ހަބަރުތަކުގައި ތަސައްވުރު ކޮށްފައިވާ ”ހަތިޔާރު“ ނުވަތަ ހަނގުރާމަވެރި ހަތިހާރު“ އެއްވެސް ހުރަހެއް ނެތި ރާއްޖެއަށް ގަނައުމަށް ހުޅުވާލެވިފައިވާ ކަމަށް ކަސްޓަމްސްއިން ބުނި ކަމަށް ދޭހަވާގޮތަށް ހަބަރުތަކުގައި ލިޔެފައިވަނީ މަފްހޫމް އޮޅޭގޮތަށް ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ފަދަ ގޮތަށް ކަމަށް މޯލްޑިވްސް ކަސްޓަމްސް އިން ބުނެފިއެވެ.
ކަސްޓަމްސަ އިން ނެރުނު ބަޔާނުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމީ ހިދުމަތްތަކާއިބެހޭ ކޮމިޓީއަށް ކަސްޓަމްސް ހާޒިރުކޮށް ކުރި ސުވާލުތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއ،ި ސިއްރުން ނުވަތަ ޤާނޫނާ ޚިލާފަށް ރާއްޖެއަށް ތަކެތި އެތެރެކުރުން ހުއްޓުވުމުގައި ކަސްޓަމްސްއަށް ހުރި ގޮންޖެހުންތަކެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ ބައިނަލްއަޤްވާމީ ބަނދަރުތައް ބެލެހެއްޓުމުގައި ހުރި ގޮންޖެހުންތަކާއ،ި ރާއްޖޭގެ ސަރަޙައްދީ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގައި ކަސްޓަމްސްއަށް ހުރި ގޮންޖެހުންތައް ފާހަގަކޮށްފައިވާ ކަމަށް އެ މުވައްސަސާއިން ވަނީ ބުނެފައެވެ. އެގޮތުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ފަރާތްތަކުން ބަނދަރަށް އައުމުގެ ކުރިން ކަނޑުމަތިން އެތަކެތި ލޯކަލް އުޅަނދުފަހަރުގައި ބާލައިގެން ފަޅު ރަށްރަށަށް ގެންގޮސް އެތެރެކުރާ ކަމުގެ މުޢުތަބަރު މަޢުލޫމާތު ކަސްޓަމްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބޭ ކަމާއި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް މީގެ ކުރިން ދިވެހި ފުލުހުންގެޚިދުމަތުން އެ މަޢުލޫމާތު ހިއްސާކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ.
އެ މަގުން ތަކެތި އެތެރެކުރެވޭނަމަ ހަމައެކަނި މަސްތުވާތަކެތި އެތެރެކުރާނެ ކަމަށް ވިސްނައިގެން ނުވާނެ ކަމާއި ޤާނޫނާއި ގަވާއިދާ ޚިލާފު އެހެނިހެން ތަކެތިވެސް އެތެރެކުރުމުގެ ފުރުސަތު އޮންނާނެތީ އެކަން ހުއްޓުވުމަށްޓަކައި ސަރަޙައްދީ ޤައުމުތަކުގެ މެދުގައި މަޢުލޫމާތު ޙިއްސާކުރުމާއި ސަރވައިލަންސް އާއި މޮނިޓަރިންގ އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ކުރަމުންދާކަން ކަސްޓަމްސްއިން ކޮމިޓީގައި ފާހަގަކޮށްފައިވާނެ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.
ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އެމްއެންޑީއެފް އިން ރާއްޖޭގެ ސަރަޙައްދު ކަނޑާއި
ވައިގެ މަގުން 24 ގަޑިއިރު ބަލަހައްޓަމުންދާއިރު ކަސްޓަމްސްއިން ބަލަންޖެހޭ ކަންކަންވެސް އެމްއެންޑީއެފް އާއި ގުޅިގެން
ބަލަހައްޓަމުންދާކަން ފަނީ ބަޔާނުގައި ފާހަގަކޮށްފައެވެ.
އެގޮތުން ދުރާލައި އުޅަނދުފަހަރު އައުމުގެ ކުރިން އެއާބެހޭ މަޢުލޫމާތު ހޯދައި ރިސްކުތައް ދެނެގަނެ، ރިސްކު އޮންނަ ޙާލަތުގައި އެމްއެންޑީއެފް އާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިގެން ޚާއްސަ އޮޕަރޭޝަންތައް ހިންގާކަމަށް ވަނީ ބުނެފައެވެ. މި ކަންކަން ހަރުދަނާ ކުރުމަށްޓަކައި މި މުއައްސަސާތަކުގެ މެދުގައި މަޝްވަރާކޮށް މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޚާއްސަ ތަމްރީނުތައް ދެމުންދާކަމަށް ކަސްޓަމްސް އިން ބަޔާނުގައި ވަނީ ބުނެފައެވެ.
ރީޖަނަލް ޤައުމުތަކުގެ މެދުގައި މަޢުލޫމާތު ޙިއްސާކުރުމާއ،ި ސަރވައިލަންސް އާއި މޮނިޓަރިންގ އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ކުރުމަށް މަސައްކަތްކުރަމުންދާކަމަށް އެ މުވައްސަސާއިން ވަނީ ބުނެފައެވެ.
ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމުގައި ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ކަސްޓަމްސްއިން
ތަންފީޒްކުރަންޖެހޭ ޤާނޫނުތަކާއި ގަވާއިދުތައް ތަންފީޒްކުރުމުގައި ސާބިތުކަމާއެކު ދެމިތިބޭނެކަމުގެ ޔަޤީންކަން އެ މުވައްސަސާއިން ވަނީ ދީފައެވެ.

