ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްކޭމްތައް ހިންގާ އެކައުންޓުތައް ކޯޓު އަމުރެއް ނެތި ހިފެހެއްޓޭ ގޮތަށް ކުޑޫގެ އިސްލާހެއް

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ)/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަކަރާއި ހީލަތުގެ މައްސަލަތަކުގައި ފައިސާ ދައުރު ކުރުން ހުއްޓުވުމަށް ބޭންކު އެކައުންޓުތައް ކޯޓު އަމުރަކާއި ނުލައި ހިފެހެއްޓުމުގެ ބާރު ދިނުމަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހަޅައިފި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް މި އިސްލާހު ހުށަހަޅާފައި ވަނީ ސްކޭމްތައް ހުއްޓުވުމަށް މިފަދަ ގާނޫނީ ހައްލަކަށް ފުލުހުންގެ ފަރާތުން ހުށަހަޅާފައި ވަނިކޮށެވެ. ސްކޭމްތަކުގެ މައްސަލައިގައި ފުލުހުންނާއި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އާއި އެކު ކުރިޔަށް ގެންދިޔަ ބައްދަލުވުމުގައި ފުލުހުން ބުނެފައި ވަނީ ޒަމާނަށް އަންނަ ބަދަލުތަކާއި އެކު ކުށްވެރިން ސްކޭމް ކުރުމުގައި ބޭނުން ކުރާ އުކުޅުތައް ވެސް ފުޅާކޮށްފައިވާކަމަށެވެ.

މި މައްސަލައިގައި ގާނޫނީ ހައްލުތަކެއް ބޭނުންވާކަމަށް ފުލުހުން ވެސް ފާހަގަކޮށްފައި ވާތީ، މެމްބަރުގެ ފަރާތުން ވަނީ ރައްޔިތުންގެ މަޖިލީހަށް ބައެއް ހުށަހެޅުންތަކެއް ފޮނުވާފަ އެވެ. އެގޮތުން ކުޑޫގެ ފަރާތުން ފޮނުވި ސިޓީގައި ވަނީ ސްކޭމްތަކުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތައް ލިބެމުންދާކަމަށެވެ. އަދި ފުލުހުންގެ ފަރާތުން އެދިފައި ވަނީ ގާނޫނީ ހައްލެއް އަވަސް ގޮތަކަށް ގެނެސް ނުދެވިއްޖެ ނަމަ ރައްޔިތުންނާއި ގައުމަށް އޭގެ ސަބަބުން ގިނަ ގެއްލުންތަކެއް ވާނެކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގައި މިހާރު ބުނާ ގޮތުން ތިން ހާލަތެއްގައި ބޭންކު އެކައުންޓާއި އެ އެކައުންޓުން ކުރާ މުއާމަލާތްތައް މޮނީޓާރ ކުރުމަށް ކޯޓު އަމުރަކަށް އެދުމުގެ ބާރު ފުލުހަށް ލިބިގެންވެ އެވެ. އޭގެ ތެރޭގައި ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުން ލާޒިމު ކުރާ ކުށެއްކޮށްފައިވާ މީހާއާއި އެފަދަ ކުށެއް ކުރުމުގައި ބައިވެރިވެފައިވާ މީހާ އަދި އެފަދަ ކުށެއް ކުރަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ މީހާ ހިމެނެ އެވެ. އަދި ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުން ލާޒިމު ކުރާ ކުށެއްގެ އަމަލުން ސީދާ ގޮތެއްގައި ނުވަތަ ނުސީދާ ގޮތެއްގައި މަންފާ ލިބިފައިވާ މީހާއާއި ޖިނައި ބޮޑު ކުށެއްގެ އަމަލުން މަންފާއެއް ލިބިގަތުމުގެ ފުރުސަތު އޮތް ނުވަތަ އެ މަގުމަތިވާ މީހާ ހިމެނެ އެވެ.

ޖިނާއީ ބޮޑު ކުށެއް ފާހަގަވެ އެ އެކައުންޓުގައިވާ ފައިސާ ވަކި މުއްދަތަކަށް ހިފެހެއްޓުމަށް އެދި ކޯޓު އަމުރަކަށް އެދުމުގެ ބާރު ފުލުހުންނަށް ލިބިގެންވީ ނަމަވެސް ބަޔާން ކުރާ ކުށްތަކުގެ ތެރޭގައި ސްކޭމް ނުހިމެނެ އެވެ. އެހެންވެ، ކުޑޫގެ ފަރާތުން ހުށަހެޅި އިސްލާހުގައި ވަނީ މަކަރާއި ހީލަކުން އޮޅުވާލައިގެން އެކައުންޓުގެ ވެރިފަރާތަށް ނޭނގި ފައިސާ އޮޅުވާލައިގެން ނަގަމުންދާ ނަމަ މައްސަލަތަކުގައި ކޯޓު އަމުރެއް ހޯދުމުގެ ބާރު ހިމެނުމަށެވެ.

ސްކޭމްގެ މައްސަލައެއްގައި ހިމެނޭ އެކައުންޓެއް ހިފެހެއްޓުމަށް ކޯޓު އަމުރެއް ނުރުމަށް ހޭދަވާ ވަގުތުގެ ތެރޭގައި އެކައުންޓުގައިވާ ފައިސާ ނުވަތަ ޓްރާންސްފާ ކުރި އެކައުންޓުތަކުގެ ފައިސާ ހިފެހެއްޓުމަށް ނުވަތަ އެ ފައިސާއިން މުއާމަލާތް ކުރުން ހުއްޓުވުމުގެ އަމުރެއް ފުލުހުންނަށް ނެރެވިދާނެ އެވެ.

އެކަމަކު އެ އަމުރެއް ނެރެވޭނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުތަކުން ފެށިގެން މަތީ އޮފިސަރަކަށެވެ. އަދި އެ އަމުރެއް ލަސްނުކޮށް އެ އެކައުންޓު ހުޅުވާފައިވާ ބޭންކު ނުވަތަ އިދާރާއަށާއި، މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް އަންގަންވާނެކަމަށް ބުނެފައި ވެއެވެ.

ސްކޭމްތަކުގެ މައްސަލައިގައި ކުރިޔަށް ދިޔަ ކޮމިޓީ ބައްދަލުވުމުގައި، ފުލުހުންގެ އެންޓި ސްކޭމްގެ ހެޑް، އަދި އިންސްޕެކްޓަރ އޮފް ޕޮލިސް މަރިޔަމް ރަޝީދާ ވިދާޅުވެފައިވާ ގޮތުން އެފަދަ މައްސަލައެއް ރިޕޮޓު ކުރާ ހިސާނުން ފައިސާ ދައުރު ކުރާ އެކައުންޓުތަކުން ފައިސާ ހޯލްޑު ކުރެވޭނެ ގާނޫނީ ނިޒާމެއް ނެތްކަމަށެވެ. މަރިޔަމް ވިދާޅުވީ ބޭންކު އެކައުންޓެއްގައި ހުރި ފައިސާ ހުއްޓުވާނަމަ، އެކަން ކުރަން ޖެހެނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

މިހާރު ކޯޓު އަމުރެއް ހޯދާނެ ފުރުސަތެއް ނުލިބޭއިރު، ސްކޭމްތައް ހިންގަމުން ދަނީ ވަރަށް އަވަހަށްކަމަށްވުމާއި އެކު އެކައުންޓުތަކުގައި ދައުރު ކުރަމުން ދާ ފައިސާތައް ހުއްޓުވޭނެ ގާނޫނީ ނިޒާމެއް ބޭނުންވާކަމަށާއި އެކަމުގައި މަޖިލީހުގެ އެހީތެރިކަން ބޭނުންވާކަމަށް މަރިޔަމް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: