ދާއިރާތަކުގައި ތިބި ކެންޑިޑޭޓުގެ އާއިލާއާއި ސަރުކާރުގެ މުއައްޒަފުން އެކަނި ނުކުމެ ވޯޓުލުމުން އެއީ ރައްޔިތުންގެ ނިންމުމަކަށް ވެގެން ނުދާކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވި ބައި އިލެެކްޝަންގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ބޮޑު ކާމިޔާބީއެއް ލިބިފައިވާއިރު، އިދިކޮޅު ފަރާތްތަކުން އަންނަނީ ވޯޓުލުމަށް ނުކުތް މީހުންގެ އަދަދުތައް މަދުކަމަށް ފާހަގަކޮށް ސަރުކާރަށް ފާޑުކިޔަމުންނެވެ.
ވަހީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުގެ ތާއީދާއިއެކު ބައި އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓާއި ދާއިރާގައި ތިބި އޭނާގެ އާއިލާ އަދި ސަރުކާރުގެ މުއައްޒަފުން އެކަނި ނުކުމެ ވޯޓު ލުމުން އެކަމަށް ރައްޔިތުން ގޮތް ނިންމުން ނުކިޔޭނެކަމަށެވެ. ވަހީދު ވިދާޅުޥީ، ރައްޔިތުން ގޮތް ނިންމުމަކީ މެޖޯރިޓީއިން ނުކުމެ ގޮތް ނިންމުންކަމަށެވެ.
އިލެކްޝަންސްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިފަހުން ބޭއްވި ބައިއިލެކްޝަންތަކުގެ ފަސް ދާއިރާއިން ވޯޓު ލުމަށް ހައްގު ލިބިފައިވަނީ 13،112 މީހުންނަށް ކަމަށެވެ. އެހެންނަމަވެސް ވޯޓު ލުމަށް ކަނޑައެޅިފައިވާ ވަގުތު ހަމަވިއިރު އެ ހައްގު އަދާކޮށްފައިވަނީ 3،582 މީހުންކަމަށް ވުމުން އިދިކޮޅު ފަރާތްތަކުންދަނީ ވޯޓު ނުލާ 73 އިންސައްތަ މީހުން ތިބިކަމަށް ފާހަގަ ކޮށްފައެވެ.

