ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެނަށް ވެސް އެނގޭ، އެކަމަކު ތިބީ ލޯމަރާލައިގެން!

އެންޓީ ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރެއް ބަދަލުވުމާއި އެކީގައި، މިނިވަން މުވައްސަސާތަކުން ހޭވެސް ހިތަށް އަރުވާ ނުލައި ބޮޑެތި ބަޔާންތައް ނެރެ ނިމިގެން ދާ ފަސް އަހަރުގެ ލައްކަ ވާހަކައެއް ތިލަ ކުރެ އެވެ. ކޮރަޕްޝަނާއި، މަގާމުގެ ނުފޫޒު ފޯރުވުމާއި، ގާނޫނަށް އަމަލު ނުކުރުމާއި، ދޭ ލަފާތަކަށް ބީރު ކަންފަތެއް ދިނުން އަދި އިހުމާލުގެ ވާހަކަތައް ދައްކަ އެވެ. އެކަމަކު މި ދެ ދުވަހަކު އެންޓި ކޮރަޕްޝަން ކޮމިޝަން ރައްޔިތުންގެ މަޖިލީހުގެ ދެ ކޮމިޓީއަކަށް ހާޒިރުވެ ދަތް ނެތް ސިންގާއަކަށް، އަލަށް ކަމެއް ފެނުނުހެން ދެއްކި ވާހަކައިން އަޅުގަނޑު މިހުންނަނީ ހަމަ ހައިރާންވެފަ އެވެ. އެއަށް ފަހު އޮޑިޓަރ ޖެނެރަލްގެ އޮފީސް ބޭފުޅުން ވެސް ހާޒިރުވެ ހަމަ އެ ވާހަކަތަކެވެ.

އެންމެ ފުރަތަމަ ވެސް ފަށާނީ، ކޮރަޕްޝަނުގެ ހާއްޔެއްގެ ބޮޑެތި މެޑަލްތައް ލިބިފައި އޮތް ފެނަކައިންނެވެ. ދައުލަތުގެ ފައިސާ އެއްކޮށް ބައި އަޅާ ހުސްކޮށް، އެތައް މިލިއަން ރުފިޔާއެއްގެ ހިޔާނާތް ފުންޏަކަށް ޖެހިފައި އޮތް އިރު އޭރު އޭސީސީ އޮތީ ގަދަ ނިންޖެއްގަ އެވެ. ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅައި، މީޑިއާތަކުން ރިޕޯޓުތައް ލިޔަމުން ދިޔައިރު އެ ކޮމިޝަނަށް އެންމެ ބަހެއް ވެސް ބުނަން ނުކެރުނެވެ.

މި ދައްކަނީ ކުންފުނީގެ މުވައްޒަފުން ވެސް ނިކުމެ، ހެއްކާއި އެކު އެ ވާހަކަ ދެއްކުމުން ވެސް ހިރުވާތަން ކަހާ ވެސް ނުލީ ވާހަކައެވެ. އެއަށް ބަލައިގެން، ”ހަމަ ތެޅިތެޅި ތިބުން ނޫން ގޮތެއް“ ފެނަކައިން މިލިއަނުން ފައިސާ ދޭން ޖެހިފައި އޮތް ބަޔަކަށް ނެތެވެ. ރައްޔިތުން ޖެހުނީ ހިން ދިރުވާލައި ބަލަހައްޓައިގެން ތިބެންށެވެ.

ހިޔާނާތުން ދޮވެލާފައި އޮތް، ފެނަކައިގެ އެތައް ވާހަކައެއް ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ދެއްކެވިއިރު ސަހަރޯ ހީވި އެވެ. މަޝްރޫއުތައް ނުނިންމައި، ބަޖެޓު ހުސްކޮށްލާފައި އެބަހުއްޓެވެ. އެކި މީހުންނަށް ނުހައްގު މުއްސަނދިކަން ލިބިފައި އެބަހުއްޓެވެ.

