ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކުން ހެޔޮ ބަދަލު އެބަ ފެނޭ، ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަންއަކަށް ރައީސް މުއިއްޒު ވާނެ: އާދަމް ޝަރީފް

ނާރެސް އިފްތިތާހު ކުރުމާއި އޮޕަރޭޝަން ކުރަނގި ފޭސް ދޭއް ފެށުމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެންނަވައި، ކައުންސިލްތައް ބާރުވެރިކުރުވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްތަކުން އެމަނިކުފާނަކީ ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަންއަކަށް ވާނެކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ ނާރެސް އިފްތިތާހު ކުރުމާއި އޮޕަރޭޝަން ކުރަނގި ފޭސް ދޭއް ފެށުމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތުގަ އެވެ. މި ހަފްލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފްގެ އިތުރުން ކެބިނެޓު ވަޒީރުންނާއި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، ދައުލަތުގެ މުވައްސަސާތަކުން ކައުންސިލްތަކާއި ހަވާލު ކުރެވޭ ކޮންމެ މަސްއޫލިއްޔަތެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރަން ޖެހޭކަމަށެވެ. އަދި އެ މަސައްކަތަށް ބޭނުންވާ ވަސީލަތްތަކާއި އެކު، އެހީތެރިކަން ދިވެހި ދައުލަތުން ފޯރުކޮށްދެމުން ގެންދާނެކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ ލާމަރުކަޒީ ނިޒަމަށް ހެޔޮ ބަދަލުތަކެއް ގެނެސް، މިއީ ރައްޔިތުން އެދޭ ފަދަ ހިދުމަތެއް ދެވޭ ނިޒާމަކަށް ހަދަން ޖެހޭ ކަމަށެވެ. އެގޮތުން ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް، ގައުމީ ޔުނިވާސިޓިއާއި ގުޅިގެން އެކުލާލަމުން ދާ ދިރާސާ ރިޕޯޓު އަންނަ އޮގަސްޓު މަހު ލިބޭނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އާދެ ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް މިވަނީ ގިނަ ހެޔޮ ބަދަލުތަކެއް ގެންނަން ޖެހިފައި… ކައުންސިލްތަކަކީ ރައްޔިތުން އެދޭފަދަ ހިދުމަތްތަކެއް ފޯރުކޮށްދެވޭ އަދި ރައްޔިތުން ބަލައިގަންނަ އިދާރާތަކަށް ހެދުމުގެ މުހިންމު މަސައްކަތްތަކެއް މިއަދު މިވަނީ ކުރަން ޖެހިފައި..

މި ރިޕޯޓުގެ ދިރާސާގެ އަލީގައި ކައުންސިލްތަކާއި ކަލަބް ޖަމިއްޔާތަކަށް މަޝްވަރާ ކުރުމުގެ ފުރުސަތު ހުޅުވާލައި ރައްޔިތުންނަށް އެ ފުރުސަތު ދޭނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ކައުންސިލްތައް ބާރުވެރި ކުރުވައި، މަސައްކަތްތައް ހަރުދަނާ ކުރުމަށް ކުރެވޭ މި މަސައްކަތުގައި ދިވެހިރާއްޖޭގެ މިނިސްޓަރުކަމާއި އަދި މޭޔަރުކަމުގެ މަގާމު އަދާކުރެއްވި ބޭފުޅަކު ވެރިކަމުގައި ހުންނެވުމަކީ ލާމަރުކަޒީ ނިޒާމަށް ލިބޭ ނަސީބެއްކަމަށް މިނިސްޓަރ ސިފަ ކުރެއްވި އެވެ. އަދި އެއީ ރަނގަޅު މިސްރާބަކަށް ހެޔޮ ފިޔަވަޅު އެޅުމުގައި ލިބޭ ހިތްހަމަޖެހުމެއްކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.

މީގެ ކުރިން ކައުންސިލްތައް އޮތީ ހަތަރު ވަނަ ދަރަޖައިގައި ނަމަވެސް، އެ އަދަދު މައްޗަށް މި ވެރިކަމުގައި ގެނެވުނުކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައީސްގެ ވިސްނުން ހުރީ ކައުންސިލްތަކަށް ވީހާވެސް އާމްދަނީ ފަސޭހައިން ލިބޭނެ ގޮތް ހޯއްދަވައިދެއްވުން ކަމަށެވެ.

އޭގެ ތެރޭގައި ރަށްތަކުގެ އިހުތިސާސްގެ ތެރޭގައި ފަޅު ރަށްތައް ނެތް ކައުންސިލްތަކަށް އެފަދަ ފުރުސަތުތައް ލިބޭނެ އިންތިޒާމު މި ސަރުކާރުން ހަމަޖައްސަވައި ފައްޓަވާދެއްވާފައިވާކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. އަދި ރަށްތަކުގެ އިހުތިސާސްގެ ތެރެއިން ލިބޭ ޓެކްސްގެ 10 އިންސައްތަ ކައުންސިލް ހިންގުމަށް ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުގެ މަސައްކަތް ރައީސް އިއުލާނު ކުރައްވާފައިވާކަން އާދަމް ޝަރީފް ފާހަގަކުރެއްވި އެވެ.

މި ހުރިހާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެގެން ދާނީ ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަންކަށްކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ދިރާސާތައް ކުރާއިރު، ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މެމްބަރުންގެ އަދަދު މަދު ކުރުމާއި ގުޅޭ މަސައްކަތް އިއުލާނު ކުރައްވާފަ އެވެ. އަދި އޭގެ ކުރިން މަޖިލީހަށް ހުށަހެޅުނު އެހެން މައްސަލައެއްގައި ވެސް މެމްބަރުން ވަނީ، ކައުންސިލްތަކުގެ ބައި އިލެކްޝަން ކައިރިކައިރީގައި ބާއްވަން ޖެހޭތީ ދައުލަތަށް ބުރަ ބޮޑުކަމެއްގެ ގޮތުގައި ފާހަގަކުރައްވާފަ އެވެ.

ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތްތަކާއި ގުޅޭގޮތުން، އާދަމް ޝަރީފް ވިދާޅުވީ ކައުންސިލްތައް އެންމެ ފުރިހަމަ ގޮތުގައި މަސައްކަތް ކުރުމުގެ ރޫހު އާލާވެގެން ދާނީ ރައްޔިތުންގެ ފަރާތުން ކައުންސިލުން ކުރާ މަސައްކަތްތަކުގައި ބައިވެރިވެ އެ ފަރާތްތަކުގެ އެއްބާރުލުން ދިނުމުގެ އިތުރުން ގާނޫނުއަސާސީން ރައްޔިތުންނަށް ދީފައިވާ ހުރިހާ ބާރުތައް ބޭނުންކޮށްގެން ކަމަށެވެ. އެގޮތުން ކައުންސިލްތައް ޖަވާބުދާރީ ކުރުވުމަށް އިލްތިމާސް ކުރައްވައި މިނިސްޓަރ ވިދާޅުވީ ހަގީގީ މާނައިގައި ލާމަރުކަޒީ ހުރިހާ ބާރެއް ރަނގަޅު ކުރުމުގެ ފުރުސަތާއި އެ އިހުތިޔާރު އޮތީ ރައްޔިތުންނަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: