ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ސިއްހީ ނިޒާމަށް ސަމާލުކަން ނުދިނުމުގެ ސަބަބުން މުޅި ދާއިރާ އެއްކޮށް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަމަށް ހެލްތް މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ސިއްހީ ނިޒާމާއި ގުޅޭ ޝަކުވާތަކަށް ހައްލެއް ގެނައުމަށް މިދިޔަ ސަރުކާރުގައި ވެސް ގިނަ މަސައްކަތްތައް ކުރި އެވެ. އޭގެ ތެރޭގައި އެކި ސަރަހައްދުތަކުގައި ޓަޝަރީ ހޮސްޕިޓަލްތައް އެޅުމާއި، ސްޕެޝަލިސްޓުންގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ކުރި ސުވާލުތަކަށް ޚަލީލް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ސިއްހީ ނިޒާމު ނަގާ ކޮޅަށް ޖެހުމަށް ކުރަން ޖެހިފައި ވަނީ ބުރަ ބޮޑު މަސައްކަތެއް ކަމަށެވެ. ހާލަތު ގޯސްވެފައިވާ މިންވަރުގެ މައްޗަށް ސަރުކާރުގެ ކަންބޮޑުވުންތައް ގިނަކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ ގިނަ ރަށްތަކުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ކުރީ ސަރުކާރުން އަޅާލާފައި ނުވާކަމަށެވެ. އަދި އެތަންތަނުގެ ހިދުމަތް ރަނގަޅު ކުރުމަށް ދެކެވިފައި ހުރީ ހުސް ވާހަކަތަކެއްކަމަށާއި، ނަތީޖާއެއް ނެރުމަށް އަމަލީ އެއްވެސް މަސައްކަތެއްކޮށްފައި ނެތްކަމަށް އޭނާ ވިދާޅުވި އެވެ.
އަޅުގަނޑު ދުށިން ބައެއް ތަންތަން.. ލަކުޑި ދޮރުތަކުގެ އެތެރޭގައި އެކި ވައްތަރުގެ ފަންޏާއި އެއްޗެހި އުޅޭތަން ދުށިން… މި ވާހަކަ މި ދައްކަނީ ލޮލުން ފެނިފައި..
ހަލީލް ވިދާޅުވީ ހަގީގަތަކީ ސިއްހީ ހިދުމަތް ދޭ ގިނަ އިމާރާތްތައް ވަރަށް ބޮޑަށް ހަލާކުވެ، ބައުވެފައި ހުރުމެވެ.
ކުރީ ސަރުކާރުން ހޮސްޕިޓަލްތައް ތަރައްގީކޮށް، ބަދަލު ގެނައިކަމަށް ބުނި ނަމަވެސް އެ މަރާމާތުތައް ގެނެސް ޒަމާނީ ފެންވަރެއް ފެންނަން ހުރީ ހަމައެކަނި ހޮސްޕިޓަލްގެ އޮފީސްބައިކަމަށް ހަލީލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ރައީސް މުއިއްޒުގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
ކުރީ ސަރުކާރުން ބޮޑެތި މީހުން މަސައްކަތް ކުރުމަށް އޮފީސްބައި މަރާމާތުކޮށް ބަދަލު ގެނައި ނަމަވެސް މި ސަރުކާރުން އިސްކަން ދޭނީ ރައްޔިތުންނަށް ހިދުމަތް ދޭ ބައިތަކުގެ ފެންވަރު ރަނގަޅު ކުރުމަށްކަމަށް ޚަލީލް ވިދާޅުވި އެވެ. އަދި ވިދާޅުވީ ހޮސްޕިޓަލްތަކަށް އައު އިމާރާތައް އެޅުމަށް ފަހު، ކުރިން ބޭނުން ކުރަމުން އައި ބައި އެހެން ބޭނުންތަކަށް ވެސް ބަދަލު ކުރެވިދާނެ އެވެ.