ދެ ކޮމިޓީގައި ވެސް ކޮމިޝަނުގެ ބޭފުޅުން އެ ދެއްކެވި ވާހަކަ ހަމަ އެ ބާރު މިނުގައި، މީގެ އަހަރުތައް ކުރިން ދެއްކި ނަމަ ކޮމިޝަނުގެ ޒިންމާ އަދާކުރިކަން ގަބޫލު ކުރެވުނީހެވެ. 60 މަޝްރޫއުއެއް ނުނިންމައި ބަޖެޓު ހުށްކޮށްލިކަމަށް ކުރާ ތުހުމަތުގައި ކޮމިޝަނުން ބުނަނީ ބައެއް ކުރީ ވެރިންގެ މީހުންގެ ބޭންކް ޓްރާންސެކްޝަން ދިރާސާ ކުރަމުންދާ ކަމަށެވެ. މި ބުނާ މައުލޫމާތުތައް ހޯދައި، އެ މީހުންނަށް ލިބިފައިވާ ނުހައްގު މުއްސަނދިކަން ދެނެނުގަނެވޭނެކަމަށް ޝާމިލް ދެކެ އެވެ.

ކޮމިޝަނުން ކުރާނީ ތުހުމަތު ކުރެވޭ ނުވަތަ ޝައްކު ކުރެވޭ މީހުންގެ ބޭންކް ޓްރާންސެކްޝަން ހިންގާފައިވާ ގޮތް ބަލައި އޭގެ އެނަލިސިސްއެއް ހެދުމުގެ މަސައްކަތެވެ. މި ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ކުރަނީ މަގާމު ބޭނުންކޮށްގެން ނުހައްގު މަންފާ ހޯދައިދިނުމާއި، މަގާމު ބޭނުންކޮށްގެން ނުހައްގު މަންފާ ލިބިގަތުން އަދި ހިޔާނާތައި ރިޝްވަތު އަދި ނުހައްގު މުއްސަނދިކަމުގެ ތުހުމަތެވެ.

މިހުރިހާ ހާޖާނަކަށް ބާރު ލިބޭ ގޮތަށް، ކޮމިޝަނުން ނެރުނު ބަޔާނެއްކަމަށް ފެންނާން އޮތީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ނިމި ޓްރާންސިޝަނަލް މުއްދަތު ފެށުމާއި އެކު ނެރުނު ރިޕޯޓެވެ. އެއީ 24، އޮކްޓޯބަރ 2023 ގައި ކޮމިޝަނުން ނެރުނު ބަޔާޏެވެ. ބަޔާނު ބުނީ ކުންފުންޏާއި ގުޅޭ 75 މައްސަލައެއްގެ ތަހުގީގު މިހާރު ވެސް ކުރިޔަށް ދާކަމަށެވެ. ފެނަކައާއި ގުޅޭ ގޮތުން އެކި މައްސަލަތައް ތަހުގީގު ކުރުމަށްފަހު، އެ މައްސަލަތަކާ ގުޅިގެން، އެ މައްސަލަތަކުގައި ހިމެނޭ ފައިސާގެ ތެރެއިން 20.5 މިލިއަން ރުފިޔާ ހޯދުމަށް އެ ކުންފުންޏަށް އަންގާފައިވާއިރު އެ މައްސަލަތަކުގެ މާ ބޮޑު ތަފްސީލެއް ނޭނގެ އެވެ.

ޕާޓީއެއްގެ އެތެރޭގެ އިންތިހާބާއި، އެހެނިހެން އިންތިހާބުތަކަށް އެ ކުންފުނިން ވަޒީފާތައް ކިހިލީގައި ޖަހައިގެން ދުވި ވާހަކަ އަދިވެސް ރައްޔިތުން ހަނދާނުގައި އެބަހުއްޓެވެ. އެކަމަކު، އެ މަންޒަރު ފެންނާތީ އެހެން ކޮޅަކަށް އެނބުރި އޮތީ އޭސީސީ އެވެ. އެކަމަށް ބޭނުން ކުރާނެ، ބަހަނާއެއްކަމަށް އޮތީ ގާނޫނީ ބާރުވެރިކަން ނެތުމެވެ. އެކަމަކު ލިބިދީފައި އޮތް ކޯޓު އަމުރު ހޯދައިގެން ބަލައި ފާސް ކުރުމާއި، އަމިއްލަ އިސް ނެގުމަށް މައްސަލަ ބެލުން އޮތީ ހަނދާނުން ކައްސާލައިފަ އެވެ. ރައީސްގެ ފެހި ސިގްނަލެއް، ނުވަތަ ރައީސުލްޖުމްހޫރިއްޔާ ރުހޭތޯ، ނުރުހޭތޯ ބަލަން އޭސީސީ އޮންނާކަށް ނުޖެހެ އެވެ. ގާނޫނުގައި އޮތީ ފައިލު ފޮށިތައް ހިފައިގެން ރައީސް އޮފީހަށް ދާކަށެއް ވެސް ނޫނެވެ.

