އިންޑިއާގެ ޓޫރިޒަމް މިނިސްޓަރު ޝްރީ ގަޖެންޑްރަ ސިންގް އާއި ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރ އިބްރާހީމް ފައިސަލް ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުމާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރ ފައިސަލް ވިދާޅުވީ، މުހިންމު މަޝްވަރާތަކެއް ކުރެވުނުކަމަށެވެ. އެގޮތުން ދެ ގައުމުގެ ދެމެދު ފަތުރުވެރިކަމުގެ ގުޅުން ބަދަހި ކުރުމަށް ކުރެވިދާނެ މުހިންމު ކަންތައްތަކާއިމެދު މަޝްވަރާ ކުރެވުނުކަމަށް ވިދާޅުވިއެވެ.
ދެ ގައުމުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ހުރި ފުރުސަތުތައް ހިއްސާ ކުރެވުނުކަމަށާއި، އަދި މައުލޫމާތު ބަދަލު ކުރެވެނުކަމަށްވެސް ފައިސަލް ވިދާޅުވިއެވެ. އިންޑިއާއަކީ ރާއްޖެއަށް ވަރަށް މުހިންމު ބައިވެރިއެއްކަމަށް ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ، އިންޑިއާއިއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް ރާއްޖެ އަބަދުވެސް އޮންނާނީ ތައްޔާރަށްކަމަށެވެ.
ދެ ގައުމުން ގުޅިގެން މަސައްކަތް ކުރަނީ، މުހިންމު އައު ގުޅުންތައް ބަދަހިކޮށް، ދެ ގައުމުގަށް ދަތުރު ކުރާ ފަތުރުވެރިންނަށްވެސް ރަނގަޅު ތަޖުރިބާއެއް ދިނުމަށްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

