ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަމުގެ ބަދަލުގައި ހަވާލުވާން ޖެހެނީ ދަރަންޏާ!

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު.
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރުގެ މެދު ތެރޭގައި ރާއްޖެ ބަނގުރޫޓުވާނެކަމަށް އިދިކޮޅުގައި އޮވެ، ޕީއެންސީއިން ބުނުމުން އެއީ ސިޔާސީ ވާހަކަތަކެއްގެ ގޮތުގައި ސިފަކޮށް، ގައުމުގެ އިގްތިސާދު ރަނގަޅުކަމަށް އޭރު އޮތް އެމްޑީޕީގެ ސަރުކާރުން ބުންޏެވެ.

ނަމަވެސް 2019 ވަނަ އަހަރުގެ ތެރޭގައި މުޅި ދުނިޔެ ކުރިމަތިލީ ބޮޑު ވަބާ، ކޮވިޑް 19 އިން ސަލާމަތްވުމަށްޓަކައި އޮތް ގޮތަކީ ދަރަނިން ފެންވަރައި، ނިދުންކަމަށް އެމްޑީޕީއިން ގަބޫލުކުރި ކުރުމުގެ ސަބަބުން ވެރިކަން ނިންމާ ވަޑައިގެންނެވިއިރު، ދަރަނި ހުރީ 120 ބިލިއަނުން މަތީގައެވެ. ނަމަވެސް އޭރުވެސް އެމްޑީޕީއިން ބުނީ އިގްތިސާދު ރަނގަޅުކަމަށެވެ. ދަރަނި ނެގޭނެ ގާބިލުކަން އެބަހުރިކަމަށާއި، ދިވެހިރާއްޖޭގެ އިގްތިސާދުވެސް އޮތީ ބާރަށް ކުރިއަށްކަމަށް އޭރު ތިއްބެވި ވަޒީރުން ވިދާޅުވެފައިވެއެވެ.

އެހެންކަމުން ބަނގުރޫޓުވާ ވާހަކައިގެ ހަގީގަތް ދެނެހުރި، އެކަމުގެ ސީރިއަސްކަން އިހުސާސްވީ މީހަކު ނެތެވެ. 2023 ވަނަ އަހަރުގެ ތެރޭގައި ބަނގުރޫޓުވެ، ޑީފޯލްޓްވާނެކަމަށް ބުނި ބުނުން ހަގީގަތަކަށް ނުވުމުން، ހަމަ ހަގީގަތުގައިވެސް ބަނގުރޫޓުވާކަމުގެ ވާހަކައަކީ އެއްވެސް ހަގީގަތެއް ނެތް، ސިޔާސީ ބޭނުމަށް ދައްކާ ވާހަކައެކޭ ހީވިއެވެ. މިހާރު ބަނގުރޫޓުވާ ވާހަކަ އެއްބަޔަކު ބޭނުންކުރަނީ ބަޔަކަށް ސިޔާސީ ގޮތުން އޮތް ތާއީދު ގެއްލުވާލުމަށްކަމަށްވާއިރު، އަނެއް ބަޔަކު މިވާހަކަ ބޭނުން ކުރަނީ ވަރުގަދަ ޕްލޭންއެއް އޮތްކަން ދެއްކުމަށެވެ.

ރާއްޖޭގައި އޮންނަ ސަގާފަތަކީ 5 އަހަރުގެ ދައުރަށް އިންތިހާބުވާ ވެރިމީހާ، ކުރިއަށް އޮތް ދައުރުގެ ހުވަފެން ދެކި ދިގު ރާސްތާގެ ޕްލޭން ހެދުމެވެ. މިފަހުގެ ވެރިންނަށް ބެލުމުން މިކަމުގެ ހެކި ފެންނާނެއެވެ. މިކަމުގެ ސަބަބުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރާ ބޭފުޅާ ހަވާލުވާން ޖެހެނީ ވެރިކަމުގެ ބަދަލުގައި ދަރަންޏާއިއެވެ. ފުރަތަމަ ދައުރުގައި ދަރަނި ނަގައިގެން އިންވެސްޓްތައްކޮށް، ތަރައްގީ ގެނެސް، އެއަށްފަހު ދެވަނަ ދައުރު ލިބުމުން އޭރު ކުރި އިންވެސްޓްތަކުން ލިބޭ ފައިދާއިން ދަރަނި ދެއްކުމަކީ މިދިޔަ ސަރުކާރުގެ ޕްލޭން ނަމަވެސް، ޕްލޭން ފްލޮޕްވީ އިންތިހާބު ގެއްލުނު ހިސާބުންނެވެ.

