މިދިޔަ ދައުރުތަކުގައި ދުވަހަކުވެސް މަސައްކަތް ނުކުރާ މިންވަރަށް މިދިޔަ 2 މަހެއްހާ ދުވަސް ތެރޭގައި މަސައްކަތްކޮށްފައިވާ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހް ވިދާޅުވީ މިދައުރުގައި މަޖިލީހުގެ ތެރޭގައި ކުރެވުނު މަސައްކަތް ތަކުގެ ތެރެއިން އެތައް ގާނޫނަކަށް އަދި ގަވައިދަކަށް އިސްލާހު ގެނެސްފައިވާ ކަމަށެވެ. މިހުރިހާ މަސައްކަތެއް ކުރައްވާ އިރުވެސް މަޖިލީހުގެ 19 ކޮމިޓީ އޮންނަ ކަމަށް ފާހަގަކޮށް ފަލާހް ވިދާޅުވީ 19 ކޮމިޓީގައި އެއް ދުވަހަކުން މަސައްކަތް ކުރައްވާ ނަމަ ތަޅުމުގައި މެމްބަރަކު ނުހުންނަވާނެ ކަމަށެވެ.
ފަލާހް ވިދާޅުވީ ކޮންމެ ކޮމިޓީއެއްގައި 11 ނުވަތަ 8 މެމްބަރުން ތިއްބަވާ ކަމަށެވެވެ. ފަލާހް ވިދާޅުވީ މަޖިލިސް ތަޅުމުގައި ކުރެވޭ މަސައްކަތަކީ ކޮމިޓީތަކުގައި ކުރައްވާ މަސައްކަތަށްވުރެ މާ މަދު މަސައްކަތް ކަމަށެވެ.
”އަޅުގަނޑުމެން ފުލޯގ ކުރާ މަސައްކަތަނީ މަޖިލީހަށް އަންނަ ބިލުތަކާއި މެދު މެމްބަރުން ދެކޭ ގޮތް ހަމައެކަނި، އެބޭފުޅުންނަށް އޭގައި ހުންނަ ހިޔާލެއް ހާމަކުރުމަށްޓަކައި ކުރެވޭ މަސައްކަތެއް. އެހެންނޫންނަމަވެސް އިދިކޮޅު ބައެއް ނޫސްތަކުގައި ލިޔަމުން ގެންދަނީ މިއަދުވެސް މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތިގެން މަޖިލީސް މެދުކަނޑައިލައިފިއޭ. ދެން އަޅުގަނޑުމެންގެ ދާއިރާގެ ރައްޔިތުން ހީކުރަނީ އަޅުގަނޑުމެން މުސާރާގައި ނިދަނީއޭ މެންދުރުފަހު“
ފަލާހް ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ނިންމާލުމަށްފަހު ގެއަށް ދެވެނީ ރޭގަނޑު ކަމަށާއި އަދި ކޮމިޓީ މަރުހަލާގައި ކުރެވޭ މަސައްކަތް ތަކަކީ ރަސްމީ މަސައްކަތް ތަކެއް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ މެމްބަރުންގެ ހާޒިރީއަށް ބެލި ނަމަވެސް މިހާތަނަށް ހާޒިރީ އެންމެ ރަނގަޅު މެމްބަރުންނަށް ވާނެ ކަމަށް ފަލާހް ވިދާޅުވިއެވެ.
ފަލާހް ވިދާޅުވީ މެމްބަރުން އިންތިހާބު ވުމާއި ގުޅިގެން ރައީސް މުއިއްޒު މެމްބަރުންނާއި ބައްދަލު ކުރައްވާ ނަމޫނާ މަޖިލީހަކަށް ހެދުމަށް މަސައްކަތް ކުރުމަށް ވިދާޅުވި ކަމަށާއި އަދި އެކަން ކުރުމަށްޓަކައި ގަޑިއަށް ފަރުވާތެރި ވުމަކީ އެންމެ މުހިންމު އެއްކަން ކަމުގައި ފާހަގަކުރެއްވި ކަމަށެވެ.
މީގެއިތުރުން ފަލާހް ވިދާޅުވީ ބަލި ހާލަތު ހުރި ގޮތުން ނޫން ގޮތެއްގައި ޕީއެންސީއަށް ނިސްބަތް އެއްވެސް މެމްބަރަކު މަޖިލީހަށް ވަޑައިނުގެން ނުތިއްބަވާނެ ކަމަށެވެ. މަޖިލީހުގައި ކުރާ މަސައްކަތް ތަކަކީ ކަމަކަށް ކަމެއް ކުރާ އުސޫލުން ކުރާ ކަމެއް ނޫން ކަމަށާއި އެއީ ރައްޔިތުންނަށް އިހުލާސްތެރި މަސައްކަތްތަކެއް ކޮށްދިނުމުގެ ނިޔަތުގައި ކުރާ ކަންކަން ކަމަށް ފަލާހް ވިދާޅުވިއެވެ.