އިންތިހާބަށް ކަޑަޖަހައި، އިންޖީނުގޭގެ ނަމުގައި ބޮޑެތި ގަނޑުވަރުތައް ކުންފުނިން އެޅިތައް މިހާރު ވެސް ހުރީ ފެންނާންށެވެ. މީގެކުރިން އައުޓްސޯސް ކުރި އެ މަސައްކަތަށް ސީދާ ކުންފުނި ވަދެ، ކޮންޓްރެކްޓަށް އެތައް ސަތޭކަ މުވައްޒަފުން ނެގި އެވެ. މިއަދު ވަޒީފާއިން ވަކި ކުރީކަމަށް ބުނެ، ނުރުހުންފާޅު އެ ކުރަނީ ކޮންޓްރެކްޓަށް ނަގައި އެއްވެސް މަސައްކަތެއް ނެތި ތިބި މުވައްޒަފުންނަށެވެ.

އޭސީސީއާއި އެކު އޮޑިޓަރ ޖެނެރަލްގެ އޮފީސް ވެސް ހޭލައި ބުނީ، ތިމަންނާމެން އެތައް ފަހަރެއްގެ މަތީން ހުށަހަޅައިގެން ވެސް ސަރުކާރު ކުންފުނިތަކުން ލިޔެކިއުންތައް ނުދޭކަމަށެވެ. މި ދައްކަނީ، އެއް ދުވަހެއްގެ ވާހަކައެއް ނޫނެވެ. ދޭން ބުނި ލިއުން ނުދީ، އެއީ ސިއްރެއްކަމަށް ބުނެ ހިފެހެއްޓިއިރު އޮޑިޓަރ ޖެނެރަލް އެ ވާހަކަ ނުދައްކަވަ އެވެ. މިއަދު މަޖިލިސް ކޮމިޓީގައި ދެ އަހަރު، ތިން އަހަރުވެފައި ހުރި މައްސަލަތަކުގެ ވާހަކަ ދެއްކުމުން އެކަމާ ކޮންމެ މީހަކު ވެސް ސުވާލު އުފައްދާނެކަން ޔަގީނެވެ.

ދައުލަތުގެ ފައިސާ ހިފައިގެން، ނުވަތަ އެޔަށް ހިޔާނަތްވުމަށް ފަހު ނުހައްގު މުއްސަނދިކަމެއް ހޯދައިގެން އެތައް ބަޔަކު ފުރައިގެން ރާއްޖެއިން ބޭރަށް ގޮއްސި އެވެ. މުއައްސަސާތަކަށް ރެޑް ނޯޓިސްއެއް ނެރެލައިގެން ތިބުން ނޫން ގޮތެއް ނެތެވެ. އެ ފައިސާ ދައުލަތަށް ލިބޭނެ ގޮތެއް ނެތެވެ. އަދި އެ ވާހަކަ އެވެ. ތަހުގީގުތަކަށް ފަހު ދައުލަތަށް އަނބުރާ ލިބެން ޖެހޭ 74 މިލިއަން ރުފިޔާގެ ތެރެއިން އޭސީށީއަށް މިދިޔަ އަހަރު ހޯދުނީ އެންމެ ދެލައްކަ ރުފިޔާ އެވެ. މި ދެލައްކަ ހޯދަން، ކޮމިޝަނުން ކުރި ހަރަދު ވެސް އެއަށް ވުރެ ބޮޑުވާނެކަން ޔަގީނެވެ.

ދެން މި ވާހަކަ، އަލަށް ދަތެއް ލިބުނު އުސޫލުން އޭސީސީ ދައްކަން ފެށީމައި ހަނދާނަށް އަންނަނީ އެމްއެމްޕީއާރުސީ މައްސަލަ އެވެ. ކުއްލިއަކަށް ދައުލަތުގެ ހުރިހާ މުވައްސަސާއެއް ހޭލައި، މައްސަލަ ބަލަން ފެށިއިރު މުޅި ދައުލަތް އޮތީ ދޮވެ ނިންމާލާފަ އެވެ. އޭގެ އަށް އަހަރު ފަހުން ވެސް އެ ފައިސާ ހޯދައި ރިކަވަރ ކުރެވޭނެ ގޮތެއް ނެތެވެ.

އެހެންވީމާ، މިއަދު މަޖިލިސް ކޮމިޓީގައި އޮޑިޓަރ ޖެނެރަލްއާއި އޭސީސީ ކުންފުނިތަކުގެ ކޮރަޕްޝަނުގެ ފައިލްތައް ގިނަކަމަށް ބުނުމުން އެބޭފުޅުންގެ އިހުމާލުގެ ސުވާލު ފުރަތަމަ ކުރުން ނޫން ގޮތެއް ނެތެވެ. ގާނޫނީ ގޮތުން، އަންގާ އެންގުމަށް، ތަބައަ ނުވާނަމަ ފިޔަވަޅު އެޅުމުގެ ބާރު އޮޑިޓަރ ޖެނެރަލަށް ލިބިގެން ވެއެވެ.

އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ މަޖިލިސް ކޮމިޓީގައި ކުރެއްވީ، ކުންފުނިތަކާއި އިދާރާތަކުން މަސައްކަތަކަށް އެއްވެސް އެއްބާރުލުން ނުދޭކަމުގެ ޝަކުވާއެކެވެ. ކުންފުނިތަކުގެ ޖާނުން ވަރުގަދަ، ނުފޫޒު ހުރި ވެރިންނާއި ހުރެ މަސައްކަތް ކުރެވޭނެ މަގު މަދުވެފައި އޮތް ކަމަށެވެ. ބައެއް އިދާރާތަކުން މައުލޫމާތުތައް ހާމަކުރުމުގައި ހިފެހެއްޓުމެއް ގެންގުޅޭއިރު ބައެއް ތަންތަނުން އެއްވެސް ވަރަކަށް މައުލޫމާތު ނުދިނުމުގެ ސިޔާސަތެއް ވެސް ގެންގުޅޭކަމަށް ނިޔާޒީ ވިދާޅުވި އެވެ. އަދި ހަމަ އެ ނޭވާގައި ވިދާޅުވީ، އޮޑިޓު އޮފީހުން މައުލޫމާތު ދޭން އެދުމުން މުވައްޒަފުންނަށް ބިރު ދައްކާކަމަށެވެ. ހަމައެއާއި އެކު މި ބުނާ ކުންފުނިތަކުން މައްސަލައިގައި ހިމެނޭ، އޮޑިޓަރުން ބޮޑު މުސާރަދީ ކުންފުނީގެ ވަޒީފާއަށް ނަގާކަމަށް ވިދާޅުވި އެވެ.

މިކަމަށް މަގާމުގެ ނުފޫޒު ބޭނުން ކުރުމާއި، ކޮރަޕްޝަނަށް މަގުކޮށުން ނޫން އެހެން އެއްޗެއް ބުނެވެން ނެތެވެ. އޮޑިޓު އޮފީސް ވެސް ހަމަ ދެއްކީ މަޝްހޫރު ފެނަކައިގެ ވާޖަކ އެވެ. ފެނަކައިން ލިޔުންތައް ހާމަ ނުކުރާ ކަމަށް އޮޑިޓާ ޖެނަރަލް އޮފީހުން ބުނި ނަމަވެސް އޮޑިޓް އޮފީހަށް އޮތީ އެއްބާރުލުން ނުދޭ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ ބާރު ވެސް ގާނޫނު ތެރެއިން ލިބިދީފަ އެވެ.

އެއްވެސް އާރެއް ބާރެއް ނެތް ބައެއްކަމުގައި ހެދި، ލޯމަރާލައިގެން އޮތީ ކޮން ސަބަބަކާއި ހުރެކަން ވެސް ކޮމިޝަނާއި އޮޑިޓު އޮފީސް އެ ދުވަހު މަޖިލީހުގައި ސާފުކޮށްދޭން ޖެހެ އެވެ. 2021 އިން ފެށިގެން ހޯދަން އުޅޭ ލިއުމެއް ނުދޭ ވާހަކަ މިއަދު ކޮންމެހެން ކޮމިޝަނުން ދައްކާކަށް ނުޖެހެ އެވެ. ކުންފުނީގެ މާ ވަރުގަދަ، އެމްޑީއެއް ހުންނަވައިގެން މަަސައްކަތަށް ބާރު ފޯރުވި ވާޙަކަ ދައްކަންވީ މިއަދަކު ނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: