ދިވެހި ރާއްޖޭގެ ގައުމީ ތަރައްގީއާއި، ކުރިއެރުންތަކަށް އިލްމީ ދިރާސާތައް އެކުލަވާލައި ވެރިކަން ކުރުމުގެ ނިޒާމާއި ގުޅޭ މައުލޫމާތުތައް ހޯދުން މުހިންމުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޕޮލިޓިކަލް ސައިންސްގެ ދާއިރާއިން މަތީ ތައުލީމް ހާސިލު ކުރަމުން ދާ ދަރިވަރުންނަށް މި މެސެޖު އަބްދުއްރަހީމް ދެއްވާފައި ވަނީ ވިލާ ކޮލެޖުން ބެޗްލާސްގެ ދެ ޕްރޮގްރާމެއް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކައިގަ އެވެ.
ބެޗްލާސް އޮފް ޕޮލިޓިކަލް ސައިންސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސްއާއި، ބެޗްލާސް އޮފް ކުއެންޓިޓީ ސާވޭއިން އެ ކޮލެޖުން ތައާރަފު ކުރުމުން އަބްދުއްރަހީމް އެކަމަށް ތައުރީފް ކުރެއްވި އެވެ. އަދި ވިދާޅުވީ ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުންނަށް އިލްމީ ގޮތުން ލިބޭ މައުލޫމާތުތައް ގައުމުގެ ތަރައްގީއަށް ބޭނުން ކުރުން މުހިންމުކަމަށެވެ. އެގޮތުން މިއީ ވެރިކަމުގެ ނިޒާމު އެކުލެވިގެންވާ ގޮތާއި، ސަރުކާރެއްގެ އޮނގަނޑާއި ދައުލަތުގެ ބާރުތަކުގެ މުޅިން އައު ކަންތަކެއް ދަރިވަރުންނަށް އެނގިގެން ދާނެކަން އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ.
ސިޔާސީ އިލްމަކީ ވަރަށް ފުޅާ އެއްޗެއް… ވެރިކަމުގެ ނިޒާމުތައް އެކުލެވޭ ގޮތާއި ސަރުކާރުގެ އޮނިގަނޑާއި ރައްޔިތުންނާ ގުޅުންހުރި ކަންކަން ނިންމުމާއި ހާރިޖީ ގުޅުންތަކާއި އިންސާނީ ހައްގުތައި ބެހޭ މައުލޫމާތު މި އިލްމުގައި ހިމެނޭ… މިފަދަ ޕްރޮގުރާމެއް ތައަރަފްވެގެން ދިޔުމަކީ ރާއްޖޭގެ ސިޔާސީ މުސްތަގުބަލަށް ރަނގަޅު އަސަރުތަކެއް ކުރާނެ ކަމެއް
އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންނާއި ގުޅުން ހުރި ސިޔާސަތުތައް އެކުލަވާލައި، ގައުމުތަކުގެ ހިންގުމުގެ ނިޒާމު ދިރާސާ ކުރުމަށް ލިބޭ މި ފުރުސަތުގައު ދަރިވަރުން ރާއްޖޭގެ ވެރިކަން ކުރުމުގެ ވައްޓަފާޅިއަށް ދިރާސާތަކެއް ތައްޔާރު ކުރެވިދާނެކަމަށެވެ. އެގޮތުން ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމަށް އަންނަން ޖެހޭކަމަށް ފެންނަ ބަދަލުތަކާއި، މިހާރު އޮތް ނިޒާމު އޮތީ ޒަމާނަށް ފެތޭ ގޮތަށްތޯ ދަރިވަރުންނަށް ހޯދައި ބެލިދާނެކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕޮލިޓިކަލް ސައިންސްގެ ދާއިރާގެ ޕްރޮގްރާމުކަކީ، ގައުމެއްގެ ކުރިއެރުމާއި ތަރައްގީއަށް ނުހަނު ބޭނުން ތެރި ތައުލީމީ ކޯސްތަކެއްކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ އިލްމީ ދިރާސާތަކެއްގެ މައްޗަށް ގައުމު ހިންގުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭކަމަށެވެ. އަދި ދަރިވަރުން ތައުލީމު ނިންމައި ދަރިވަރުން ބޭނުންވާ ފުރުސަތުތަކަށް މަގުފަހިކޮށް ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވާކަމަށް ވިދާޅުވި އެވެ.
ގައުމެއްގެ ކުރިއަރައިދާނީ، ތައުލީމީ އިލްމީ ދިރާސާތަކެއްގެ މައްޗަށްކަން އަބްދުއްރަހީމް ވަނީ މި ރަސްމިއްޔާތުގައި ވިދާޅުވެފަ އެވެ. އެއީ ރައީސް ޑރ. މުއިއްޒުގެ ވެސް ވިސްނުންފުޅުކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

