ބޮޑު އަގެއް ދީ، ހުޅުމާލެއިން ބިމެއް ގަނެފައިވާކަމަށް ބުނެ ފަތުރަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއްކަމަށް ނިލަންދޫ ދާއިރާގެ މެމްބަރު ފާތިމަތު ސައުދާ ވިދާޅުވެއްޖެ އެވެ.
09 މިލިއަން ރުފިޔާއަށް ސައުދާ ހުޅުމާލެއިން ބިމެއް ގަނެފައިވާކަމަށް އަޑުފެތުރުނީ މިއަދުގެ ވަގުތެއްގަ އެވެ. އެ ހަބަރުތައް ދޮގުކޮށް މީޑިއާތަކަށް ސައުދާ ވިދާޅުވީ ގޯއްޗަކާއި އޭނާއާއި އެއްވެސް ގުޅުމެއް ނެތްކަމަށާއި އެގޮތަށް ވާހަކަތައް ދެކެވެމުން އޭނާއަށް ވެސް ލިބުނީ ހައިރާންކަމެއް ކަމަށެވެ.
ސައުދާ ވިދާޅުވީ އެއްވެސް ބިރެއް، ޖެހިލުމެއް ނެތި ދޮގު ފަތުރަމުން ދިއުމަކީ ކަންބޮޑުވުމެއް ކަމަށެވެ. ސައުދާ ވިދާޅުވީ އޭނާއަށް ވެސް ފެނުނީ، އެފަދަ ވާހަކަތަކެއް ހަބަރެއްގައި ލިޔެފައިވަނިކޮށްކަމަށާއި އޭނާއާއި ގުޅުވައި އަސްލެއް ނެތް ދޮގެއް ފަތުރަން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ.
ސޯޝަލް މީޑިއާގައި އަޑުފެތުރި ގޮތުން، ސައުދާ ހުޅުމާލެއިން ބިމެއް ގަނެފައި ވަނީ ބީޗް ފްރޮންޓުންނެވެ. އަދި އުސޫލާއި ހިލާފަށް، އެ ބިން ދޫކުރިއިރު 09 މިލިއަން ރުފިޔާ ހޯދި ގޮތެއް ވެސް ސުވާލު އުފައްދާފައި ވެއެވެ. ސައުދާ ވަނީ، އެފަދަ އެއްވެސް މުއާމަލާތެއް އޭނާ ނުކުރާކަމަށް ވިދާޅުވެފަ އެވެ.

