”ހާލު ކިހިނެއް؟“ ޕްރޮގްރާމުގެ ދަށުން މިހާތަނަށް ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ބޭސްފަރުވާގެ އެކި މައްސަލަތައް ކަމަށް އިޖުތިމާއީ އަދި ޢާއިލީ ތަރައްޤީ އާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ބުނެފައިވަނީ، ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޭސްފަރުވާގެ އެކި މައްސަލަތަކަށްވާއިރު، އޭގެ ތެރޭގައި ޑޮކްޓަރަށްދެއްކުމުގައި ދިމާވާ މައްސަލަތަކާއި، ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމަށް އެޕޮއިމެންޓް ހެއްދުމާއި އަދި ބޭސް ސިޓީ އާކުރުމުގައި ދިމާވާ ދަތިތައް ހިމެނޭ ކަމަށްވަނީ ފާހަގަކުރައްވައިފައެވެ.
މިކަމާއި ގުޅިގެން އަވަސް ހައްލެއް ހޯދުމަށް އެ ވުޒާރާއާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް ( އައި.ޖީ.އެމް ) ގެ ސީނިއަރ މެނޭޖްމެންޓް އާއި ވާހަކަދެކެވި މަޝްވަރާކުރެވި ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. މި މަޝްވާރާބައްދަލުމުގެ ތެރެއިން ޑޮކްޓަރަށް ދެއްކުން އަވަސްކުރުމުގައި ދިމާވާ މައްސަލަތައް ޙައްލުކުރެވިދާނެ ގޮތާއި އަދި އެފަދަ މައްސަލަތަކަށް ދެމެހެއްޓެނިވި ޙައްލުތައް ގެނައުމަށް ޕޮލިސީ ލެވެލްގައި ކުރަން ހުރި މަސައްކަތްތަކާއި ގުޅޭގޮތުން ވަނީ ވާހަކަދެކެވިފައެވެ.
“ ހާލު ކިހިނެއް ؟ “ ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވޭ މައްސަލަތަކަށް ހައްލު ހޯދާ، އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާއިރު، ބޭސްފަރުވާއާއި ގުޅުންހުރި މައްސަލަތަކަށް އަވަސް ޙައްލުތައް ހޯދުމަށް އެ ވުޒާރާއިން ގެންދަނީ ހުޅުމާލެ ހޮސްޕިޓަލް އަދި އެންސްޕާއާއި އެކު މަސައްކަތް ތަކެއް ކުރައްވަމުންނެވެ.

