ރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރެއިން، ކުށް ސާބިތުވެފައި ތިބި ބޮޑެތި ކުށްވެރިން ޕެރޯލްގެ ގާނޫނުގެ ދަށުން ދޫވެގެން ދިޔައިރު އެއީ އެއްވެސް ހަމައެއް އުސޫލެއް ނެތި ކުރިކަމެވެ. އޭގެ ނަތީޖާއަކަށް ވަނީ ބޮޑެތި ނުރައްކާތެރި ކުށްވެރިންކަމަށް ބުނެ އެ މީހުންގެ މައްޗަށް ޝަރީއަތް ހިންގުމަށް ފަހު، ދައުވާ ސާބިތުވެ ހުކުމް ތަންފީޒު ކުރަން ފެށާތާ ގިނަ ދުވަހެއް ނުވެ ކޮންމެވެސް ގޮތަކުން އެ މީހާ ދޫވެގެން ދިއުމެވެ. ނަތީޖާއަކީ، އެއަށް ވުރެ ބޮޑެތި ކުށްތަކުގައި އޭނާ އަލުން ހައްޔަރަށް ގެނައުމެވެ.
އެކަމުގެ މިސާލުތައް ފެންނާން ހުރިއިރު، މާ ބޮޑު ތަފްސީލަކަށް ނުދިޔަ ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލައި ދިން ޓެރަރިޒަމް ހަމަލާގައި ހިމެނޭ އެކަކަކީ، އެފަދަ ކުށެއްގައި ޖަލުގައި ހުއްޓައި ކުރީ ސަރުކާރުން މައާފު ދިން މީހެކެވެ. ޝަރީއަތުގައި ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލިމަނިކުގެ ދިފާއަކީ ވެސް ދިވެހި ދައުލަތުން އޭނާއަށް ދިން މައާފެވެ.
އިންތިހާބުތަކާއި ދިމާކޮށް، ކުށްވެރިން ދޫކޮށް ޖަލު އަދަބަށް މައާފު ދިން އިރު މަރުގެ މައްސަލަތަކުގައު ޝާމިލުވާ މީހުންނަށް ވެސް ލުއިތައް ދީފައި އެބަހުއްޓެވެ. ރާއްޖޭގެ ފަހުގެ ތާރީހެއްގައި ހިނގައި ދިޔަ އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރުސީގެ މައްސަލައިގައި ބޮޑުންކަމަށް ތުހުމަތު ކުރެވުނު ދެ މީހުންނަކީ ވެސް މިހާރު މިނިވަނުންނެވެ. މާދަމާ ވެސް، ދައުލަތުން އެ މީހުންނަށް އޭގެ ބަދަލު ދޭން ޖެހޭކަމަށް ބުނެ ކޯޓަށް ދާންވީ އެވެ.
ދެން އޮތީ މީގައި އޮތް އަނެއް ކޮޅަކީ، ހުކުމެއް އަންނަ މީހާ ޖަލުގައި އޮވެ އެ މައްސަލައެއް އިސްތިއުނާފު ކުރުމުން ދެން އެ މަރުހަލާ ކުރިޔަށް ދާގޮތެވެ. ގިނަ ފަހަރަށް އޭނާގެ މައްޗަށް އިސްތިއުނާފު މަރުހަލާގައި ކުށް ސާބިތު ނުވެ ދިޔަ ނަމަވެސް، އޮންނަނީ ހުކުމުގެ ބޮޑުބައި ތަންފީޒުކޮށް ނިމިފަ އެވެ. އެހެން ނޫނީ، ދަށު ކޯޓުގައި ކުށް ސާބިތުވެ އަންނަ ހުކުމަށް ވުރެ ދިގު މުއްދަތެއް ޖަލުގައި ބަންދުގައި ހޭދަ ކުރެ އެވެ. އެފަދަ މީހުންނަށް އެ ލިބޭ ގެއްލުން އިޔާދަ ކުރެވޭނެ ގޮތެއް، ނުވަތަ އެ ބަދަލު ދެވޭނެ ގޮތެއް ނެތެވެ.
