ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ އަހަރު 1،661 ސްކޭމް މައްސަލަ ފުލުހަށް ރިޕޯޓު ކުރި، ޖުމްލަ 20 މިލިއަން ރުފިޔާއަށް އަރާ

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ފުލުހުން ބައިވެރިވެވަޑައިގަންނަވަނީ/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އޮޅުވާލައިގެން ފައިސާ ހޯދުމުގެ ގޮތުން، މިދިޔަ އަހަރު ރިޕޯޓު ކުރި އެއްހާހަަށް ވުރެ ގިނަ މައްސަލައިގެ ތެރޭގައި 20 މިލިއަން ރުފިޔާގެ ސްކޭމް ހިމެނޭކަމަށް ފުލުހުން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް ހިމެނޭހެން، ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވައި ފުލުހުންނާއި ކަމާއި ގުޅުން ހުރި އެހެނިހެން އިދާރާތައް ވަނީ ސްކޭމްގެ މައްސަލައިގެ މައުލޫމާތުތައް ހިއްސާކޮށްފަ އެވެ. ޒަމާނަށް އަންނަ ބަދަލުތަކާއި އެކު، ކުށްކުރުމުގެ ވައްޓަފާޅިއަށް އައި ބަދަލުތަކަށް ފިޔަވަޅު އެޅޭނެ ގޮތަށް ގާނޫނަށް އިސްލާހުތައް އަންނަން ޖެހޭކަމަށް މުވައްސަސާތައް ގަބޫލު ކުރެ އެވެ.

ފަހަކަށް އައިސް އެކި ގޮތްގޮތުން އޮޅުވާލައިގެން، ޓެކްނޮލޮޖީގެ ޒަރިއްޔާއިން ފައިސާތައް ފޭރޭ މައްސަލައް ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ. އެކަމުގެ މައުލޫމާތުތައް އޮޅުންފިލުވުމަށް މިއަދު މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސިސް ކޮމިޓީއަށް ހާޒިރުވެފައި ވަނީ ފުލުހުންނާއި ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އެވެ.

މި ބައްދަލުވުމުގައި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް މަރިޔަމް ރަޝީދާ ވިދާޅުވެފައި ވަނީ މިއަހަރުގެ މިހާތަނަށް ސްކޭމްގެ އެކި މައްސަލަތަކުގައި 500 އަށް ވުރެ ގިނަ ބޭންކް އެކައުންޓު ފްރީޒްކޮށް ބްލޮކް ކުރިކަމަށެވެ. އަދި 70 އަށް ވުރެ ގިނަ ވެބް ލިންކް ބްލޮކްކޮށް، 279 ސިމްކާޑު ވަނީ ބާތިލުކޮށްފަ އެވެ. އޭގެ އިތުރުން ބްލޮކް ކުރި ޑިވައިސް ނެޓްވޯކްތަކުގެ އަދަދު 782 އަށް އަރައެވެ.

ސްކޭމްގެ މައްސަލައިގައި މިހާތަނަށް ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ މަރިޔަމް ވިދާޅުވި ގޮތުގައި 156 މައްސަލައެކެވެ. އޭގެ ތެރެއިން ގިނަ މައްސަލައިގެ ޝަރީއަތްތައް ކޯޓުގައި ވަނީ ފަށާފަ އެވެ.

މީގެއިތުރުން މަރިޔަމް ވިދާޅުވީ ސްކޭމްގެ މައްސަލަތަކުގައި، ފުލުހަށް 2023 ވަނަ އަހަރު ޖުމްލަ އެއްކުރުމުން 20 މިލިއަން ރުފިޔާ ހިމެނޭ 1،661 މައްސަލައެއް ރިޕޯޓު ކުރިކަމަށެވެ. އަދި މި އަހަރުގެ މިހާތަނަށް ލިބުނު މައްސަލަތަކުގެ އަދަދު 1،302 އަށް އަރާކަމަށް ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި، މަރިޔަމް ވަނީ ސްކޭމްކޮށް ކުށް ހިންގާ މީހުން އަތުލައިގަތުމަށް ގާއިމު ކުރި އެންޓި ސްކޭމް ސެންޓަރުގެ މައުލޫމާތުތައް ހިއްސާ ކުރައްވާފަ އެވެ. މި ސެންޓަރު ގާއިމުވުމުން ރާއްޖޭގެ ކޮންމެ ސަރަހައްދަކުން ވެސް ހުށަހެޅޭ ސްކޭމްތަކުގެ ހުރިހާ މައްސަލައަކަށް ވެސް ރެސްޕޮންސް ދޭނީ އެ ސެންޓަރުންނެވެ. މަރިޔަމް ވިދާޅުވި ގޮތުގައި، ސެންޓަރު ގާއިމު ކުރުމަށް ކުރިޔަށް ގެންދިޔަ ދިރާސާތަކުގައި ދުނިޔޭގެ އެކި ގައުމުތަކުން އަމަލު ކުރަމުންދާ މޮޑެލްތައް ބަލާފައިވެއެވެ.

މި މައްސަލައިގައި އެސްއޯއީ ކޮމިޓީގައި ބީއެމްއެލްގެ ޑިރެކްޓާ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވީ ސްކޭމްގެ މައްސަލަތަކުގައި އެ ބޭންކުގެ ސްޓާފުންގެ ބައިވެރިވުމެއް އަދި މިހާތަނަށް ފާހަގަކުރެވިފައި ނުވާ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ސްކޭމް އިންސިޑެންޓްސްތަކަކީ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ކުރެވިގެން އިންވެސްޓިގޭޝަންއާ އެއްޗެހި ހިނގާ ކަންކަން. އަދި މިހާތަނަށް އަޅުގަނޑުމެންނަކަށް އެއްވެސް ފަރާތަކުން އެކަމުގެ އިޝާރާތެއް ދީފައެއްނުވޭ،

ނިމާލް ވިދާޅުވީ އަހަރުގެ މިހާތަނަށް މަކަރާ ހީލަތުން ފައިސާ ހޯދުމާ ގުޅޭ 1،400 ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެކަނިވެސް ސްކޭމުގެ 700 އެއްހާ މަައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އެކަމުގެ ތަފްސީލު ހިއްސާކޮށް އޭނާ ވިދާޅުވީ ރިޕޯޓްކޮށްފައިވާ ސްކޭމްތަކުގެ ތެރެއިން 39 އިންސައްތައަކީ ފޯނުން ގުޅައިގެން އާއިލާގެ މީހަކަށް ވެގެން ނުވަތަ އާއިލާ މީހެއްގެ ވައިބާ ހެކްކޮށްގެން ޓްްރާންސްފާ ކޮށްފައި ހުރި ކޭސްތައް ކަމަށެވެ.

ސްކޭމްގެ މައްސަލަތަކުގެ ތަހުގީގުތައް ފުލުހުން މީޑިއާތަކާއި ފަހަކަށް އައިސް ހިއްސާ ކުރާ މިންވަރު ވަނީ އިތުރުވެފަ އެވެ. އެގޮތުން އެކައުންޓުތަކުން ފައިސާ ދައުރުކޮށް، އޭގެ އަސްލު އޮޅުވާލައި ސްކޭމް ހިންގި މައްސަލައެއްގެ މައުލޫމާތު ވެސް ދާދިފަހުން ވަނީ ހިއްސާކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: