ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ސަރުކާރުން ފިޔަވަޅު އެޅުމަށް ނިންމާފައިވާކަމަށް އިއުލާނު ކުރުމަށް ފަހު ވެސް، ބޮޑެތި މުސާރަތަކަށް ސަރުކާރުގެ ސިޔާސީ މަގާމުތައް އައްޔަނު ކުރަމުން ދާތީ އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް، ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި މައްސަލައިގައި ވިދަޅުވީ، އާދައިގެ ސިޔާސީ މަގާމުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް އަދި ބޮޑެތި މުސާރައަށް ސްޓޭޓް މިނިސްޓަރުން ވެސް އައްޔަނު ކުރަމުންދާކަމަށެވެ. އެކަމަކު އޭގެ ފަހަތުން ހިތްހަމަ ނުޖެހުންތަކާއި ސިޔާސީ ހިޔާލު ތަފާތުވުން ހުރި އާދައިގެ މުވައްޒަފުން މަގާމުން ވަކި ކުރަމުން ދާކަމަށް އެ މައްސަލައިގައި ވެއެވެ.
ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމުގެ ގޮތުން، ސިޔާސީ މަގާމުތަކުގެ އަދަދު މަދު ކުރުމަށް ނިންމެވިކަމަށް ރައީސް އިއުލާނު ކުރެއްވި ނަމަވެސް ޖުމްލަ ސިޔާސީ މަގާމުތަކުގެ އަދަދު މިހާތަނަށް ހާމަކޮށްފައި ނުވެ އެވެ. ވަކި ކުރަނީ ކިހާ އަދަދެއްކަމާއި، އަދި ސިޔާސީ މަގާމުތަކުގެ ޖުމްލަ ނޭނގި އެ ފިޔަވަޅުގެ ސަބަބުން ދައުލަތުން ކުރާ ހޭދަތައް ސަލާމަތް ކުރި ގޮތެއް ރައްޔިތުންނަށް ނޭނގޭނެކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.
އެކަން ފާހަގަކޮށް މައުރޫފްގެ މައްސަލައިގައި ވިދާޅުވީ، ސިޔާސީ މަގާމުތަކުގެ ޖުމްލަ އަދަދު 2000 އަށް ގާތް ކުރާނެކަމަށް ބެލެވޭ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުތައް އަދާކުރުމަށް ބޭނުންވާ މީހުން އައްޔަންކުރުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން ލިބިދީފައިވާ ބާރަކަށް ވީ ހިނދު، މިދަނޑިވަޅުގައި އެ ބާރުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައި، ވައުދާއި ހިލާފުވެފައިވާކަމަށް މައްސަލައިގައި ވެއެވެ.
މީގެއިތުރުން ސަރުކާރުން ދަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މަސައްކަތާ އެކަށީގެންނުވާ ގިނަ އަދަދަކަށް ބޮޑެތި މުސާރަޔާ އެކު މީހުން އައްޔަންކޮށް، ސަރުކާރުގެ މަގާމުތަކަށް އެކަށީގެން ނުވާ އަދަދަކަށް މީހުން އައްޔަންކުރަމުންކަމަށް ވެސް މައުރޫފް ހުށަހެޅި މައްސަލައިގައި ވަނީ ބުނެފަ އެވެ.
މިއީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމަކަށް ވާތީ، އެކަން ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހަޅަނީކަމަށް މައްސަލަ މަޖިލީހަށް ހުށަހަޅުއްވައި މައުރޫފް ވިދާޅުވި އެވެ.
މައްސަލަ ބަލައިގަނެ ބަހުސް ކުރުމާ މެދު، ވޯޓަށް އެހުމުން ސަރުކާރުގެ ސުޕަ މެޖޯރިޓީއެއް އޮތް މަޖިލީހުން ވަނީ އެ މައްސަލަ ބޭރުކޮށްލާފަ އެވެ. މައްސަލަ ބަލައިގަތުމަށް 12 މެމްބަރަކު ވޯޓު ދިންއިރު، މައްސަލަ ބަލައިގަތުމަށް ނުފެންނަކަމަށް 69 މެމްބަރުން ވޯޓު ދެއްވި އެވެ.
މި މައްސަލަ މަޖިލީހުން މިއަދު ބޭރު ކުރިއިރު، ޕީއެންސީގެ މެމްބަރުން ވަނީ ކުއްލި މައްސަލަތަކާއި ގަރާރު ހުށަހެޅުމުގައި އެމްޑީޕީގެ ބޭނުމަކީ ވަގުތު ބޭޭކާރުކޮށް ޖެއްސުން ކުރުންކަމަށް ތުހުމަތުކޮށްފަ އެވެ. އެހެންވެ މެމްބަރުން ގޮވާލާފައި ވަނީ، މަޖިލީހަށް އެފަދަ މައްސަލަ ހުށަހެޅުމުގެ ގަވައިދު އިސްލާހު ކުރުމަށެވެ. އަދި މަޖިލީހުގެ މަަސައްކަތްތަކަށް ހުރަސް ނޭޅޭނެހެން އިސްލާހުތައް ގެނައުމަށް ވެސް މެމްބަރުން ވަނީ ގޮވާލާފަ އެވެ.