އާންމު ރައްޔިތު މީހާ، ގަހަކުން އަނބެއް ވަގަށް ނެގީތީ ހައްޔަރުކޮށް ކޯޓުގައި ފުލުހުން ގޮސް އެދެނީ ޝަރީއަތް ނިމެން ދެން އޭނާ ބަންދުކޮށް ދިނުމަށެވެ. އެއީ ނުރައްކާތެރި ކުށްވެރިއަކަށް ވާތީއާއި، ހެއްކަށް ނުފޫޒު ފޯރުވަފާނެކަމަށް ބުނެ އެވެ. މުޒާހަރާއެއްގައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވާ މީހާ ވެސް ނުރައްކާތެރި ކުށްވެރިއަކަށް ހަދައި ބަންދުގެ މުއްދަތު 15 ދުވަހުން، 15 ދުވަހުން ޖަހަ އެވެ. ތަނެއްގެ ބިއްލޫރިގަނޑެއް ތަޅާލިކަމަށް ބުނެ އިހަށް ދުވަހު އުމުރުން 48 އަހަރުގެ ދިވެހި ފިރިހެނެއްގެ ބަންދަށް ޖެހީ 30 ދުވަހެވެ.
ރާއްޖޭގެ ޖަލުގައި ކުށްވެރިން ކެޓަގަރައިޒްކޮށް ވަކި ނުކުރާތީ އޮންނަނީ މައްސުނިގަނޑެއްހެންނެވެ. އާއިލާއެއްގެ ދެމެދު ޖެހުނު މައްސަލައެއްގައި މާރާމާރީއެއް ހިންގާ އެއްވެސް ކުށުގެ ރެކޯޑެއް ނެތް މީހާ ބަންދު ޖަހައި ބަންދު ކުރަނީ އެންމެ ބޮޑެތި ކުށްކޮށްގެން ބަންދުގައި ތިބޭ މީހުންނާއި އެކު އެވެ. ކުރާ ކުށުގެ ކުޑަބޮޑު މިނަށް ބަލައި، ތުހުމަތުވާ މީހުން ބަންދު ކުރާއިރު އެ މީހާ ހުރި ހާލަތަށް ރިއާޔަތް ކުރުމަށް ގާނޫނު ލާޒިމް ކުރެ އެވެ.
އާދައިގެ ކުށެއް ކުރި މީހަކާއި، ބޮޑު ޖިނާއި ކުށެއްގެ މައްސަލައިގައި ހައްޔަރު ކުރާ މީހާ އެއް ގޮޅިއެއްގައި ބޭއްވުމުން ނިކުންނަ ނަތީޖާ ގޯސްވާނެކަން ދަންނާން ޖެހެއެވެ. މިގޮތަށް ކުށްވެރިން އެއްކުރުމުގެ ސަބަބުން، އެ މީހުން އިސްލާހުވުމުގެ ބަދަލުގައި އިތުރަށް ވަނީ ގޯހެވެ.
ދެން އޮތް އަނެއް މައްސަލައަކީ، ކުށް ތަންފީޒު ކުރުމުގައި އަންނަ އިންތިހާ ތަފާތު ކުރުންތަކެވެ. ޖަލުގެ ހޫނުކަމާއި، ޖަލުގެ ރަހަ ދެކިފައި ތިބިކަމަށް ބުނާ ސިޔާސީ ވެރީން އެތަނުގައި ތިބީ އިއްޒަތުގަ އެވެ. ދުވަސްކޮޅެއް ފަހުން ގޭބަންދުގައި ތިބެގެން ޖަލު ހުކުމް ތަންފީޒުކޮށް، މައިބަދައެއްގައި ރިއްސާތީ ރާއްޖެއިން ބޭރަށް ދިއުމުގެ ނަސީބު އެބަޔަކަށް ލިބުނަސް އާދައިގެ މީހާއަށް އެ އިންތިޒާމު ހަމަޖެހިގެން ނުދެ އެވެ.
ބަންދުގައި ތިބި އެތައް ބަޔަކު ބޭސް ފަރުވާ ބޭނުން ވާތީ، ގޭބަންދަށް ބަދަލުކޮށްދޭން އެދި ހުށަހަޅަ އެވެ. ޑޮކްޓަރަށް ދައްކައި، ސްޕެޝަލިސްޓެއް ދޭ ޓެސްޓުތައް ހެދިފައި ނެތަސް ދައުލަތުން އެ މީހަލަށް ލުއިދޭން ދެކޮޅު ހަދަ އެވެ. އެ މީހުންނަށް ޝަރުއީ ނިޒާމުގެ ތެރެއިން ކުޑަ ނަމަވެސް ލުޔެއް ނުދެ އެވެ.
ރާއްޖޭގައި ދުނިޔޭގެ އެހެން ގައުމުތަކުގައި އަމަލު ކުރާ ގޮތަށް، ޕޯސްޓް ކޮންވިންޝަން ބެއިލްގެ ނިޒާމެއް ނެތުމަކީ ސީދާ ގާނޫނީ މާއްދާއަކަށް ރިއާޔަތް ކުރުމަށް ފަހު ބަންދަށް ލުޔެއް ދިނުމަށް ހުށަނޭޅޭ އެއް ސަބަބެވެ.
ކުށްވެރިއަކު، ކަފާލާތުގެ ދަށުން ދޫކޮށްލެވިދާނެތޯ ރާއްޖޭގައި ބަހުސެއްކޮށް މައްސަލަ ބޮޑުވެފައި ވަނީ ސިޔާސީ ކޮންމެވެސް މީހެއްގެ ޝަރީއަތުގަ އެވެ. އެންމެ ފަހުން މި މައްސަލަ އުފެދުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވެފައި ވަނިކޮށް ކަފާލާތުގެ ދަށުން މިނިވަންކޮށް ދިނުމަށް އެދި މަސައްކަތް ފެށި ހިސާބުންނެވެ.
އެހެން ނަމަވެސް ހިޔާލުތަފާތުވުން އުފެދި، ގާނޫނީ ބޭފުޅުން ވިދާޅުވަމުން ގެންްދެވީ ކުށް ސާބިތުވުމަށް ފަހު ކަފާލާތުން ދޫކުރުމަކީ ޕްރީ ޓްރިއަލް ބެއިލް ފަދަ ދުސްތޫރީ ހައްގެއް ނޫން ކަމަށެވެ. މިއީ ރާއްޖޭގެ ޝަރުއީ ނިޒާމު އޭރު ވެސް، އަދި މިހާރު ވެސް ދަންނަކަމެއް ނޫނެވެ.
ޔާމީންގެ ވެރިކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ދަރުކަލުން ފާރިސް މައުމޫން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް އުފުލި ދައުވާތައް ސާބިތުވެފައި ވަނިކޮށް ކަފާލާތުގެ ދަށުން ދޫކުރުމަށް ހައިކޯޓުން ނިންމި އެވެ. އެގޮތަށް ހުކުމް އެއީ، 2018 ގެ ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ނާކާމިޔާބުވިކަން ކަށަވަރުވެގެންނެވެ. އެއީ ވެސް އުސޫލެއް އޮވެގެން ކުރިކަަމެއްގެ ގޮތުގައި ވަކީލުން ގަބޫލެއް ނުކުރައްވަ އެވެ.
ކަފާލާތުގެ ދަށުން ދޫކުރުމަކީ ޝަރީއަތުން ހުކުމެއް ކުރުމުގެ ކުރީން، ތުހުމަތު ކުރެވޭ މީހާ ބަންދުން ދޫކުރާ ހާލަތުގައި ކޯޓުތަކުން އަމަލު ކުރުމަށް އޮތް އިހުތިޔާތެއްކަން ގާނޫނުއަސާސީގެ 49 ވަނަ މާއްދާއިން އެނގެން އެބައޮތެވެ. ތުހުމަތު ކުރެވޭ ކުށުގެ ބަންދުގައި ހުރި މީހާ ކަފާލާތުގެ ދަށުން ދޫކުރުމާ ގުޅޭ ތަފްސީލީ އިޖުރާއަތްތައް ޖިނާއީ އިޖުރާއަތުގެ ގަނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ޝަރީއަތް ކުރުމާއި ބެހޭ ގަވައިދުގައި ބަޔާން ކުރެ އެވެ. އެހެން ނަމަވެސް ދަށު ކޯޓުގެ ހުކުމް އިސްތިއުނާފު ކުރުމުން، އޭގެ ޒާތުގައި ދަށު ކޯޓުން އޭނާގެ މައްޗަށް ކުރި ހުކުމުގެ ބާރު ދަށްވެގެން ވެސް ނުދާނެ އެވެ.
އެހެން ނަމަވެސް ހުކުމް ތަންފީޒު ކުރަމުން ގެންދާ މީހަކު ކަފާލާތުގެ އުސޫލުން ކޯޓު މެދުވެރިކޮށް ދޫވުމަކީ ހުކުމް ތަންފީޒު ކުރަމުން ގެންދާ މީހަކަށް ލިބިގެންވާނެ ހައްގެއްކަން ގާނޫނުއަސާސީއާއި ޖިނައީ އަދުގެ ނިޒާމުގެ ތެރޭގައި ރާއްޖެ އަމަލު ކުރަމުން ދާ އެއްވެސް ގާނޫނެއްގައި ބަޔާންކޮށްފައި ނެތެވެ. މިނިވަން ދިމަޤްރާތީ ގައުމުތަކުން ކުށެއް ސާބިތުވެފައިވާ މީހަކު ކަފާލާތުގެ އުސޫލުން ދޫކުރަނީ އެ މުޖްތަމައުތަކުގެ ގާނޫނުގައި އެކަށަހަޅައި ގާނޫނުތަކުގައި ބަޔާންވެގެން ވާ އުސޫލުންނެވެ.
ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި ކަފާލާތުގެ މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ ހުކުމް ތަންފީޒު ކުރަމުން ގެންދާ މީހަކު ކަފާލާތުގެ ދަށުން ދޫކުރުމަކީ އެކަމުގައި އާންމު މަސްލަހަތު ހިމެނޭކަމެއް ނަމަ އެ މަސްލަހަތު ހިމާޔަތް ކުރުމަށް ގާނޫނު ހެދުމަކީ ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރެއް ކަމަށެވެ. އެކަމަކު އެއާއި ހިލާފަށް ގާނޫނީ އެއްވެސް އިންތިޒާމެއް ނެތި، ކޯޓު އަމުރަކަށް ނުވަތަ އުސޫލުތައް ކަނޑައަޅައި ޖިނާއީ ހުކުމެއް ތަންފީޒު ކުރަމުން ގެންދާ މީހަކު ކަފާލާތުން ދޫކުރުމަކީ ގާނޫނުއަސާސީއާއި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި އަމަލު ކުރަމުން ދާ ގާނޫނުތަކުގެ ދަށިން ކުރެވިދާނެކަމެއް ނޫންކަމަށް ސުޕްރީމް ކޯޓުގެ ނިންމުމުގައި ވެއެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 199 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލް އެދުމުން، ދަޢުވާ ލިބޭ މީހާ ބަންދުގައި ބަހައްޓަން ހައިކޯޓުގެ ފަނޑިޔާރުން ނިންމައިފި ނަމަ، ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްދިނުމަށް ފަނޑިޔާރުންގެ ކިބައިން އެދުމުގެ އިހުތިޔާރު އޮންނާނެ ކަމަށެވެ.

