ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ދެއްވި ލަފައަކީ ދިވެހިރާއްޖޭގައި ޓުއަރިޒަމް މިއީ ކުރެވޭ ވަރުގެ ކަމެއް ނޫނޭ“

ކުރުނބާ ރިސޯޓު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޗަމްޕާ މުހައްމަދު މޫސާ ނުވަތަ އުއްޗުއަކީ އިތުރު ތައާރަފެއް ބޭނުން ވާނެ ބޭފުޅެއް ނޫނެވެ. ދިވެހިރާއްޖެއަށް ބައިނަލްއަގުވާމީ މައިދާނުގައި ލިބިފައިވާ އެތައް ކާމިޔާބީއަކީ އުއްޗު އަދި އެފަދަ އެހެނިހެން އެތައް ބަޔަކުވެސް ފަސް ޖެހުމެއް ނެތި ކުރެއްވި މަސައްކަތްތަކުގެވެސް ނަތީޖާއެވެ. އެހެންކަމުން ރާއްޖެ އިގްތިސާދީ ގޮތުން އެންމެ ކުރިއަށް ގެންދެވި އެކަކުގެ ބަސްފުޅަކީ މި އަނދަވަޅުން އަރައިގަތުމުގައިވެސް ހެޔޮ ބަސްފުޅަކަށް ވެދާނެއެވެ.

އަޅުގަނޑަށް އުއްޗުއާއި ދިމާވުމުގެ ޝަރަފެއް ނުލިބެއެެވެ. އެހެންނަމަވެސް ޓެކްނޮލޮޖީގެ ޒަމާނެއްކަމަށްވުމުން ނަސީބު ހުރިގޮތުން އޭނާ ދިވެހި އިގްތިސާދާއި ގުޅޭގޮތުން ދެއްވާފައިވާ އިންޓަރވިއުތައް އަޑުއެހުމުގެ ފުރުސަތު ލިބެއެވެ. އެހެންކަމުން އުއްޗުގެ ހިކުމަތްތެރި ބަސްތަކުގެ އަލީގައި ދިވެހިރާއްޖޭގެ އިގްތިސާދަށް ނަޒަރު ހިންގާލާނަމެވެ. މި ރިޕޯޓު ބިނާކުރާނީ މީގެ ދެ އަހަރުކުރިން އުއްޗު ދިވެހި ނޫސް ”މިހާރު“ އަށް ދެއްވި އިންޓަރވިއުއެއްގެ މުހިންމު މައުލޫމާތުތަކުގެ މައްޗަށެވެ.

ދިވެހިންނަށް އިގްތިސާދީ ގޮތުން ކުރިއެރުން ލިބޭނީ ދިވެހިން ނުކުމެގެންނެވެ. އެކަން ހާސިލުކުރެވޭނީ ދިވެހިންގެ ހުރި ކުޅަދާނަމަކަމުގެ ބޭނުން ހިފައިގެންނެވެ. މިކަން ޔަގީނެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ އުއްޗު ވިދާޅުވީ، ފަތުރުވެރިކަމުގެ މަސައްކަތްތައް ފެށިގެން އައީ ރާއްޖޭގެ އާންމުންގެ ކިބައިންކަމަށެވެ. އަދި އެއީ އެއްގޮތަކަށްވެސް ސަރުކާރުގެ ބާރުއެޅުމުގެ މަތިން ވެގެންދިޔަކަމެއް ނޫންކަންވެސް އޭނާގެ ވާހަކަތަކުން އެނގެއެވެ. ކާމިޔާބީގެ ފަހަތުގައިވަނީ އެތަކެއް ބައެއްގެ މިންނެތް މަސައްކަތްތައް ކަމަށްވާއިރު މިއަދު ފަތުރުވެރިކަމުގެ ދާއިރާއަކީ ދިވެހިރާއްޖެއަށް އެންމެ ގިނައިން އާމްދަނީ ލިބޭ އިގްތިސާދީ ގުނަވަނެވެ.

އްޖޭގެ ރައްޔިތުން ލިބިގަނެ އިހުސާސްކުރަމުންދާ ލުއިތަކާއި ހިތްހަމަޖެހުންތައް އަދި ޒަމާނީ ކުރިއެރުންތައް ލިއްބައިދިނުމަށްޓަކައި ބޭނުންވާ މާލީ ގާބިލުކަމަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީއަށް ބަރޯސާވެފައިވާ އެއްޗެކެވެ. ޕްރައިވެޓް ސެކްޓާރގެ މަސައްކަތްތައް ފުޅާކުރަންޖެހެއެވެ. އެކަން ކުރަންވީ ދިވެހިންގެ އަމިއްލަ ވިސްނުމާއި ގާބިލިއްޔަތުގެ ބޭނުން ހިފައިގެންނެވެ.

