އޯލެވެލް އިމްތިހާނުން 5 މާއްދާއިން ފާސް ނުވީ ނަމަވެސް، ސަރުކާރުގެ ސްކޫލްތަކުން އޭ ލެވެލް ކިޔެވޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީއިން އުސޫލަށް ބަދަލު ގެނެސްފިއެވެ.
އެ ވުޒާރާއިން ވަނީ މިކަމާއި ގުޅިގެން ސްކޫލްތަކަށް ސާރކިއުލާއެއް ފޮނުވާފައެވެ. މަތީ ސާނަވީ ތައުލީމު ދޭ އުސޫލަށް ބަދަލުގެނެސްފައިވާކަން އެންގުމަށް ފޮނުވި މި ސަރކިއުލާގައި ބުނެފައިވަނީ އޯލެވެލް އިމްތިހާނުގައި ދިވެހި ނުވަތަ އިސްލާމް މާއްދާއިން ދަށްވެގެން ސީ ފާސް ލިބުމާއެކު، ސައިންސް ނުވަތަ ބިޒްނަސް ސްޓްރީމުން މަދުވެގެން ދެ މާއްދާއިން ދަށްވެގެން ސީ ފާހެއް ލިބި، އިތުރު އެއް މާއްދާއިން ދަށްވެގެން ސީ ފާހެއް ހޯދުމުންވެސް އޭލެވެލްއަށް ވަދެވޭނެކަމަށެވެ.
ދަށްވެގެން ތިން މާއްދާއިން ސީ ފާހެއް ލިބުމުންވެސް ވަދެވޭނެކަމަށް މި ސަރކިއުލާގައިވެއެވެ. އިންޑިވިޖުއަލް އެޑިއުކޭޝަން ޕްލޭނެއްގެ ދަށުން އިމްތިހާނު ހަދާނަމަ ބައިވެރިވި މާއްދާތަކުގެ ތެރެއިން ދެ މާއްދާއިން ދަށްވެގެން ސީ ފާހެއް ލިބިއްޖެނަމަ މިފަދައިން އިމްތިހާނު ހަދާ ދަރިވަރުންނަށް ބައިވެރިވެވެއެވެ. ދަރިވަރު ކިޔަވަން ބޭނުންވާ މާއްދާ ނުވަތަ މާއްދާތަކުން ސާނަވީ ނިންމައި އިމްތިހާނަކުން ދަށްވެގެން ސީ ފާހެއް ލިބިފައިވުންވެސް މީގެ ތެރޭގައި ހިމަނާފައިވެއެވެ.
މީގެ ކުރީގައި އޮންނަ ގޮތުން ސަރުކާރު ސްކޫލްތަކުން އޭލެވެލްއަށް ކިޔެވެނީ އީ މަޖުބޫރު 4 މާއްދާގެ އިތުރަށް އެއް މާއްދާއިން ފާސްވެގެންނެވެ.
މިއީ ސަރުކާރުގެ ސްކޫލްތަކުގެ ޖާގަހުރިނަމަ ގިނަ ދަރިވަރުންނަށް ފުރުސަތު ދިނުމުގެ މަގުސަދުގައި ގެނައި ބަދަލެއްކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.

