މިދިޔަ އަހަރު ކުރީކޮޅު މާފަންނު މުރަނގަ މަގުގައި ހުންނަ ކްރާސާ ފިހާރަ ތެރޭގައި ސ. ހިތަދޫ، އިޒުމީރު، އަހުމަދު މުހައްމަދު ދީދީ (ނައުޝާދު) މަރާލި މައްސަލާގައި ދައުލަތުން ހެކިބަސް ދިނުމަށް ހުށަހަޅާ ހަތް ހެކިވެރިއެއް ސިއްރުކޮށް ރައްކާތެރިކަން ދިނުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
އެ މައްސަލާގައި ދައުވާ ކުރަނީ ސ. މަރަދޫފޭދޫ، ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޒާމު އާއި ތ. ގާދިއްފުށި، ގުލޭނޫރައްމާގެ، ސިރުހާން އަލީގެ މައްޗަށެވެ. އެ ދެ މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.
އެ މައްސަލާގައި ކުށް ސާބިތު ކުރަން ދައުލަތުން ހުށަހަޅާ ހަތް ހެކިވެރިންގެ ހެކިބަސް ނަގާއިރު ކާކުކަން ނޭނގޭ ގޮތަށް އޮންލައިންކޮށް ޝަރީއަތުގެ މަޖިލީސް ނޫން ތަނެއްގައި ބަހައްޓައިގެން ހެކިބަސް ނެގުމަށް ދައުލަތުން އެދުނެވެ. މައްސަލަ ތަހުގީގު ކުރުމަށް ފަހު ފުލުހުން އެކުލަވައިލި ތަހުގީގު ރިޕޯޓު ވެސް ދިފާއަށް ދޫކުރާއިރު ތަހުގީގު ރިޕޯޓުގައި ހިމެނޭ އެ ހަތް ހެކިވެރިންގެ ބަޔާންތައް އުނިކުރުމަށް ފަހު ދޫކުރުމަށް ވެސް ދައުލަތުން އެދުނެވެ.
މައްސަލަ ބައްލަވާ ގާޒީ އައިޝަތު ނުޒުހާ ނިންމެވީ ދައުލަތުން އެދޭ ގޮތަށް ހެކި ރައްކާތެރި ކުރުމުގެ އަމުރެއް ނެރެދިނުމަށެވެ. އެ ގޮތަށް އަމުރުކުރެއްވީ ހެކިވެރިންނަށް ބިރު ދެއްކުމާއި ޖިސްމާނީ އަނިޔާއެއް ދިނުމުގެ އިހުތިމާލު އޮތް ކަމަށް ޝަރީއަތަށް ފެންނާތީ ކަމަށް ގާޒީ ވިދާޅުވި އެވެ.
ކްރާސާ ފިހާރަ ތެރޭގައި ނައުޝާދަށް ވަޅިން ހަމަލާ ދިނީ މިދިޔަ އަހަރު ފެބްރުއަރީ 24، ވަނަ ދުވަހު 9:30 ހާއިރެވެ. އޭނާއަށް ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެނިކޮށް މަރުވީ އޭގެ ތިން ދުވަސް ފަހުންނެވެ.
ފައިހު އާއި ސިރުހާން ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާއިރު، ފައިހުއަކީ މިދިޔަ އަހަރު ޖެނުއަރީ މަހު އަދި ފެބްރުއަރީ މަހު ކުރީކޮޅު، މާލޭގައި ހިނގި ސިލްސިލާ މާރާމާރީތަކާ ގުޅިގެން ފުލުހުން ހޯދަން އިއުލާން ކުރި މީހެކެވެ.

