ސޮވެރިން ޑިވެލޮޕްމަންޓު ފަންޑަށް ކޮންމެ މީހަކު ވެރިކަމުގައި ހުރި ނަމަވެސް އެއާޕޯޓު މެދުވެރިކޮށް ފައިސާ ވަންނަމުން ދާނެކަމަށާއި، އެއީ ވެރިމީހާގެ މޮޅުކަން ނޫންކަމަށް އެމްޑީޕީގެ ލީގަލް އެފެއާޒް ކޮމިޓީގެ މެމްބަރު އަހުމަދު މައުރޫފް ވިދާޅުވެއްޖެ އެވެ.
ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި މައުރޫފް ވިދާޅުވީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގެ ވާހަކަ ދައްކާއިރު، އެ މަސައްކަތް ކުރާ ގޮތް ރައްޔިތުންނަށް ސާފުވާން ޖެހޭ ކަމަށެވެ. އެގޮތުން އެ ފަންޑުގެ ބޭނުމަކީ ކުއްލި ހާލަތުގައި ބޭނުން ކުރާނެ ފައިސާ ބެހެއްޓުންކަމަށް މައުރޫފް ވިދާޅުވި އެވެ. އެހެންވެ ބޭރު ފައިސާގެ ރަނގަޅު ރިޒާވެއް ބެހެއްޓުމަށް އެ ފަންޑު އުފެއްދީކަމަށް އޭނާ ވިދާޅުވި އެވެ.
މި ގައުމުގައި ކޮންމެ ވެރިއަކު ހުރި ނަމަވެސް ފައިސާ ޖަމާވަމުންދާނެކަމަށް މައުރޫފް ވިދާޅުވި އެވެ. އެގޮތުން ކުރީގައި ފަންޑަށް ޖަމާވަމުން ދިޔައީ އެއާޕޯޓް ޑިވެލޮޕްމަންޓު ފީކަމަށްވުމާއި އެކު، އެއްގޮތުން ބަލާއިރު އަހަރުގެ މިހާ ހިސާބަށް އައި މިލިއަނަކަށް ވުރެ ގިނަ ފަތުރުވެރިންގެ އަތުން ނެގުނު ފީއާއި އެކު 60 މިލިއަނަށް ވުރެ ބޮޑު އަދަދެއް ހުންނާނީ ޖަމާވެފައިކަމަށް މައުރޫފް ވިދާޅުވި އެވެ.
އެހެންވީމަ، ގައުމުގެ ވެރިކަމުގައި ކޮންމެ މީހަކު ހުއްޓަސް ފަންޑަށް ދާނީ ފައިސާ ޖަމާވަމުން… މިދިޔަ ހަތް މަސް ދުވަހުގެ ތެރޭގައި، ހުރިހާ ފަތުރުވެރިން ވާނީ ފުރައިގެން ގޮސްފައި.. އެ އެންމެން އޮންނާނީ ދައުލަތަށް 35 ވަރަކަށް ޑޮލަރު ދައްކާފައި.. އެ އަދަދު ގޮސް ވަންނަނީ އެ ފަންޑަށް.. އެހެންވީމަ އެއަށް ކޮންމެ ބަޔަކު ތިއްބަސް ފައިސާ ވަންނާނެ، ހުޅުލެ އެއާޕޯޓު އޮތްހާ ހިނދަކު
އެންމެ ފަހުން މިނިވަން ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސަރުކާރުން ދަނީ ރެޔާއި ދުވާލު ރައްޔިތުންނާއި އެކީ މަސައްކަތް ކުރައްވަމުން ކަމަށެވެ. ރައީސް ވިދާޅުވީ މި ސަރުކާރާއި އިގްތިސާދު ހަވާލުވީ އިރު އިގްތިސާދު އޮތީ ރާއްޖޭގެ އިގްތިސާދީ ސިޔާދަތު ޔަގީންވާ ހާލަތުގައި ނޫން ކަމަށެވެ. އެސްޑީއެފްގައި ހުރީ އެންމެ 2 މިލިއަން ޑޮލަރު ކަމަށް ރައިސް ވިދާޅުވިއެވެ.
މިސަރުކާރުން އިގްތިސާދީ އެޖެންޑާ ތަންފީޒު ކުރަން ފަށައި ފައިސާ ޗާޕް ނުކޮށް ކުރިއަށްދާ ސިޔާސަތުގެ ތެރެއިން އެސްޑީއެފްއަށް 65 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ އެއީ ބޭރުގެ ދަރަނި ދެއްކުމަށްޓަކައި ސަލާމަތް ކުރާ ފައިސާ ކަމަށެވެ.
ރައީސް ވިދާޅުވީ މިދިޔަ ޖޫން މަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ކުރެވުނު އެކި މަސައްކަތްތަކުން ޖުމްލަ ގޮތެއްގައި 18.6 ބިލިއަން ރުފިޔާ ހޯދައިފައިވާ ކަމަށެވެ. އެރުފިޔާގެ ތެރެއިން 16 ބިލިއަން ދައުލަތް ހިންގުމަށްޓަކައި ރިކަރަންޓު ހަރަދުގެ ގޮތުގައި ހަރަދުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

