އިދަރީ ދާއިރާތައް ހިންގާނެ ރަނގަޅު ގޮތް މިހާތަނަށް ވެސް ދެނެގަނެވިފައި ނުވާކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގު ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުްނސިލްތަކުގެ އިންތިހާބާއި ބެހޭ ގާނޫނަށް ހުށައަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ތޯރިގު ވިދާޅުވީ، މިއީ އެންމެ ގިނަ އިސްލާހު ގެނެވުނު ގާނޫނުކަމަށެވެ. އިރު އިރުކޮޅާ މި ގާނޫނަށް ބަދަލުތައް ގެނެސް، އިސްލާހު ކުރަން ޖެހެނީ މައްސަލަތަކެއް ހުރުމުންކަމަށް ތޯރިގު ވިދާޅުވިއެވެ.
މިކަމާއި ގުލިގެން ދިރާސާއެއް ކުރައްވާފައިވާނެކަމަށް ތޯރިގު ވިދާޅުވިއެވެ. ގާނޫނު އަސާސީ އުފެދިގެން އައިރު، ހާއްސަ މަޖިލީހުގައި ތިއްބެވި ބޭފުޅުންނާއި މި މައްސަލައިގައި އޭނާ މަޝްވަރާ ކުރައްވާފައިވާނެކަން ފާހަގަކޮށް ތޯރިގު ވިދާޅުވީ، އޭރުގެ ފޯކަސް ހުރީ އެހެން ކަންތައްތަކަށް އެނގިގެން ދިޔަކަމަށެވެ. އެގޮތުން އޭރު ފޯކަސް ހުރީ އިންތިހާބީ ކަންކަން ނުވަތަ އަސާސީ ހައްގުތަކަށްކަމަށް ވިދާޅުވިއެވެ.
ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމާއި ބެހޭ ގޮތުން ގާނޫނުގައި ހިމަނާފައިވަނީވެސް ވަރަށް ކުޑަ މިންވަރެއްކަމަށް ތޯރިގު ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ ގާނޫނު އަސާސީ 2008 ގައި ތަސްދީގު ކުރެވުނު ފަހުން އެންމެ ފުރަތަމަ އެ ގާނޫނު އަސާސީއާއި ހިލާފުވެސްވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ.
ތޯރިގު ވިދާޅުވިއެވެ.
އެންމެ ފުރަތަމަ ހިލާފުވި ގާނޫނަކީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުކަމަށް ފާހަގަކޮށް ތޯރިގު ވިދާޅުވީ، އޭގެ ފަހުން މިހެން ހުރި މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތްތައް ކުރި ނަމަވެސް އަދިވެސް އިދަރީ ދާއިރާތައް ހިންގާނެ ރަނގަޅު ގޮތް ދެނެގަނެވިފައި ނުވާކަމަށެވެ.
މި ގާނޫނަށް މިދިޔަ ދައުރުގެ ތެރޭގައި ބޮޑު ބަދަލެއް ގެނައިކަމަށް ފާހަގަކޮށް ތޯރިގު ވިދާޅުވީ ކައުންސިލަރުންގެ އަދަދު އިތުރުކޮށް، އިންތިހާބުތައް އަބަދު ބާއްވާ ބޭއްވުމަށް ހައްލު ހޯދުމަށްވެސް މަސައްކަތްތަކެއް ކުރިކަމަށެވެ. އަނެއްކާވެސް ހާލަތު ބަދަލުވެފައިވާކަމަށް ތޯރިގު ވިދާޅުވިއެވެ.
އިންތިހާބުތައް އޮންނަން ވާނެ، އެ އިންތިހާބުތައް 6 މަސް ދުވަހުން، 6 މަސް ދުވަހުން ބޭއްވުމަކީ ހަމަ ރަނގަޅު ގޮތެއްކަމަށް އަޅުގަނޑު ފާހަގަކުރަން.
ތޯރިގު ވިދާޅުވިއެވެ.
ބައި އިލެކްޝަންތައް އިރު ކޮޅު ކޮޅާ ބޭއްވުމަށް ރާއްޖޭގެ އިގްތިސާދީ ހާލަތު ތަން ނުދޭކަމަށް ފާހަގަކޮށް ތޯރިގު ވިދާޅުވީ މިހާރު މި ގާނޫނަށް ހުށައަޅާފައި މިއޮތް އިސްލާހަކީ މި މައްސަލަތަކަށް ހައްލު ހޯދުމަށް ހުށައަޅާފައިވާ އިސްލާހެއްކަމަށެވެ.

