ރޯޑް ޑިވެލޮޕްމެންޓް ކޯޕްރޭޝަން (އާރު.ޑީ.ސީ)ގެ ހިންގުމަށް ގެނެވުނު ބަދަލާއިއެކު މަހަކު 17 މިލިއަން ޙަރަދު ކުޑަކުރެވިއްޖެކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހެއިރު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ”ސަރުކާރު“ ޕްރޮގުރާމްގައި ވާހަކަފުޅު ދައްކަވަމުން ޒުހެއިރު ވިދާޅުވީ، ކުންފުންޏާއި ހަވާލުވި ފަހުން ކުންފުނީގެ ހިންގުމަށް ގިނަ ބަދަލުތަކެއް ގެނެވި، މަހަކު 17 މިލިއަން ޙަރަދު ކުޑަކުރެވިއްޖެ ކަމަށެވެ.
“ ކުންފުނިން އަޅުގަނޑުމެން ހަވާލުވީސުރެން ފެށިގެން މިހާރު މިދަނީ ކުންފުނީގައި އަޅުގަނޑުމެން ގެނައި ބަދަލުތައް ގެނައުން، ކުންފުނީގެ ޙާލަތު ދުވަހުން ދުވަހަށް މިދަނީ ރަނގަޅުވަމުން، މާލީ ވަޒީރުވެސް ފާހަގަކުރައްވައިފި އާރުޑީސީގެ ގެނެވުނު ބަދަލުތަކެއްގެ ސަބަބުން، ކުރިން ހިނގަމުންދާ ޙާލަތުގެ ތެރޭގައި 17 މިލިއަން އެބަ މަހަކު ހަރަދު ކުޑަކުރެވޭ“ ޒުހެއިރު ވިދާޅުވިއެވެ.
ޒުހެއިރު ވިދާޅުވީ، އާރުޑީސީއާއި ހަވާލުވިއިރު ކުންފުނީގައި ދަރަނިހުރި ކަމަށާއި އަދި ކުންފުނިން ފަށާފައިވާ ގިނަ މަޝްރޫއުތަކެއް ހުއްޓުމަށްކަށް އައިސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެކި ރަށްރަށުގައި ފަށައިފައިވާ މަޝްރޫއުތައް ހިމެނޭ ކަމަށް އެނާ ވަނީ ފާހަގަކުރައްވައިފައެވެ.
“ ބައެއް ރަށްރަށުގައި މަސައްކަތްތައް ދަންނަވައި ކަމުގައިވަނީ ނަމަ 7 މަސް ދުވަސް ވަންދެން އެއްވެސް ކަހަލަ މަސައްކަތެއް ނުކުރެވި ވަނީ “ ޒުހޭރު ފާހަގަކުރެއްވިއެވެ.
ޒުހެއިރު ވިދާޅުވީ، ކުންފުންޏާއި ހަވާލުވި ފަހުން އެންމެ ފުރަތަމަ ކުރެވުނު މަސައްކަތަކީ އެކި ރައްރަށުގައި ހުއްޓިފައިވާ މަސައްކަތްތައް ފެއްޓުމާއި އެ ރަށްރަށަށް ބޭނުންވާ ރޯ މެޓީރިއަލް ގެންދިއުމުގެ މަސައްކަތް ކަމަށެވެ.
ސަރުކާރުގެ ޕޮލިސީޔާއެކު މިވަގުތު 27 ރަށެއްގައި ފަށާފައިވާ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ކުރެވިގެންދާ ކަމަށާއި އަދި މީގެ އިތުރުން ޑިޒައިނިން އަދި ސާރްވޭގެ މަސައްކަތްތަކެއްވެސް ކުރިއަށްދާ ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ.
“ މި ދެންނެވި ޙާލަތުގައި އޮއްވައި ކުންފުނި އަރަނި ކުރުމަށްޓަކައި، އަޅުގަނޑުމެން އަޅަމުން ގެންދިޔަ ފިޔަވަޅެއްގެ ސަބަބުން، މިހާރު ވަނީ މި ދެންނެވި، ކުރަމުން ދިޔަ ޙަރަދުތަކެއް ވަރަށް ބޮޑަށް ކުރެވި، ކުޑަ ކުރެވި އޭގެ އިތުރަށް ކުންފުނީގެ ދުވެލި ބާރު ކުރެވި، ރަށްރަށުގެ މަސައްކަތްތަކެއް ފައްޓައި، ބައެއް ރަށްރަށަށް ނިމުމަކަށް އައިސްފައި“ ޒުހެއިރު ވިދާޅުވިއެވެ.
ޒުހެއިރު ވިދާޅުވީ، ކުންފުނީގައި އަދިވެސް ދަރަނި އެބަހުރި ކަމަށާއި މިއަދާއި ހަމައަށް އައިރު ދަރަނި ކުޑަކުރެވިފައިވާ ކަމަށެވެ. އަދި ކުންފުނީގެ ދަރަނި އިތުރަށް ކުޑަކުރުމުގެ ގޮތުން މުހިންމު ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ. އޭގެ ތެރޭގައި ކުންފުނީގެ ސްޓެރްޓެޖިކް ޕްލޭނެއް އެކުލަވައިލައި ކުންފުނި ރިޕޯމު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން މުހިންމު ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ.