”ޓުއަރިޒަމް ފެށިގެން އައީ އާންމުންގެ ކިބައިން، އެއްގޮތަކަށްވެސް ސަރުކާރުން މިވެނިކަމެއް އެވަނިކަމެއް ކުރާށޭ ބުނެގެން ފެށުނު ކަމެއް ނޫން“ އުއްޗު

ޕްރައިވެޓް ސެކްޓާރ ފުޅާކުރުމަށް ދިރާސާތައް ބޭނުންވެއެވެ. އެހެންނަމަވެސް އެ ދިރާސާތަކަކީ ކަމަށް ޝައުގުވެރިވާ ދިވެހިންގެ ކޮންޓްރޯލްގައި ކުރެވޭ، ދިވެހިންގެ އަމިއްލަ މަސައްކަތްތަކަކަށް ވާންޖެހެއެވެ. ސަބަބު ވަރަށްވެސް ސާފެވެ. ރާއްޖެ އެނގޭނީ ދިވެހިންނަށެވެ. އަދި ރާއްޖޭގެ މަސްލަހަތަށް މަސައްކަތްކުރާނީވެސް ދިވެހިންކަމަށްވުމުންނެވެ. އުއްޗު ވިދާޅުވީ، ރައީސް އިބްރާހިމް ނާސިރުގެ ދުައުރުގައި ފަތުރުވެރިކަމުގެ މަސައްކަތްތައް ފެއްޓެވުމުގެ ގޮތުން ކުރެވުނު މަޝްވަރާތަކުގެ ތެރޭގައި ރައީސް ނާސިރުވަނީ ލަފާދިނުމުގެ ގޮތުން މީހަކު އައްޔަނުކުރައްވާފައިކަމަށެވެ. އޭނާގެ ވާހަކަތައް ހުރީ މަސައްކަތްތައް ފެށުމާއި ދެކޮޅަށްކަން އުއްޗު އިންޓަރވިއުގައި ހާމަކުރެއްވިއެވެ.

އުއްޗު ވިދާޅުވީ، ރާއްޖޭގައި ފަތުރުވެރިކަމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ރައީސް ނާސިރު އައްޔަނުކުރެއްވި ބޭފުޅާ ލަފާ ދެއްވިކަމަށެވެ. އެގޮތުން ބޯފެނާއި ކާނާ އަދި މޭވާގެ ބާވަތްތައް ރާއްޖެއިން ލިބެން ނެތްކަމަށް ފާހަގަކޮށް ރާއްޖޭގައި ފަތުރުވެރިކަން ކުރެވެން ނެތްކަމަށް އޭނާ ސިފަކުރިކަމަށް އުއްޗު މައުލޫމާތު ދެއްވިއެވެ. އެހެންނަމަވެސް މިއަދު ރާއްޖެއަކީ ދުނިޔޭގެ އެންމެ މަގުބޫލު ފަތުރުވެރިކަމުގެ އެއް މަންޒިލްކަމަށްވުމުންނާއި ރާއްޖެއަކީ ކޮންމެ އަހަރަކުވެސް މި ދާއިރާއިން އެތައް އެވޯޑަކާއި ޝަރަފުތަކެއް ލިބިގެންދާ ގައުމެއް ކަމަށްވުމުން އެ ދުވަހު އެ ދިން ލަފާތައް ބަލައިގަނެ އުއްޗު އަމިއްލަ ވިސްނުމާއި ހިޔާލުގެ މައްޗަށް އަމަލު ނުކުރެއްވިނަމަ، ރާއްޖެ މިއަދު ވަރަށްވެސް ތަފާތުވީސްކަަން ޔަގީނެވެ. މި ދެކެވެނީ ދާއިރާ ފެށިގެން އައި ގޮތުގެ ވާހަކަ ކަމަށްވުމުން މި ކުޑަ ކުޑަ ތަފާތުންވެސް ތާރީހު ބަދަލުކޮށްލީއްސެވެ.

