ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ނަޒާހަތްތެރިކަން އިސް ކުރުމަށް، ހޯމް މިނިސްޓަރ އަލީ އިހުސާން އިލްތިމާސް ކުރައްވައިފި އެވެ.
ކަސްޓްމްސް ސާވިސްއަށް 134 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި އިހުސާން ވިދާޅުވީ ޔުނިފޯމް އަޅައިގެން ރައްޔިތުންނަށް ހިދުމަތް ދޭ ކޮންމެ އޮފިސަރަކު މަސައްކަތް ކުރަން ޖެހޭނީ އިހުލާސްތެރިކަމާއި އެކު ކަމަށެވެ. މިނިސްޓަރ ވިދާޅުވީ އޮފިސަރުންގެ ހާއްސަ ސަމާލުކަމެއް ހުންނަން ޖެހޭނީ ގާނޫނު ތަންފީޒު ކުރުމަށް ކަމަށެވެ.
އިހުސާން ވިދާޅުވީ ރާއްޖޭގެ ބޯޑަރ ސެކިއުރިޓީގެ އިތުރުން، ރައްޔިތުންނަށް ޓްރޭޑް ފެސިލިޓޭޝަން ފޯރުކޮށްދޭން ވާނީ ރައްޔިތުންނާ ވީހާ ވެސް ގާތުން ކަމަށެވެ. އެހެންކަމުން، އެގޮތަށް މަސައްކަތް ކުރުމަށް، އިހުސާން އެދިވަޑައިގެންނެވި އެވެ.
މިނިސްޓަރ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުމަކީ ވީހާވެސް އަވަހަށް ރައްޔިތުންނަށް ހިދުމަތް ދެވޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ. އަދި ކަސްޓަމްސްގެ ހިދުމަތާއި މެދު ރައްޔިތުން ދެކޭ ގޮތް އެއް ދުވަހަށް ވުރެ އަނެއް ދުވަހެއް ބަދަލުވެ ރަނގަޅުވުމަށް ރައީސް ބޭނުންވާކަމަށް ވިދާޅުވި އެވެ.
ރައީސްގެ ވިސްނުންފުޅަކީ މުއައްސަސާތަކުން ވީހާވެސް އަވަހަށް ޚިދުމަތް ދެވޭނެ މަގު ރައްޔިތުންނަށް ފަހިކޮށްދިނުން. ކަސްޓަމްސްގެ ޚިދުމަތާމެދު ރައްޔިތުން ދެކޭ ގޮތް އެއްދުވަހަށްވުރެ އަނެއް ދުވަހެއް ބަދަލުވެ ރަނގަޅުވެގެން އައުމަކީ އެމަނިކުފާނު ކުރައްވާ އުންމީދެއް.
ކަސްޓަމްސްގެ ހިދުމަތަކީ ދިނުމަށް ފަސޭހަ ޚިދުމަތެއް ނޫންކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ ޔުނީފޯމް އަޅައިގެން ދޭ އެއްވެސް ޚިދުމަތަކީ އޭގެ ޒާތުގައި ފަސޭހަ ޚިދުމަތެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ކަސްޓަމްސްގެ ހިދުމަތަކީ ރާއްޖޭގެ ބޯޑަރުތަކުގެ ކައިރިންދޭ އެންމެ އުނދަގޫ އެއް ހިދުމަތް ކަމަށާއި، ރައްޔިތުންނާއި ގާތުން ސަލާމަތީ ކަންކަން ކަށަވަރު ކުރުމާއެކު އެ ޚިދުމަތަކީ ދިނުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށްވެސް އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ ކަސްޓަމްސްއިން ދޭ ހިދުމަތަކީ ފަސޭހަ ޚިދުމަތެއް ނޫންކަމަށާއި، ރައްޔިތުންނާއި ގާތުން ހިދުމަތް ދެމުންދާއިރު އަބަދުވެސް ސަލާމަތީ ކަންކަން ކަށަވަރުކުރަމުން ގެންދަންޖެހޭކަމަށެވެ. ހަމަ މިއާއެކު، ކަސްޓަމްސްއިން ދެމުންގެންދާ ހިދުމަތްތައް ދިނުމުގައި ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލާން ވާނީ، ކަސްޓަމްސް އިން ގަބޫލުކުރާ ހަމަތައްކަމަށްވާ؛ ”އިންޓެގްރިޓީ“، ”ރެސްޕެކްޓް“، ”ކޮމިޓްމަންޓް“، ”އެމްޕަތީ“ އަދި ”ވިޖިލިޓީ“ ގެ ހަމަތަކުގެ މަތިންކަމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހަައްމަދު މުވައްޒަފުންނާ މުޚާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައި، ރައީސް މުއިއްޒުގެ ވެރިކަމުގެ ސިޔާސަތާއި އެއްގޮތަށް އާއްމު ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށްޓަކައި ޚާއްސަ ސަމާލުކަމެއްދޭކަމަށާއި، އެކަމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވި، ކާމިޔާބީތަކެއް ހާސިލްކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.