ރައީސް ސާލިހުގެ ވެރިކަން ނިމި، އަދުގެ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒާއި ހަމައަށް ވެރިކަން އައިރު، ހިތި ބޭހުގެ ރަހަ ވަނީ ގަދަވެފައެވެ. ދަރަނި ދެއްކުމަށްޓަކައި، ނަތީޖާތަކެއް ނިކުތް މަސައްކަތްތަކެއް އެއްވެސް ވެރިއަކަށް ކުރެވިފައިނުވާއިރު، މި މަސައްކަތް ކުރެއްވުމަށްޓަކައި ރައީސް މުއިއްޒުއަށް އޮތް ފުރުސަތުތައްވެސް ވަރަށް ހައްޏެވެ. އެހެން ވެރިންނަށް ދަރަންޏާއި ހަވާލުވާން ޖެހުނީ ދަރަނި ކުޑަ ކުރުމަށްޓަކައި ފިޔަވަޅުތަކެއް އެޅުން ކޮންމެހެން މަޖުބޫރުވެފައިވާ ދަނޑިވަޅެއްގައެއް ނޫނެވެ.

މާލީ މަސައްކަތްތަކާއި ގުޅުން ހުރި މުއައްސަސާއެއްކަމަށްވާ ފިޗުންވަނީ ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގް “ބީ މައިނަސް” އިން “ސީސީސީ ޕްލަސް” އަށް ދަށް ކޮށްފައެވެ. ބީ ރޭޓިންގެ މާނައަކީ މާލީ ހާލަތު ގޯސްވަމުންދާކަމަށް ބެލެވުންކަމަށްވާއިރު، ސީސީސީގެ މާނައަކީ ދަރަނި ނުދެއްކޭ ހާލަތު މެދުވެރިވުންކަން ފާހަގަކުރެވުމެވެ.

އެ ކުންފުނީގެ ވެބްސައިޓުގައިވާ ގޮތުން އާންމު ހާލަތެއްގައި ގައުމުތަކަށް ސީސީސީ ޕްލަސްއަށްވުރެ ދަށް ރޭޓިންގް ނުދެއެވެ. އެހެނިހެން ވެބްސައިޓުތަކުން ބަލާއިރު މިއަށްވުރެ ދަށް ރޭޓިންގެ ގޮތުގައި ބަޔާންކޮށްފައިވަނީ “ސީސީ” ރޭޓިންގްއެވެ. އެ ރޭޓިންގް ދެނީ ބަނގުރޫޓުވުމުގެ ފުރުސަތު އިންތިހާއަށް ބޮޑުވުމުންނެވެ.

ފިޗުން ބުނެފައިވާގޮތުން ރާއްޖޭގެ ރޭޓިންގް ދަށްކޮށްފައިވަނީ ދިވެހިރާއްޖޭގެ މާލީ ހާލަތު ގޯސްވަމުންދިއުމގެ ސަބަބުން ރިސްކުތައް މަތިވެފައިވާތީއެވެ. އަދި ރާއްޖޭގެ ފޮރިން ރިޒާވުން ފައިސާ މަދުވަމުންދިއުމާއި ރާއްޖޭގެ ދަރަނީގެ އަދަދުތައް މަތިވަމުންދިއުމުގެ ސަބަބުން ކުރިއަށް އޮތް ތާނުގައި އައު ސަރުކާރަށް ދަރަނިތައް އަދާކުރުމުގައި ދަތިތައް އިތުރުވެގެންދާކަމަށް ފާހަގަކޮށްފައިވެއެވެ. އަދި  ރާއްޖޭގެ ފައިސާ އަގު ހިފެހެއްޓުމުގައިވެސް ދަތިތައް ކުރިމަތިވާނެކަމަށް ބުނެފައިވެއެވެ.

