ސްކޭމްގެ ތުހުމަތު ކުރެވޭ ފައިސާ ބޭންކް އެކައުންޓުތަކުގައި ދައުރުވުން ކޯޓު އަމުރަކާ ނުލައި ހުއްޓުވޭނެ ގާނޫނީ ހައްލެއް ބޭނުންވާ ކަމަށް ފުލުހުން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ބުނެފިއެވެ.
މިދިޔަ ހަފްތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ފުލުހުން ހާޒިރުކޮށްފައި ވަނީ ސްކޭމްތައް ހުއްޓުވުމަށް ކުރަމުން ދާ މަސައްކަތްތަކުގެ މައުލޫމާތު ހޯދުމަށެވެ.
މި ބައްދަލުވުމުގައި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ހެޑް އަދި އިންސްޕެކްޓާ އޮފް ޕޮލިސް މަރިޔަމް ރަޝީދާ ވިދާޅުވި ގޮތުގައި ގާނޫނީ ހުރަސްތަކެއް އެބަހުރިއެވެ. އެގޮތުން ސްކޭމްގެ މައްސަލަތައް ރިޕޯޓު ކުރާ ހިސާބުން އެ ފައިސާ ދައުރުވާ ސަބްސިކުއެންޓް އެކައުންޓްތަކުގައި ފައިސާ ހޯލްޑްކުރެވޭނެ ނުވަތަ ހިފެހެއްޓޭނެ މެކޭނިޒަމެއް ގާނޫނުގައި ނެތެވެ.
މިކަން މިހާރު ކުރެވެން އޮންނަނީ ކޯޓު އަމުރެއްގެ ދަށުންކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ސްކޭމްގެ މައްސަލަތަކުގައި ކޯޓު އަމުރެއް ނަގާނެ ފުރުސަތު މިހާރު ނުލިބޭކަމަށް ފާހަގަކޮށް އެކަމުގެ ސަބަބުގެ ސަބަބެއްކަމަށް ރަޝީދާ ވިދާޅުވީ ސްކޭމްގެ ކަންކަން ވަރަށް އަވަހަށް ހިންގުމެވެ.
ގާނޫނުގެ ތެރެއިން އެކައުންޓްތަކުގައި ދައުރުވަމުންދާ އެ ފައިސާ ހުއްޓުވޭނެ ގޮތެއް އެބަ ބޭނުންވޭ.
މި މައްސަލައަށް މިހާރުން މިހާރަށް ހައްލު ބޭނުންވާކަމަށް ފާހަގަކޮށް، އެކައުންޓުތަކުގައި ދައުރުވަމުންދާ ފައިސާ ވަގުތުން ވަގުތަށް، ކޯޓު އަމުރަކާ ނުލައި ހުއްޓުވިގެން ނޫނީ މި މައްސަލައަށް ހައްލެއް ނުލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ. މި މައްސަލައަށް ހައްލު ހޯދުމަށް އެޓާނީ ޖެރެނަރަލްގެ އޮފީހާއި ބައްދަލުކުރުމަށް ކުރި މަސައްކަތް އަދި ކާމިޔާބުވެފައި ނުވާކަމަށާއި، ބައްދަލުވުންތަކެއް ތައާވަލު ކުރި ނަމަވެސް ފަސްކޮށްފައިވާކަމަށް ރަޝީދާ ވިދާޅުވިއެވެ.
މުއާސަލާތީ ހިދުމަތް ދޭ ކުންފުނިތަކުން ބޭސިކް ސަބްސްކްރިޕްޝަން ޑީޓެއިލްސް ކޯޓު އަމުރަކާއި ނުލާ ލިބޭނެ އިންތިޒާމްތައްވެސް ފަހިވާންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މި މައުލޫމާތު ވަގުތުން ވަގުތަށް ލިބޭނެ ނިޒާމެއް ގާއިމްވުންވާނީ ސްކޭމްގެ ކަންކަން ހުއްޓުވުމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅަކަށްކަމަށެވެ.
ސްކޭމްގެ މައްސަލަތައް ހުއްޓުވުމަށް ހެދި އެންޓި ސްކޭމް ސެންޓަރުގެ މަސައްކަތްތައް އަންނަ މަހުގެ ތެރޭގައި ރަސްމީކޮށް ފަށާނެކަމަށް މި ބައްދަލުވުމުގައި ފުލުހުން ބުންޏެވެ. މިހާރު ކުރަމުންދަނީ އެ ސެންޓަރަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތްކަމަށް މައުލޫމާތު ދިނެވެ.

