ރިޔާސީ އިންތިހާބުގެ ވަރުގަދަ ބޮޑު ކެމްޕެއިނެއް، މުޅި އަހަރު ދުވަހަށް ދިގު ދެމިގެން ދިއުމަށް ފަހު ސެޕްޓެމްބަރު މަހުގެ ކުރިޔަށް އޮތް ތިން މަސް ދުވަހ އެ ފޯރިއާއި ކޯޅުންގަނޑު އިތުރަށް ވަރުގަދަ ވެގެން ދިޔަ އެވެ. މުޅި ގައުމު އެއްކޮށް ސިޔާސީ ވާދަވެރިކަމާއި، ހަލަބޮލިކަމެއްގެ ތެރޭގައި އޮތުމަށް ފަހު ސްޕީކަރުތަކުން ގުގުމަމުން ދިޔަ ލަވަތަކާއި ޖަގަހަ އެއްވުންތަކަށް މަޑުޖެހިމެއް އައީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުންނެވެ.
އެކަމަކު ދެން އެއަށް ވުރެ މާ ފޯރީގައި، ސަރުކާރު ވެސް ހިމެނޭހެން ނިކުމެ ފެށީ މަޖިލިސް އިންތިހާބުގެ ކެމްޕެއިނެވެ. އަހަރު ފެށި ފުރަތަމަ ތިން މަސް ދުވަސް ދިޔައީ އެފަދަ ހާލަތެއްގަ އެވެ. ދަންނަވަން މި އުޅޭ ވާހަކައަކީ ނިސްބަތުން އާބާދީ ކުޑަ ގައުމެއްގައި އިންތިހާބަކަށް ފަހު އިންތިހާބަކަށް ދާން ޖެހޭ މައްސަލަ އެވެ.
މި ކެމްޕެއިންތަކާއި ހުރެ މުޅި ގައުމުގެ އެހެން ހުރިހާކަމެއް އޮންނަނީ ހުއްޓިފަ އެވެ. ފުލުފުލުގައި ބާއްވާ ބޮޑު ދެ އިންތިހާބަށް އަހަރެއް ނުވަނީސް އަނެއްކާވެސް އޮންނާނީ ލޯކަލް ކައުންސިލް އިންތިހާބެވެ.
ދައުލަތް ހިންގުމުގެ ނިޒާމަށް ގެންނަ ބަދަލުތައް، ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވުމުގެ ކުރިޔަށް ވެސް ދޭތެރެއަކުން ދެ އިންތިހާބު އެކުގައި ބާއްވަން ޖެހޭކަމަށް ވާހަކަ ދެކެވިފައި ވެއެވެ. މިކަމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އަނެއްކާވެސް ދާންޖެހޭއިރު، ގާނޫނީ ބަހުސެއް އުފެދޭ ހާލަތުގައި ބަލަނީ ގާނޫނުއަސާސީ ޑްރާފްޓު ލިއުނު ކޮމިޓީގައި އެ މައުޟޫއަށް ބަހުސް ކުރެވިފައި ވޭތޯއާއި އެބޭފުޅުންގެ ވިސްނުން ހުރި ގޮތަކީ ކޮބައިތޯ އެވެ.
އޭރު އެ މަސައްކަތް ކުރި ކޮމިޓީގެ މުގައްރިރުކަން ކުރެއްވި، އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާއާއި، މަޖިލީހަކީ ފަސް އަހަރުގެ ދައުރެއްކަމަށް ވާތީ އިންތިހާބު އެކުގައި ބޭއްވުމަށް ޕާޓީތަކުގެ މެދުގައި މަޝްވަރާކޮށް އެކަމަށް އެއްބަސްވެވި ޑްރާފްޓު ވެސް އެކުލަވާލި އެވެ. އެކަމަކު އެންމެ ފަހު ވަގުތު، އެކަމަށް ދެކޮޅު ހެދީ އޭރު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ސިޔާސީ ޕާޓީ ޑީއާރުޕީ އެވެ.
ރިޔާސީ އިންތިހާބަށް ފަހު މަޖިލިސް އިންތިހާބު ބޭއްވުމަށް، އިސްލާހު ހުށަހެޅީ އެ ޕާޓީ އެވެ. އެ އިސްލާހު ފާސްވެ ގާނޫނުއަސާސީގައި ކަނޑައެޅީ ރިޔާސީ އިންތިހާބުގެ، ހަ މަސް ފަހުން މަޖިލީހަށް މެމްބަރުން ހޮވުމަށެވެ.
