ތައުލީމީ ގޮތުން މޮޅު މީހަކަށްވެގެން ނުފުދޭކަމަށާއި، ދިރިއުޅުމަށް ބޭނުންވާ މަސައްކަތުގެ ހުނަރާއި ސިފަތަކާއި އަހްލާގު އަށަގަންނުވަން ޖެހޭކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަަދައިން ވިދާޅުވީ ރޭ ހުރަވީ ސުކޫލުގައި ބޭއްވި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕާއި، ހައި އެޗީވަރސް ސްކޮލަރޝިޕްގެ ލިޔުން ހަވާލުކޮށްދެއްވުމުގެ ރަސްމިއްޔާތު ދެއްކެވި ވާހަކައިގައެވެ.
މިނިސްޓަރު މާރިޔާ ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ދެއްވާ ލަފާގެ މަތިން ދިވެހި ޒުވާނުން އިލްމީ ގާބިލު މީހުންނަށް ހެއްދެވުމަށްޓަކައި ކޮއްޓަވައިދެއްވާ މަގުތައް ވަރަށް ގިނަކަމަށެެވެ. ދިވެހިންނަށް ވަޒީފާގެ ފުރުސަތު ކަށަވަރުކޮށްދެއްވުމަށްވެސް މި ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށް ވިދާޅުވިއެވެ.
މިކަމުގެ ނަތީޖާއެއްގެ ގޮތުން ކުރިއަށް އޮތްތާގައި ފެންނާނީ އުފާވެރި ފުދުންތެރި އިލްމީ ޤާބިލު ޖީލެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ބާރު ދުވެލީގައި ކުރިއަރާ ތަރައްގީވެ ދުނިޔެ ބަދަލުވަމުންދާކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ކޮންމެ ގައުމަކުން ކިޔެވި ނަމަވެސް ކޮންމެ ކުއްޖަކީ ވެސް ފުރިހަމަ މުސްލިމުންގެ ގޮތުގައި ތިބި ދިވެހީންކަން ހަދާން ކުރަން ޖެހޭކަމަށެވެ. ދަރިވަރުންނަށް ކުރާ ހޭދައަށް ވުރެ، މަތީ ދަރަޖައަކަށް ދަރިވަރުންގެ ހިދުމަތަށް ގައުމު އެދޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެކާވީސް ވަނަ ގަރުނަށް ބޭނުންވާ ހުނަރާއި އިލްމު ލިބިގަނެ، އޭގެ ހަގީގީ މަންފާއަކަށް ވާންވާނީ، އަޅުގަނޑުމެން ބޭނުންވާ ބާރުމިނުގައި ގައުމު ހިންގުން.
މިނިސްޓަރު ވިދާޅުވިއެވެ.
އެކާވީސް ވަނަ ގަރުނަށް ބޭނުންވާ ހުނަރާއި އިލްމު ލިބިގަނެ، އޭގެ ހަގީގީ މަންފާއަކަށް ވާންވާނީ، ބޭނުންވާ ބާރުމިނުގައި ގައުމު ހިންގުންކަމަށާއި، އެކަން އެގޮތަށް ހިނގާނީ މޮޅު ދިވެހީންގެ ހިދުމަތް މި ޤައުމަށް ލިބިގެންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ދުނިޔޭގައި ކާމިޔާބީއަށް ބޭނުންވާ އިލްމާއި ހުނަރުތައް ނުފެންނަހާ ބާރު ދުވެއްޔެއްގައި ކުރި އަރައިގެން ދަނީ ވަޒީރު ވިދާޅުވި ގޮތުގައި ގައުމުތަކުގެ މެދުގައި އުފެދިފައިވާ ވާދަވެރިކަމުގެ ސަބަބުންނެވެ. ތައުލީމީ މޮޅުކަމަށް ބަރޯސާވެގެން މިހާރު ނުފުދޭނެކަމަށާއި، އޭގެ ބަދަލުގައި އެކާވީސް ވަނަ ގަރުނުގައި ދިރިއުޅުމަށް ބޭނުންވާ މަސައްކަތުގެ ހުނަރާއި ސިފަތަކާއި އަހްލާގު އަށަގަންނުވަން އެބަ ޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”ހަތަރުވަނަ ސިނާއީ“ އިންގިލާބުގެ ހުނަރާއި ސިފަތަކާއިއެކު ގައުމުގެ މުސްތަގުބަލް އާރާސްތުކޮށް، އުޖާލާ ކުރުމުގެ ޒިންމާ އަދާކުރުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވިއެވެ
މަތީ ސާނަވީ އިމްތިހާނުގައި ރާއްޖޭގެ 45 ސްކޫލަކުން 1،407 ދަރިވަރަކު ބައިވެރިވެފައިވާއިރު 136 ދަރިވަރަކު ވަނީ ފަސް މާއްދާ އިން މަތީ ގްރޭޑްތައް ހޯދައިފައެވެ.
އެ ދަރިވަރުންގެ ތެރެއިން 19 ދަރިވަރަކު ވަނީ ފަސް މާއްދާ އިން ”އޭ ސްޓާ“ ހޯދައި، ރައީސްގެ ސްކޮލާޝިޕް ހާސިލްކޮށްފައެވެ. އަދި 117 ދަރިވަރަކު ފަސް މާއްދާ އިން ”އޭ“ ހޯދައި ހައި އެޗީވާސް ސްކޮލާޝިޕް ހާސިލްކުރިއެވެ.