”ފެށިގެން އައި އިރުވެސް ނާސިރުވެސް ދެންނެވި ލަފާދޭނެ މީހަކު އެދުވަސްވަރު، އޭނަ ދެއްވި ލަފައަކީ ދިވެހިރާއްޖޭގައި ޓުއަރިޒަމް މިއީ ކުރެވޭ ވަރުގެ ކަމެއް ނޫނޭ، ކޮބައިހޭ ފެން ކޮބައިހޭ ކާއެއްޗެހި ކޮބާހޭ މޭވާ، މިކަހަލަ ގޮތަކަށް އޭރު ވާހަކަ ހުރީ“ އުއްޗު

އުއްޗު ދެންނެވި ވާހަަކަތަކުން ކަމާއި ތަނާއި ބީރައްޓެހި ހިޔާލުތަކެއްގެ މަތިން މަސައްކަތްތައް ބައްޓަންކުރުމުގެ ބަދަލުގައި ތަޖުރިބާ އަދި އަމިއްލަ ވިސްނުމުގެ މައްޗަށް ކަންކަން ބިނާކުރުން މުހިންމުކަން އެނގިގެންދެއެވެ. އެގޮތުން ކަމެއް ކުރިން ކުރެވިފައި އޮތް ގޮތެއް ބެއްލެވުމުގެ ބަދަލުގައި މަސައްކަތްތައް މަސައްކަތްތައް ކުރިއަށް ގެންދެވީކަމަށާއި، ރަނގަޅުކަންކަން ފާހަގަކުރެވުމުން އެކަމެއްގެ މަތީގައި ދެމިތިބޭކަމަށް އިޝާރާތްކުރެވިއިރު، ނުަބައިކޮށް ކަމެއް ކުރެވުމުން ތަކުރާރުކުރެއްވުމުގެ ބަދަލުގައި އިސްލާހު ކުރައްވާކަމަށް ވިދާޅުވިއެވެ.

މި ކުރު ވާހަކަ ކޮޅުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ ރާއްޖެއަށް މި ދާއިރާގެ ތެރޭގައި އޭރު އަދި މިއަދުވެސް ހުރި އެންމެ ބޮޑު ގޮންޖެހުމެވެ. އޭރެކޭ އެއްގޮތަށް މިއަދުވެސް ފެނާއި ކާނާ އަދި މޭވާއާއި ތަރުކާރީގެ ބާވަތްތައް ލިބުމުގައި ހުރި ދަތިތަކުގެ މައްސަލައަށް ދެމެހެއްޓިނިވި ހައްލެއް އައިސްފައިނުވެއެވެ. އަދިވެސް ރާއްޖޭގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތްތައް ފުރިހަމަކުރެވިފައިނުވެއެވެ. ސާފު ބޯފެން ލިބުމުގައި ދަތިތައް ކުރިމަތިވެ އަވައްޓެރި ގައުމުތަކުންވެސް އެހީގެ ގޮތުގައި ފެން ފޯރުކޮށްދޭންޖެހުނު ފަހަރުތައް މިފަހުންވެސް ދިވެހިން ޖަތުރިބާކޮށްފިއެވެ. ދިވެހި ރައީސްއަށްވެސް ދެނީ ބޭރުން އިމްޕޯޓުކުރާ ފެނުގެ ބްރޭންޑެކެވެ. މައްސަަލައެއް ކަމަށް ނުދަންނަވަމެވެ. އެހެންމަވެސް މިހާރަށްވުރެވެސް ރަނގަޅުކުރެވިދާނެކަމަށް ފެނިގެންދެއެވެ.

މިކަހަލަ ގޮތަކަށް ވާހަކަ ހުރީ، އޭނާ ފޮނުވާލެއްވީ ދެން އަނެއްކާ އޭގެ ފަހުން ގެންނެވި ލަފާދޭ މީހަކު އެއީ އިނގިރޭސިއެއް އޭނަ ބުނަނީ އެއްވެސް ރަށެއްގައި ތޮށި ލައިގެން ނުވާނޭ. ދެން އެހެންވީމާ އެއްވެސް ކަމެއް ކުރީގައި ކުރެވިފައި އޮތީކީ ރަނގަޅަށްތޯ ނުބައިކޮށްތޯ ބަލައިގެންނެއް ނޫން، ހަމަ ކުރަމުން އައީ، ދެން ރަނގަޅު ކަމެއް ކުރެވިއްޖެޔާ ރަނގަޅު، ނުބައިކޮށް ކަމެއް ކުރެވިއްޖެއްޔާ އިސްލާހު ކުރަނީ، އެހެން އައިސް ކުރެވުނު ކަމެއް މިކަމަކީ“ އުއްޗު

