24 ގަޑިއިރުގެ ތެރޭގައި މިހާރު އައިޑީ ކާޑުތައް ހައްދާ ނިންމައިދޭނެކަމަށާއި އެއަށްވުރެ ގިނައިރު ނުނަގާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާނު ވިދާޅުވެއްޖެއެވެ.
އޮޕަރޭޝަން ”ކުރަނގި“ގެ ދެވަނަ ފިޔަވަހި އިފްތިތާހުކުރުމަށާއި ސަރުކާރުގެ ”ނާރެސް“ އެޕްލިކޭޝަން އިފްތިތާހްކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ ވުޒާރާއިން މަސައްކަތާއި ހަވާލުވިއިރު ޕްރިންޓު ނުކުރެވި 3،348 އައިޑީކާޑު އޮތް ކަމަށެވެ. ނަމަވެސް ދެން މިކަންތައް ތަކުރާރު ނުވާނެކަމަށް ވިދާޅުވިއެވެ.
ޕެންޑިންގައި 24 ގަޑިއިރަށްވުރެ ގިނައިރު އައިޑީކާޑެއް ނޯންނާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އުފަލާއެކު ފާހަގަކުރަން ބޭނުންވަނީ މިހާރު އަޅުގަނޑުމެންނަށް ޕެންޑިންގައި 24 ގަޑިއިރަށްވުރެ ގިނައިރު އައިޑީކާޑެއް ނޯންނާނެކަން.
”ނާރެސް“ އެޕްލިކޭޝަން މެދުވެރިކޮށް މިހާރު ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެން ވެސް އައިޑީކާޑު ހަދަން ހުށަހަޅައި އެ މަސައްކަތް އޮތް ހިސާބު ބަލޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހަމައެއާއެކު ރަށުގައި ތިބެގެން އައިޑީކާޑު އިޝޫކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ.
އީފާސް މެދުވެރިކޮށް އައިޑީ ކާޑު ހެއްދުމަށް ހުށައަޅަން ޖެހުމުން އުމުރުން ދުވަސްވީ ފަރާތްތަކަށް ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހުނުކަން ފާހަގަކޮށް މިނިސްޓަރު އިހުސާން ވިދާޅުވީ ”ނާރެސް“ އެޕްލިކޭޝަނާއިއެކު އެތަކެއް ލުއިތަކެއް ލިބިގެންދާނެކަމަށެވެ.
މި ޕޯޓަލްގެ ސަބަބުން އައިޑީކާޑު ޚިދުމަތްތަކަށް ކައުންސިލްތަކަށްވެސް ފަސޭހަ ވެގެން ދާނެކަމަށާއި، ނާރެސް ޕޯޓަލަށް ކައުންސިލްތައް ހޭލުންތެރިކުރުމަށް ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ބުނިއެވެ. މި ބައްދަލުވުމުގައި ނާރެސް ބޭނުންކޮށްގެން ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އާއި ވާހަކަދައްކާނެ ގޮތްތަކަށް ހޭލުންތެރިކުރާނެކަމަށް ބުނިއެވެ.
މީގެ އިތުރުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ވިދާޅުވީ ރާއްޖޭގެ ގިނަ މުއައްސަސާތައް ކޮރަޕްޝަނުގެ ހާއްޔަކަށްވެފައިވާކަމަށެވެ. ޤާނޫނު ތަންފީޒު ކުރުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުން އެއީކަމަށާއި، އެފަދަ މުއައްސަސާތަކުގެ ތެރޭގައި ދާޚިލީ ވުޒާރާގެ ދަށުން މަސައްކަތްކުރާ މުއައްސަސާތައް ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.
ކޮރަޕްޝަން ނައްތާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވަރަށް ސާފު އިރުޝާދު ދެއްވާފައިވާ ކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން އެފަދަ ކަންކަމަށް ގެންގުޅޭނީ ޒީރޯ ޓޮލަރެންސްކަމަށެވެ.

