހަރު ފަހުން ޙާޞިލްކުރެއްވި ގޮތަކީ، ކޮންމެ ޤައުމެއްގެ ކުރިއެރުމާއި ކާމިޔާބީއަށްވެސް އަގުހުރި ދަރެސްތަކެއް ކަމަށެވެ.
މަދީނާގައި ކީރިތި ރަސޫލާ صلى الله عليه وسلم ހޭދަކުރެއްވި ދުވަސްތަކުން ފެންނާން އޮތީ، މުސްލިމުންގެ މެދުގައި ގުޅުން ބަދަހިކޮށް އަޚްވަންތަކަން ވަރުގަދަކުރެއްވުމަށް އެކަލޭގެފާނު އިސްކަން ދެއްވިކަމެވެ. އަވަށްޓެރީންގެ ގޮތުގައި ތިބި އެކި ދީންތަކާއި، އެކި ފިކުރުތަކުގެ އަހުލުވެރީންނާއެކު ޞުލްހަ ޤާއިމުކުރެއްވިއެވެ. މަދީނާގެ ބާޒާރުތަކަކީ ވިޔަފާރީގެ މަޤްބޫލް މަރުކަޒުތަކަކަށް ހެއްދެވިއެވެ. ފެހިކަމާއި ދިރުން އިޙްސާސް ކުރެވޭ ވަޒަނެއްގެ ގޮތުގައި މަދީނާ އާބާދުކުރެއްވިއެވެ. ތަޢުލީމީ ނިޒާމެއް ޤާއިމްކުރެއްވިއެވެ. ބޭސްފަރުވާއާއި އެނޫން އިޖްތިމާޢީ ޚިދުމަތްތަކަށް ފަހި، މެހްމާނުންނަށް ކަމޭ ހިތުމުގައި މަޤްބޫލު ރަށަކަށް މަދީނާ ހެއްދެވިއެވެ.
ކީރިތި ރަސޫލާ صلى الله عليه وسلم ގެ މުޅި ދިރިއުޅުއްވުމުންވެސް ފެންނާން އޮތީ، ނަމޫނާ ލިބިގަންނަން ޖެހޭ މިފަދަ އެތައް މިސާލެކެވެ. މަދީނާގައި އެކަލޭގެފާނު ކުރެއްވި މަސައްކަތްޕުޅުތަކުގެ ކާމިޔާބުން ލިބޭ އެއް ފިލާވަޅަކީ، ޤައުމެއްގެ ކުރިއެރުމަށްޓަކައި ރައްޔިތުންގެ އެއްބައިވަންތަވުން މުހިންމުކަމެވެ. ޢާއިލާތައް ބަދަހިވާން ޖެހޭކަމެވެ. މުރާލިކަމާއި ހީވާގިކަމާއެކު މަސައްކަތްކުރަން ޖެހޭކަމެވެ. އަވަށްޓެރިކަމުގެ ގުޅުންތައް ދަމަހައްޓަން ޖެހޭކަމެވެ. ކޮންމެ ފަރުދަކުވެސް ފުދުންތެރި ދިރިއުޅުމަކަށް އަމާޒު ހިފަން ޖެހޭކަމެވެ. އިސްރާފު ނުކުރުމާއި، ބޭކާރު ޚަރަދުތައް ދޫކޮށްލުމުގެ އާދަ އެންމެން ހިފައިފިނަމަ، މުޅި ޤައުމުގެ އިޤްތިޞާދު ހަރުދަނާވާނޭކަމެވެ. އެންމެންގެ މަންފާއަށްޓަކައި އެކަށައެޅިފައިވާ ޤާނޫނުތަކާއި އުޞޫލުތައް ތަންފީޒުވާން ޖެހޭކަމެވެ.
ހިޖުރީ އައު އަހަރެއްގައި ދިވެހި ރައްޔިތުން އެއްބައިވަންތަވެ މިއަދު އައު ކުރަންވީ އެއް ޢަޒުމަކީ ޤައުމުގެ ކަންކަން އިޞްލާހުކުރުމުގައި އެންމެން އެކަތިގަނޑަކަށް ވުމެވެ. ވޭތުވެ މިދިޔަ އެތައް އަހަރަކު އަޅައިނުލެވި ދޫކޮށްލާފައި ހުރުމުގެ ސަބަބުން، ދިވެހި ފަސްގަނޑުގައި، ދިވެހިރާއްޖޭގެ ޤާނޫނުތަކާ ޚިލާފަށް އެތައް ބިދޭސީއަކު ދަނީ ދިރިއުޅެމުންނެވެ. މަސްތުވާތަކެއްޗާއި ގޭންގު ކުށްތައް ފަދަ ކަންކަން ހުއްޓުވައި މީހުންނަށް ހެޔޮ ވިސްނައިދިނުމުގައި މުޖްތަމަޢުވަނީ އިހުމާލުވެފައެވެ. ލިބޭ އެއްޗަކުން ދެކޮޅު ޖެއްސުމާއި ޚަރަދުބަރަދު ކުޑަކުރުން ފަދަ އާދަތަކަށް އަޅުގަނޑުމެން އަހުލުވެރިވުން ކުޑައެވެ.
މާނަވީ ގޮތުން ބަލާއިރު ހިޖުރަކުރުމުގެ މާނައަކީވެސް އިންސާނާ ހުރި ޙާލަތުން އެއަށްވުރެ ރަނގަޅު ހެޔޮ ގޮތްތަކަކަށް ރުޖޫޢަވުމެވެ. އެހެންކަމުން އައު އަހަރާއެކު އެންމެންގެ ޢަޒުމަކަށް ވާންވީ ދިވެހިރާއްޖޭގެ މާދަމާގެ ސަލާމަތާއި ފުދުންތެރިކަމާއި ތަމައްދުނަށްޓަކައި ސަރުކާރުން ފަށާފައިވާ އިޞްލާޙީ އަދި ބިނާކުރަނިވި މަސައްކަތްތަކަށް އެއްބާރުލުން ދެއްވުމެވެ. އެންމެން އެއް ރޫޙެއްގައި މި ޤައުމުގެ ކުރިމަގަށްޓަކައި މަސައްކަތް ފެށުމެވެ.
ހިޖްރީ ސަނަތުން 1446 ވަނަ އަހަރާ އަޅުގަނޑުމެން ބައްދަލުކުރާއިރު މުޅި އިސްލާމީ އުންމަތަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ފަލަޞްޠީނުގެ މުސްލިމް އަޚުންނާއި އުޚްތުންނަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއި، ހަނގުރާމައިގެ ނާމާން ޙާލަތެވެ. މުޅި އުންމަތަށް ކުރިމަތިވެފައިވާ މިފަދަ ހުރިހާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ”މިއީ އެއް އުންމަތެއްކަމުގައި“ ކީރިތި ޤުރްއާނުގައި ދެއްވާފައިވާ މަތިވެރި އިރުޝާދު ނަގަހައްޓައި، މުސްލިމުންގެ މެދުގައި އޮތް އެހީތެރިކަމާއި، އެއްބާރުލުމާއި ގުޅުންތައް ވަރުގަދަކުރަން ޖެހެއެވެ.
ރައީސް ހިތާބުގައި އިތުރަށް ވިދާޅުވީ އިސްލާމީ އުންމަތުގެ ޙައްޤުގައި އަޑުއުފުލުމަށް އިސްނަގާ އަދި އުންމަތުގެ ކުރިއެރުމަށްޓަކައި ޖޯޝާއެކު މަދަދުދޭ ބަޔެއްގެ ގޮތުގައި ދިވެހީން އަބަދުވެސް ދެމިތިބޭނެ ކަމަށެވެ.
މި ފެށުނު އައު އަހަރަކީ ދިވެހިރާއްޖެއަށް ފާގަތި އަހަރެއް ކަމުގައި އަދި ތަރައްޤީގެ ރޮނގުގައި ދިވެހީން އެދޭ އެތައް އުންމީދެއް ޙަޤީޤަތަކަށް ވާނޭ އަހަރެއް ކަމުގައި ހެދުމަށް ރެޔާދުވާލު ހިންމަތާއެކު ސަރުކާރުން މަސައްކަތްކުރާނެ ކަމަށްވެސް ހިތާބުގައި ވެއެވެ.