ބީފް އާއި މަޓަން ފަދަ ތަކެތި ދިވެހިންގެ ތެރޭގައި އިންތިހާއަށް މަގުބޫލުކަމަށްވުމުން މިތަކެތި އިމްޕޯޓުކުރުމަށްޓަކައި ރާއްޖެއިން ކޮންމެ އަހަރެއްގައިވެސް އެތައް ފައިސާއެއް ބޭރުވެއެވެ. ރާއްޖޭގައި މިއަދު މަދު ބަޔަކު ކޮންމެވެސް ވަރަކަށް ގެރި ބަކަރި ގެންގުޅޭއިރު، އާލާކޮށް އިތުރުކުރެވޭ މިންގަނޑުތައް ދަށްކަަމަށްވުމުން އެ ނޫން ގޮތެއްވެސް ނެތެވެ. ނޫނީ ޑިމާންޑަށް ކޭޓާރ ނުވެއެވެ. މިގޮތަށް ލައިވް ސްޓޮކް ގެންގުޅޭ މީހުންވެސް ޖެހެނީ ސްޓޮކު ހުސްވެގެން ވަކި ހިސާބަކުން އިމްޕޯޓުކުރަންށެވެ. އިމްޕޯޓުކުރާ އަދަދުތައްވެސް އަހަރަކުން އަހަރަކަށް އަންނަނީ އިތުރުވަމުންނެވެ.

އިމްޕޯޓެޑް ގެރިމަހާއި ކުކުޅުގެ ބާވަތްތައް ނުހުންނަ ފިހާރައެއް ރާއްޖޭގައި މަދުވާނެއިރު ދިވެހިރާއްޖޭގައި އާލާކޮށް ގެންގުޅޭ ފްރެޝްތަކެތި ލިބޭނީ މަދު ތަނަކުންނެވެ. ގިނަ ބޭފުޅުންނަށް އެންމެ ތަނެއްވެސް ހިތަށް އަރުވާލަން ދަތިވާނެއެވެ. މިފަދަ ދާއިރާތަކަކީވެސް ޕްރައިވެޓް ސެކްޓާރގެ މަސައްކަތްތަކެކެވެ.

ބިމުގެ ދަތިކަން ހުރުމުން ދިރިއުޅުމުގެ ބޭނުމަށް އިތުރުކުރާ އުސޫލުން މިކަމަށްވެސް ބިން އިތުރުކޮށް ހާއްސަ ކުރަންވީއެވެ. ގެރިބަކަރި ކޮޅެއް އިމްޕޯޓުކޮށްލަން ޖެހުނަސް އެއަށްފަހު އެކަށީގެންވާ މާހައުލެއްގައި އާލާވެގެންދާނެއިރު، މިތަކެތީގެ ކެއިން ބުއިން މެނޭޖުކުރުމަށްވެސް އަދުގެ ޒަމާނީ ވިސްނުންތަކުގެ ބޭނުން ހިފިދާނެއެވެ. ގައުމީ ވިސްނުމެއްގެ މަތިން ތަރުކާރީއާއި މޭވާ ތޮށި އަދި އެފަދަ ޕެރިޝަބަލްސް ރިސައިކަލް ކޮށްފި ހާލަތެއްގައި އެތަކެތީގެ ކާނާ މެނޭޖުކުރެވޭނެއެވެ. އިތުރު މާ ބޮޑު ހަރަދުތަކެއް ނުހިނގާނެއެވެ. ރިސައިކްލިންގް މަސައްކަތްތައްވެސް އިތުރަށް ހަރަދުނާ ވެގެންދާނެއެވެ.

