ވިސާގެ މުއްދަތު ހަމަވުމުން ވެސް އަނބުރާ ގައުމަށް ނުގޮސް، އުޅުނު ބިދޭސީއެއް ޑީޕޯޓު ކޮށްލާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެއީ ޑިސެންބަރު 20 ވަނަ ދުވަހު ރާއްޖެ އެތެރެވެފައިވާ ނޯރވޭގެ ފަތުރުވެރިއެއް ކަމަށާ ވިސާގެ މުއްދަތު ހަމަވުމުން ވެސް އަނބުރާ ގައުމަށް ނުގޮސް، ރާއްޖޭގެ ބޯޓެއްގައި މަސްވެރިކަމުގެ މަސައްކަތް ކޮށް، ދިރިއުޅެމުން ދިއަ ކަމަށެވެ.
އެ މައުލޫމާތު ލިބުމުން މިދިޔަ މަހުގެ 25 ވަނަ ދުވަހު ފުލުހުންގެ އެހީތެރިކަމާއެކު އޭނާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވުނު ކަމަށާ އިމިގްރޭޝަންގެ ޤާނޫނާއި ޚިލާފުވެފައި ވާތީ އޭނާ މިހާރު ޑީޕޯޓުކޮށްލާފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށްޓަކައި ހޯމް މިނިސްޓްރީއާ ފުލުހުން އަދި އިމިގްރޭޝަނުން ގުޅިގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ގަވައިދާއި ހިލާފަށް އުޅެމުން ދާ ބިދޭސީން، ހިފަހައްޓައި އެ މީހުން އަނބުރާ ގައުމަށް ފޮނުވާލުމަށް ކުރަމުން ގެންދާ މަސައްކަތުގެ ދަށުން މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު ޑީޕޯޓުކޮށްފައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ބިދޭސީ މަސައްކަތްތެރިން އުޅޭ ތަންތަން ބަލައި ފާސްކޮށް، އެ އިދާރާއިން ހިފަހައްޓާފައި ވަނީ 2،250 މީހެކެވެ. އަދި އެ މީހުން މިހާރު ވަނީ ޑީޕޯޓުކޮށްލާފައިކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އެއްވެސް ލިޔެކިއުމެއް ނެތި ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން އުޅޭއިރު އެ މީހުންގެ އަދަދުތައް ހުރީ އަންދާޒާ ވެސް ނުކުރެވޭ ހިސާބެއްގަ އެވެ. އެގޮތުން މާލޭގެ ސަރައްދުގައި އުޅޭ ބިދޭސީންގެ އަދަދު އެކަނި ވެސް ލައްކައަކުން މައްޗަށް އަރާނެކަމަށް ބެލެވެއެވެ.
އެކި ވިޔަފާރިތަކުގެ ތެރޭގައި ބިދޭސިން އުޅޭ މިންވަރު ވަރަށް ބޮޑުތަނުން އިތުރުވެފައިވާއިރު އެ މީހުން އަތުލައިގަތުމުގެ މަސައްކަތަށް ސަރުކާރުން ވަނީ އޮޕަރޭޝަން ކުރަނގި ނަމުގައި ޕްރޮގްރާމެއް ފަށާފަ އެވެ. މި ޕްރޮގްރާމްގެ ދަށުން މާރުކޭޓާއި، ޓޭކްއަވޭ އަދި ސެލޫންތައް ބަލައި ފާސްކޮށް ގިނަ ބަޔަކު ވަނީ ހިފަހައްޓާފައެވެ.

