އުތުރުގައި ފެށުމަށް ހަމަޖެހިފައިވާ މެރިޓައިމްގެ ޚިދުމަތްތަކާ ގުޅޭގޮތުން މަޝްވަރާ ބައްދަލުުވުންތަކެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ކުރިޔަށް ގެންގޮސްފި އެވެ.
ތުރާކަނަށް ކުރި މި ދަތުރުގައި ބައިވެރިވެވަޑައިގެންފައި ވަނީ އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހީމާއި، ކުންފުނީގެ މެނޭޖްމަންޓުގެ އިސް ބޭފުޅުންނެވެ. ތުރާކުނު ކައުންސިލާއި އެކު ބޭއްވި ބައްދަލުވުމުގެ މައުލޫމާތުތައް އާންމުކޮށް އެމްޕީއެލް ބުނެފައި ވަނީ މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ އުތުރުގައި ފެށުމަށް ހަމަޖެހިފައިވާ މެރިޓައިމްގެ ޚިދުމަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރުން ކަމަށެވެ.
މި ބައްދަލުވުމުގައި ވަޖީހު ވިދާޅުވީ ތުރާކުނު ކައުންސިލް އެދިފައިވާ ގޮތަށް، އެ ރަށުގައި ވޯޓަރ ބަންކަރިންގެ ހިދުމަތް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސަވައިދެއްވާނެ ކަަމަށެވެ. އަދި ވިދާޅުވީ ތުރާކުނުގައި ވޯޓަރ ބަންކަރިންގެ ހިދުމަތް ފެށުމުން އެ ރަށުގެ ރައްޔިތުންނަށް ވަޒީފާގެ އިތުރު ފުރުސަތުތައް ލިބިގެން ދާނެކަމަށެވެ.
މީގެއިތުރުން އެމްޕީއެލް ވަނީ އުލިގަމު ޔޮޓް މެރީނާ ތަރައްގީކޮށް އެ ރަށުގައި މެރިޓައިމްގެ ބައެއް ހިދުމަތްތައް ފޯރުކޮށްދިނުމަށް ރަށުގެ ކައުންސިލާއި ދެމެދު އެެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ކުންފުނިން ކުރިޔަށް ގެންދާ އިތުރު މަސައްކަތުގެ ތެރޭގައި ހިމެނޭ އުތުރުގައި ގާއިމު ކުރާ އިންޓަރނޭޝަނަލް ބަންކަރިންގ ހިދުމަތް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިޔަށް ދާކަމަށް އެމްޕީއެލްއިން ވަނީ ބުނެފަ އެވެ.