މިކަން ރަނގަޅު ވިސްނުމެއްގެ މަތިން ކޮށްފި ނަމަ، ގެރި ކިރުވެސް ރާއްޖެއިން އުފައްދާ މިންވަރު އިތުރުކުރެވިދާނެއެވެ. ވަޒީފާތަކުގެ އަދަދުގެ ވާހަކަވެސް ދައްކާނެކަމެއް ނެތެވެ. ރިސައިކްލިންގް މަސައްކަތްތަކަށް ގެންނަ ކުޑަ ބަދަލުތަކަކާއިއެކު އެންވައިރަމެންޓަލް އެތައް ގޯލެއްވެސް ހާސިލުވާނެއިރު ކާބޯތަކެތި ތަގައްޔަރުވެގެން ކުރިމަތިވާ ނުރައްކާތަކުންވެސް ރާއްޖެއަށް ރެކުމަށް ފުރުސަތު ފުޅާވެގެންދެއެވެ. ރިސޯޓުތަކާއި ގެސްޓްހައުސްތައް ފަދަ ތަންތަނުން ރިސައިކްލިންގް މަސައްކަތްތައް ތަރުތީބުކޮށް އުއްޗު ވިދާޅުވާ ގޮތަށް ރަނގަޅުކަންކަން ފާހަގަކޮށް ނުރަނގަޅު ކަންކަން އިސްލާހުގެކޮށްގެން މަސައްކަތްތައް ސްޓްރީމްލައިންކުރަންވީއެވެ. މިފަދަ މަސައްކަތްތަކެއް ރާއްޖެއަށް ބޭނުންޖެހިފައިވާ މިންގަނޑު ފެނިގެންދަނީ ސީފުޑުގެ ބާވަތްތައްވެސް އިންތިހާ ގިނަ އަދަދަކަށް ރާއްޖެއަށް އިމްޕޯޓުކުރަންޖެހޭތީއެވެ.

މިދެކެވެމުންދަނީ ދިވެހިރާއްޖެއިން ބޭރުވުން ހުއްޓުވުމުގެ ފުރުސަތު އޮތް އެތަކެއް މިލިއަން ޑޮލަރެއްގެ ވާހަކަ ކަަމަށްވާއިރު، ކެއިން ބުއިމަަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމާއި ގުޅިފައިވާކަމަށްވުމުން، ރާއްޖޭގެ ރައްޔިތުންގެ ސިއްހީ ދުޅެހެޔޮކަން ކަށަވަރުކުރުމުގެ ގޮތުންވެސް ދިވެހިރާއްޖޭގައި ބޭނުންކުރާ ކާނާ އާއި ބުއިމުގެ ބާވަތްތައް އުފެއްދުމުގައި ދިވެހިންގެ ދައުރު އިތުރުކޮށް، ބައިނަލްއަގުވާމީ މާކެޓުން ކުއްލި ކުއްލިއަށް ފާހަގަކުރެވެމުންދާ ނުރައްކާތެރި މައްސަލަތަކުން ރާއްޖޭގެ ރައްޔިތުން ރައްކައުތެރިކުރުމަށް މިފަދަ މަސައްކަތްތަކެއް ކުރުން މުހިންމެވެ.

އުއްޗުގެ ވާހަކައިން އެތައް އިބުރަތެއް ލިބިގަނެވިދާނެއެވެ. ރާއްޖޭގެ ކުރިމަގާއި މަސްލަހަތަށް ނުވިސްނާ މީހަކަށް ނުވަތަ ރާއްޖެ ނޭނގޭ މީހަކަށް ދިވެހިން ދެކެމުންދާ ހުވަފެން ތަސައްވުރު ނުކުރެވިދާނެއެވެ. ޕްރައިވެޓް ސެކްޓާރ ދިވެހިންގެ ދުޅަހެޔޮކަމަށް ފުޅާވެގެންދިއުން އިންތިހާއަށް މުހިންމެވެ. ދިވެހިރާއްޖެއާއި ގުޅޭގޮތުން ދިވެހިން އަމިއްލަ އަށް ދިރާސާތައް ކުރުން ކޮންމެހެންވެސް ބޭނުންތެރިއެވެ. ދިވެހިރާއްޖެއަށް އެންމެ ބޭނުންތެރި ދާއިރާތަކުގެ ތެރޭގައި ދަނޑުވެރިކަމުގެ މަސައްކަތްތަކާއި ގެރިބަކަރި ފަދަ ތަކެތި އާލާކޮށް އެތަކެތިން މަންފާ ހޯދުމުގެ މަސައްކަތްތައްވެސް ހިމެނެއެވެ. ސީފުޑް ފަދަ ތަކެތިވެސް އިމްޕޯޓުކުރުން މަދުކުރަން އެކުއަކަލްޗާ މަސައްކަތްތައް ފަށާ ފުޅާވާ ރޭޓާއި އެއް ހަމަ ރޭޓެއްގައި އިމްޕޯޓު މިންގަނޑުތައް ދަށްކޮށްލެވޭނެއެވެ. ދިވެހިންނަށް ދިވެހިންގެ ކެއިންބުއިން ބެލެހެއްޓެން އެބަޖެހެއެވެ.

ވަރަށް ގަދަ
86%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: