މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، ސަރުކާރުގެ އިދާރާތަކަށް ހުށަހަޅާ އާރުއަައިޓީތަކަށް ދެވެން އޮތް މައުލޫމާތެއް ފޯރުކޮށްދެވޭ ނަމަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް އެ ޝަކުވާތައް ނާންނާނެކަމަށް އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު މިއަދު ވިދާޅުވެެއްޖެ އެވެ.
އައިކޮމްގެ އޮފީހަށް ހުށަހެޅޭ މައްސަލައެއް 30 ދުވަހުގެ ތެރޭގައި ބަލާ ނިންމަން ޖެހޭނެކަމަށް ގާނޫނު ބުނާއިރު ވަކި ހާލަތެއްގެ ތެރޭގައި އިތުރު ކުރެވޭ 15 ދުވަހާއި އެކު 45 ދުވަހުން މައްސަލަ ބަލައި ނިންމަން ޖެހޭކަމަށް އާހިދު ވިދާޅުވި އެވެ. އަދި މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެކަނި ވެސް 240 މައްސަލަ ކޮމިޝަނަށް ލިބުނުއިރު އެކަށީގެންވާ ވަސީލަތްތަކެއް ނެތި، މުވައްޒަފުން މަދުވުމުން އަޑުއެހުންތައް ކުރިޔަށް ގެންދިއުމަށް ދަތިތަކެއް ދިމާވާކަމަށް އާހިދު ވިދާޅުވި އެވެ. އެހެން ނަމަވެސް، އައިކޮމްއަށް ލިބޭ މައްސަލަތަކުން 90 އިންސައްތައަކީ އާހިދު ވިދާޅުވި ގޮތުގައި އިދާރާތަކުން އެއްވެސް ޖަވާބެއް ނުދީގެން ހުށަހަޅާ ޝަކުވާއެވެ.
އެ އިދާރާއެއްގެ އިންފޮމޭޝަން އޮފިސަރު ދިން ޖަވާބާއި މެދު ހިތްހަމަނުޖެހިގެން ލިބިފައި ވަނީ އެންމެ 6 އިންސައްތަ މައްސަލަކަމަށާއި، މެޖޯރިޓީ ޝަކުވާއަކީ އެދޭ އެއްވެސް މައުލޫމާތަކަށް ޖަވާބެއް ނުދީގެން އައިކޮމްއަށް ހުށަހަޅާ މައްސަލަތައްކަމަށް އާހިދު ވިދާޅުވި އެވެ.
އާހިދު ވިދާޅުވީ ގާނޫން ލާޒިމް ކުރާ ގޮތުގެ މަތީން އިދާރާތަކުން ހޯދަން އެދޭ މައުލޫމާތުތަކުގެ ތަފްސީލު މުއްދަތުގެ ތެރޭގައި ފޯރުކޮށް ދޭނަމަ އައިކޮމްއަށް މައްސަލަތައް ނުލިބޭނެކަމަށެވެ. އާހިދު ވިދާޅުވީ މައުލޫމާތު ނުދެވޭ ސަބަބެއްކަމަށް އިދާރާތަކުން އާންމުކޮށް ދޭ ޖަވާބަކީ އެ މުއްދަތެއްގެ ތެރޭގައި އެ ތަފްސީލު ދެވޭނެހާ ވަސީލަތްތަކެއް ނެތުމެވެ.
އަޅުގަނޑުމެންގެ މަސައްކަތްތައް ވެސް ގިނަވެގެން މިދަނީ، އިދާރާތަކުން ގާނޫނުން ލާޒިމްކޮށްފައިވާ މިންވަރަށް އަމަލު ނުކުރާތީ… އެ ކޮންމެސް މިންވަރަކަށް ޖަވާބު ދޭނަމަ އަޅުގަނޑުމެންނަށް ލިބޭ މައްސަލަތައް ކޮންމެވެސް ވަރަކަށް މަދުވާނެ.. ދެން އިދާރާތަކުން އެކި އެކި ސަބަބުތައް އެބަ ދައްކާ، މިކަން ނުކުރެވެނީ ކީއްވެގެންކަން..
އާހިދު ވިދާޅުވީ މި އަހަރުގެ މިހާތަނަށް ނިންމި މައްސަލަތަކުގައި، އެ އިދާރާއަކުން އަމަލު ކުރީ ނުވަތަ ނިންމާފައި ވަނީ ރަނގަޅަށްކަމަށް ނިންމާފައި ވަނީ 09 އިންސައްތަ މައްސަލައިގައި ކަމަށެވެ.
ކޮމިޓީގައި އާހިދު ހުށަހަޅައިދެއްވި ތަފާސްހިސާބުތަކުގެ ޕްރެޒެންޓޭޝަނުގައިވާ ގޮތުން އެންމެ ގިނަ މައްސަލަތަކެއް ހުށަހަޅާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ދެކޮޅަށެވެ. އެގޮތުން އެ އޮފީހާ ދެކޮޅަށް 43 މައްސަލައެއް ހުށަހެޅި ނަމަވެސް މިހާރު އެ ހުރިހާ މައްސަލައަކަށް ޖަވާބު ދީފައިވާކަމަށް އާހިދު ވިދާޅުވި އެވެ. އެގޮތުގެ މަތީން ބައެއް މިނިސްޓްރީތަކުން ވެސް ޖަވާބުދީފައިވާކަން ފާހަގަކުރެވޭކަމަށް އާހިދު ވިދާޅުވި އެވެ.

