އިސްރާއީލުގެ ސިފައިން ފަލަސްތީނުން ބާލައި އެ ގައުމުން ކުރަމުންދާ ހުރިހާ މަސައްކަތްތަކެއް ހުއްޓާލުމަށް އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ގޮވާލައި ލަފާދީފިއެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުން އދގެ ޝަރުއީ ގުނަވަނެއްކަމަށްވާ އައިސީޖޭއިންވަނީ އިސްރާއިލު ފަަލަސްތީނުގައި ހިފާފައިވާ ބިންތައް ދޫކޮށްލާ އައު ބިނާތައްވެސް އިމާރާތްކުރުން ހުއްޓާލައި އެ ސަރަހައްދުން ފައިބަން ޖެހޭކަމަށް ނިންމާފައެވެ. އަދި މުދަލާއި ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް މާލީ ބަދަލު ދޭންޖެހޭކަމަށްވެސް ބުނެފައިވެއެވެ.
ކޯޓުން ނެރުނު ލަފާއެއްގައި ބުނެފައިވާގޮތުން ފަލަސްތީނަށް ނިސްބަތްވާ މީހުންނާއި މެދު ރާވައި އިންތިޒާމުކޮށްގެން ތަފާތުތައްކޮށްފައިވާކަމުގެ ޒިންމާ އިސްރާއީލުގެ މައްޗަށް އެޅިފައިވާކަމަށެވެ. އަދި އެ ނިޔަތުގައި ކުރި މަސައްކަތްތަކުގެ ތެރެއިން ފަލަސްތީނުގެ ރައްޔިތުންގެ އިންސާނީ ކަރާމާތަށް އަރައިގަނެ އެ ގައުމުގެ ބޮޑު ސަރަހައްދެއްވެސް އިސްރާއީލުގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ބުނެފައިވެއެވެ.
އެހެންކަމުން އެ ގައުމުގައި އިސްރާއީލުން އަރާ ތިބި ތިބުން ވީހާވެސް އަވަހަކަށް ނިމުމަކަށް ގެނައުމަކީ އިސްރާއީލުގެ ޒިންމާއެއްކަމަށް ކޯޓުގެ ޕްރެސިޑެންޓު ނަވާފް ސަލާމް ވިދާޅުވިއިރު، އޭނާވަނީ އިސްރާއީލުން ފަލަސްތީނަށް އަރާ ތިބޭ ތިބުމަކީވެސް ގާނޫނާއި ހާލިފު ނުރަނގަޅު އަމަލެއްކަމަށް ކޯޓުން ދެކޭކަންވެސް ހާމަކުރައްވާފައެވެ.
މީޑިއާތަކުން ރިޕޯޓުކުރާގޮތުން އައިސީޖޭއިން މިގޮތަށް ނިންމާފައިވާނަމަވެސް މިކަން ތަންފީޒުކުރުމުގެ ބާރު ކޯޓަށް ލިބިގެން ނުވެއެވެ. އެހެންނަމަވެސް އެ ލަފާއަށް އަމަލުނުކޮށްފި ހާލަތެއްގައި ބައިނަލްއަގުވާމީ މައިދާނުގައި އިސްރާއީލަށް ގޮންޖެހުންތަކާއި ކުރިމަތިލާންޖެހުން އެކަށީގެންވާކަމަށްވެސް ބުނެފައިވެއެވެ. އަދި ކޯޓުންވަނީ އެ ކޯޓުގެ އިހުތިސާސް ބަލައިގަނެފައިވާ ގައުމުތަކުގެ ކިބައިން އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް އަރާ ތިބި ތިބުން ގާނޫނާއި ހިލާފުކަމަށް ދެކުމަށް އެދިފައިކަމަށާއި އެހެންކަމުން އެތަނުގައި ތިބުމަށް އެހީ ނުދިނުމަށްވެސް ކޯޓުންވަނީ މެމްބަރު ގައުމުތަކަށް ލަފާ ދީފައިކަމަށް ބުނެފައިވެއެވެ.