ދެ އިންތިހާބު ވަކިން ބޭއްވުމަކީ، ގައުމު އަބަދުވެސް ސިޔާސީ ހަލަބޮލިކަމެއްގެ ތެރޭގައި ތަށިވެފައި ތިބެން ޖެހޭ ސަބަބަކަށް ވާނެ އެވެ. ރިޔާސީ އިންތިހާބު ނިމުމާއި އެކު މަޖިލިސް ވާދަވެރިކަމެއް އުފެދި ގިނަ ބައެއްގެ ޑިމާންޑު އޮންނަނީ ޕްރައިމެރީއަކާއި ނުލައި ޓިކެޓު ހޯދުމަށެވެ. އަދި ވެރިކަމުގެ އިތުރު ދައުރެއް ގެއްލޭ ޕާޓީއެއްގެ ސަރުކާރެއްގެ މަގާމުތަކުގައި ތިބޭ، މީހުން ވެސް ފައި ނަގަނީ މަޖިލީހަށްކަމަށްވާއިރު އެ މީހުންގެ ނުފޫޒު ދާއިރާތަކަށް ފޯރަ އެވެ.
ކުރު މިސާލަކަށް ޖެހިލާއިރު، ރައީސް މުއިއްޒު ވެރިކަން ކާމިޔާބު ކުރުމާއި އެކު އޭރު އެމްޑީޕީގެ ސުޕަ މެޖޯރިޓީއެއް އޮތް މަޖިލީހުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ ބިރު ދައްކަން ފެށި އެވެ. އަދި މަޖިލީހުގެ ގަވައިދުތަކަށް ބަދަލު ގެނެސް، ޖެއްސުން ކުރަން ފެށުމުން ކުއްލިއަކަށް ފެނުނީ ގިނަ މެމްބަރުންތަކެއް އެއްފަހަރާ އެމްޑީޕީ ދޫކޮށް ޕީއެންސީއަށް ގުޅުނު މަންޒަރެވެ.
އޭގެ ސަބަބުން، އެމްޑީޕީގެ މަސައްކަތަށް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައެވެ. އެކަމަކު ވެސް ވަޒީރުންނަށް ރުހުން ނުދީ ދައުރު ނިންމާލީ އެވެ.
ރާއްޖޭގެ ނިޒާމު ހަމަޖެހިފައި އޮތީ ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލިސް އިންތިހާބު އަދި ކައުންސިލް އިންތިހާބު ވަކިން ބޭއްވުމަށެވެ. އިލެކްޝަންސް ކޮމިޝަން މެމްބަރުންގެ ނަޒަރުގައި ވެސް މިއީ ހަރަދު ބޮޑުކަމެކެވެ.
މިކަމުގައި މެމްބަރުންގެ ހިޔާލު ހުރި ގޮތް، މީގެ ކުރީގެ ކޮމިޝަން ބައްދަލުވުންތަކައި ހިޔާލު ބަދަލު ކުރުމުގެ މަޝްވަރާތަކުން އެނގެން އެބަހުއްޓެވެ. އެގޮތުން ކޮމިޝަނުން ހުށަހެޅި، އެއް ހުށަހެޅުމަކީ ރިޔާސީ އިންތިހާބު ވަކިން ބޭއްވުމަށް ފަހު މަޖިލީހާއި ލޯކަލް ކައުންސިލް އިންތިހާބު އެއްކޮށް ބޭއްވުމަށެވެ. ކޮމިޝަނުން އެގޮތަށް އިސްލާހު ގެނައުމަށް ބޭނުން ވަނީ ހަރަދުތައް ބޮޑުވުމުގެ ނަޒަރުން ބެލުމަށް ފަހު އެވެ. ރިޔާސީ އިންތިހާބާއި، މަޖިލިސް އިންތިހާބަށް 100 މިލިއަން ރުފިޔާ ހަރަދު ކުރަން ޖެހެ އެވެ. އަދި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާއި ހަމައިން އަނެއްކާވެސް 40 މިލިއަނެއްހާ ރުފިޔާ ހަރަދު ކުރާއިރު ޖުމްލަ ހަރަދު 200 މިލިއަނަށް އަރާނެ އެވެ.

