އޯ ލެވެލް ނިންމާ ދަރިވަރުންނަށް ވޮލަންޓިއަރުންގެ ގޮތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި މަސައްކަތް ކުރުމުގެ ފުރުސަތު ދޭން ނިންމައިފިއެވެ.
އެ މިނިސްޓްރީން ބުނީ ގްރޭޑް 10 އެއް ނިންމާފައި މިހާރު ތިބި ކުދިންނަށް ވެސް އެ ފުރުސަތު އޮންނާނެ ކަމަށާއި މިއަދުން ފެށިގެން ކުރިމަތިލެވޭނެ ކަމަށެވެ. ވޮލަންޓިއާކޮށް މަސައްކަތް ކުރަން ހުޅުވާލީ އޯ ލެވެލްއަށް ފަހު ވަޒީފާގެ މާހައުލަށް ނުކުންނަ ދަރިވަރުންނަށް، މަސައްކަތުގެ ތަޖުރިބާ ފޯރުކޮށްދިނުމުގެ އިތުރުން މަސައްކަތަށް ޝައުގުވެރިކަން އުފެއްދުމަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ތިން މަސް ދުވަހު މިނިސްޓްރީގައި މަސައްކަތް ކުރަން ފުރުސަތު ދިނުމަށް ފަހު ތަޖުރިބާގެ ސެޓްފިކެޓެއް ވެސް ދޭން ވަނީ ހަމަޖައްސައިފަ އެވެ. ތިން މަހަށް ވުރެ ގިނައިން މަސައްކަތުގެ ތަޖުރިބާ ބޭނުންވާ ކުދިންނަށް އެ ފުރުސަތު ވެސް ދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީއަށް ހުށަހަޅަން ޖެހޭ ލިއުންތަކުގެ ތެރޭގައި
– ވޮލެންޓިއާކޮށް މަސައްކަތްކުރަން ޝައުގުވެރިކަންފާޅުކޮށް ލިއުމެއް.
– ގުޅޭނެ ފޯނު ނަމްބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް ސީވީ ނުވަތަ ވަނަވަރު.
– ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ކޮޕީ.
– ދަރިވަރަށް 18 އަހަރު ފުރިފައި ނުވާ ނަމަ، ވޮލެންޓިއާކޮށް މަސައްކަތްކުރުމާ މެދު ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ވޮލަންޓިއާކޮށް މަސައްކަތް ކުރަން ބޭނުންވާ ކުދިންނަށް އަންނަ ބުދަ ދުވަހުގެ މެންދުރު 1:30 އާ ހަމައަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

