ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ “ ދައުލަތުގެ ދަރަންޏާބެހޭ ބިލަށް“ އާންމުންގެ ޙިޔާލު ހޯދަން މަޖިލިހުގެ އިދާރާއިން ހުޅުވައިލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން ކުރެއްވި ޢިއުލާންގައި ވަނީ މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވަމުންގެންދަވާ “ ދައުލަތުގެ ދަރަންޏާބެހޭ ބިލު “ އަށް އާންމުންގެ ޙިޔާލު ހޯދުމަށް 8 ޖުލައި 2024 ވަނަ ދުވަހުން ފެށިގެން ފުރުސަތު ހުޅުވައިލައިފައިވާ ކަމަށެވެ.
ސަރުކާރުގެ ފަރާތުން، “ ދައުލަތުގެ ދަރަންޏާބެހޭ ބިލު “ ހުށަހަޅައިފައިވަނީ ފުނަދޫ ދާއިރާގެ މެމްބަރ މުޙައްމަދު މަމްދޫޙް އެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅާ ސަބަބެއްގެ ގޮތުން ބުނެފައިވަނީ، ދައުލަތުން ދަރަނި ނަގައި، ބަލަހައްޓައި މެނޭޖުކުރަނީ، ޤައުމުގެ އިޤްތިސާދަށާއި މުސްތަޤުބަލުގެ ޖީލުތަކަށް ކުރާނެ އަސަރު ވަޒަންކުރެވިގެން އަދި ޤައުމުގެ އިޤްތިސާދީ ފުދުންތެރިކަމާއި، ދައުލަތުގެ ފިސްކަލް އަދި މާލިއްޔަތުގެ ނިޒާމު ދިގު މުއްދަތަކަށް ދެމެހެއްޓޭގެ ގޮތެއްގެ މަތިންކަން ކަށަވަރުކުރުމަށްޓަކައި، ދައުލަތުގެ ދަރަނި ނެގުމާއި ބެލެހެއްޓުމާއި މެނޭޖުކުރުމާއި، ލޯކަލް ކައުންސިލްތަކާއި ދައުލަތުގެ ކުންފުނިތަކުން ނަގާ ދަރަންޏަށް ދައުލަތުން ސޮވްރިިން ގެރެންޓީ ދޫކުރުމާއި އަދި ދައުލަތުގެ ދަރަންޏާގުޅޭ މައުލޫމާތު ހާމަކުރުމާއި ރިޕޯޓްކުރުމާއި މޮނިޓަރ ކުރުމާގުޅޭ އުސޫލުތައް ބަޔާންކުރުން ކަމަށް ވެއެވެ.
މި ބިލުގައި ބުނެފައިވަނީ މާލީ އަހަރު ފެށުމުގެ 90 ދުވަސް ކުރިން، ދައުލަތުން ދަރަނި ނެގުމުގެ އަހަރީ ޕްލޭން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަންވާނެ ކަމަށާއި އަދި އެ ޕްލޭން މަޖިލިހުން ހުށަހަޅަންޖެހޭނެ ކަމަށްވެސް ބަޔާންކޮށްފައި ވެއެވެ.
މި ބިލަށް އެއްވެސް ފަރާތެއްގެ ޙިޔާލު ނުވަތަ އިސްލާޙެއް އޮތްނަމަ 15 ޖުލައި 2024 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ކޮމެޓީގެ އީމެއިލްއަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމެއް ފޮނުއްވުމަށް ވަނީ އެދިފައެވެ.