މި ސަރުކާރުން ފިޔަވަޅުތަކެއް އެޅި ނަމަވެސް، މީގެ ކުރިން ނަގާފައިވާ ދަރަނީގެ ސަބަބުން 2025 އަދި 2026 ގައިވެސް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭނެކަމަށް ފިޗުން ބުންޏެވެ.

ބޮޑެތި ބައިނަލްއަގުވާމީ މުއައްސަސާތަކުން ރާއްޖެއަށް އިންޒާރުގެ މެސެޖުތައް ދެމުންދާއިރު، ދަރަނިވެރިވެ ގައުމު ބަނގުރޫޓުވެދާނެ ހާލަތަކަށް ބިރުން ސަރުކާރު ޒިންމާދާރު ކުރުމުގެ މަސައްކަތް ކުރަނީ ކާކުތޯއެވެ. އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ޒިންމާއަކީ ސަރުކާރު ޖަވާބުދާރީ ކުރުންކަމަށްވާއިރު، ދައުލަތުގެ ބަޖެޓުން ހަރަދު ކުރާ އެތައް ސިޔާސީ ޕާޓީއެއް އޮތް ނަމަވެސް، މިކަންކަމާއިމެދު ސީރިއަސް ގޮތެއްގައި މަސައްކަތް ކުރަނީ ކޮން ޕާޓީއަކުންތޯއެވެ.

އޭގެ ބަދަލުގައި ބޮޑު ސީރިއަސް މައްސަލައެއްގެ ބޭނުން ކުރަނީ ސިޔާސީ ގޮތުން ތަރި ޖެހުމަށެވެ. ވެރިކަން ގެއްލުން މި ފެންނަނީ ރާގު ބަދަލުވާ ކަމެއްގެ ގޮތުގައެވެ. ވެރިކަމުގައި އޮތްއިރު އެމްޑީޕީއަށް އިގްތިސާދު ރަނގަޅެވެ. ނަމަވެސް ވެރިކަން ގެއްލުމާއިއެކު ގައުމުގެ އިގްތިސާދު އޮތީ މެނޭޖުނުކޮށްފިނަމަ ގެއްލުންވާ ހިސާބުގައެވެ. ގައުމުގެ އިގްތިސާދީ ހާލަތު އޮތީ މަރަށް ވާންވެފައިކަން ސާފުކޮށް ފެންނަން އޮތް ނަމަވެސް، ސިޔާސީ އެދުން މާ ބޮޑެވެ.

އިގްތިސާދީ ހާލަތު މެނޭޖުކޮށް، މާލީ ފުދުންތެރިކަން އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅާނެކަމަށް ބުނާ ވާހަކަތަކުގެ އެއްވެސް ޕްލޭނެއް ނެތެވެ. ޕްލޭނެއް އޮތް ނަމަ އަޅުގަނޑުމެންނަށް އިވޭނީ އަޑުތަކެއް އެކަންޏެއް ނޫނެވެ. އަމަލީ މަސައްކަތްވެސް ފެންނާނެއެވެ. މުޅި ގައުމާއި، ރައްޔިތުންގެ މަސްލަހަތު އޮތް މިފަދަ މައްސަލަތައް ސިޔާސީ ބޭފުޅުންގެ އަތްމަތީގައި އޮންނައިރު، ސަމާލުވާންޖެހެއެވެ. ސިޔާސީ މަސައްކަތަކީ އެތައް ބައެއްގެ ޒިންމާ މަތިވެފައި އޮންނަކަމަކަށްވާއިރު، ސިޔާސީ ވެރިންގެ ސަބަބުން ރައްޔިތުން ބިކަވުމަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ.

ރައްޔިތުންނާއި ގުޅިފައި ހުރި މިފަދަ ބޮޑެތި މައްސަލަތައް ތޯތޯ ވާހަކަތަކަކަށް ހަދާ ހެދުމަކީ މިއަދު މި ކުރާ ސިޔާސީ މަސައްކަތުގެ އެއްވެސް ޒިންމާދާރުކަމެއް ނެތްކަމުގެ ހެތްކެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: