މޫސުން ގޯސް ވުމުގެ ސަބަބުން މިއަދު ބޭއްވުމަށް ހަމަޖެހިފައި އޮތް މިނިވަން ދުވަހުގެ ޝަރަފުގެ ހިނގާލުން ފަސްކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވާ މި ހިނގާލުން ފެށުމަށް ހަމަޖެހިފައި އޮތީ މިއަދު ހަވީ 04:15 ގައެވެ.
އެމްއެންޑީއެފް އިން މިއަދު އެކަސްގައި ކުރި ޕޯސްޓެއްގައި ބުނީ މިނިވަންދުވަހުގެ މުނާސަބަތުގައި މާލޭގައި މިއަދު ބޭއްވުމަށް ހަމަޖެހުނު ޝަރަފުގެ ހިނގާލުން، މޫސުން ތަންނުދިނުމުގެ ސަބަބުން ފަހުގެ ތާރީހަކަށް ފަސްކުރެވިފައިވާ ކަމަށެވެ. ނަމަވެސް ފަސްކުރެވުނު ވަކި ތާރީހެއް ހާމައެއް ނުކުރެއެވެ.
އެމްއެންޑީއެފްގެ އިތުރުން، މޯލްޑިވްސް ނެޝަނަލް ކެޑޭޓް ކޯޕްސްއިން ވެސް ވަނީ އެ ހިނގާލުން އެހެން ދުވަހަކަށް ފަސްކުރެވިފައިވާ ކަމަށް އިއުލާނުކޮށްފައެވެ.
މިނިވަންދުވަހުގެ ޕެރޭޑަކީ ސިފައިންނާއި ކެޑޭޓުން ކޮންމެ އަހަރެއްގެ ޖުލައި 26، ގެ ހަވީރު ކުރިއަށް ގެންދާ ރަސްމީ ހަރަކާތެކެވެ.

