ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ފެށުމަށް އުނޅަދު އޮޕަރޭޓްކުރުމަށް ބޭނުންވާ މީހުން ހޯދުމަށް މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން އިއުލާންކޮށްފިއެވެ.
އެ ވުޒާރާއިން ކުރި އިއުލާނެއްގައި ބުނީ ކުއްލި އެމާޖެންސީ ހާލަތަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް އެހީތެރިވުމުގެ ގޮތުން ހެލިކޮޕްޓަރު ދަތުރުތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.
މި ހިދުމަތް ރާއްޖޭގައި ދެވެނީ ރެޕިޑް މެޑިކަލް ރެސްޕޮންސްތަކަށް ހެލިކޮޕްޓަރު ބޭސްޑް އެއާ އެމްބިއުލާންސްގެ ހިދުމަތް ދޭނަމައެވެ. ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ހެލިކޮޕްޓަރު ބޭނުން ކުރެވެން ޖެހޭއިރު، އްޖޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ކޮމާޝަލް ޕެސެންޖަރ ޓްރާންސްޕޯޓް ތައާރަފު ކުރަން ޖެހޭކަމަށްވެސް މި އިއުލާނުގައިވެއެވެ.
ކާމިޔާބު ފަރާތަކަށް 10 އަހަރުގެ އެކްސްކްލޫސިވިޓީއެއް ދީގެން ފަތުރުވެރިކަމަށް ހެލިކޮޕްޓަރު ޕެސެންޖަރ ޓްރާންސްފަރ ކުރުމުގެ ފުރުސަތު ދިނުމަށް ވިސްނާކަން މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ.
ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޝަން ފެށުމަށް ސަލާމަތާއި ރައްކާތެރިކަން ބެލުމަށްޓަކައި އެކަމުގެ އެންމެ ތަޖުރިބާ ހުރި އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) އިން ސްޓަޑީއެއް ހަދާފައިވާއިރު، ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭނީ އެ އެ ސްޓްޑީޒްގައި ބުނާ މިންގަނޑުތަކަށްކަމަށް މިނިސްޓްރީއިން ބުނެއެވެ.

