ސިޔާސީކޮށް ނުވަތަ ޒާތީކޮށް އެއްބަޔަކު އަނެއްބަޔަކާއި އެއްޗެށް ބުނެލުމަކީ ޑިމޮކްރެސީގައި އެންމެ މުހިންމު އެއްސިފަކަން ބަޔަކަށް ހީވެފައި އޮވެދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ހަރުގެ ޖަލްސާގައި ނައިބުރައީސް ވިދާޅުވީ ސިޔާސީގޮތުން އިސްކޮށް ތިއްބަވާ ލީޑަރުން މިދިޔަ މާޒީގެ ދުވަސްތަކުގަ އާއި އަދި ތާރީހުންވެސް ހެކިދެނީ އެ ލީޑަރުން އުފެއްދި ފިކުރުތަކުގައި ކަންކަން ވަމުންއައި ގޮތަކީ ރައްޔިތުން ބޭނުންވީ ކަންކަން ނޫންކަން ކަމަށެވެ. އެ ލީޑަރުންގެ ފަރާތުން އުފެދިގެންއައި ކަންކަމަކީ ނުވަތަ ދޭދޭ ފަރުދުންގެ މެދުގައި އުފެދުނު އެއްޗަކީ ނަފުރަތާއި ރުޅިވެރިކަން ކަމާއި އަދާވާތްތެރިކަން ކަމަށް ނައިބުރައީސް ވިދާޅުވިއެވެ.
”އަޅުގަނޑަށް މި ޕޯޑިއަމްގައި މިތަނުގައި ހުއްޓި އަޅުގަނޑަށް އެބައޮތް މިނިވަންކަމުގެ ބޭނުން ވާހަކައެއް ދެއްކެން. ﷲގެ ތަނަވަސް ރަހުމަތުން ވާހަކަދެއްކުމުގެ ގާބިލްކަން އަޅުގަނޑަށް ލިބިފައިވާ ނަމަ އެ ފުރުސަތު އަޅުގަނޑަށް އެބައޮތް. އެހެންނަމަވެސް އަޅުގަނޑުވެސް ވާހަކައެއް ބުނެލާއިރު ހާއްސަގޮތެއްގައި ރައްޔިތުން ތަމްސީލު ކުރާ މީހަކަށްވެހުރެ ވާހަކައެއް ދައްކާއިރުގައި، އަޅުގަނޑާއި އަޅުގަނޑު ވަށާއިގެންވާ މާހައުލުގައި ނޫނީ އިޖުތިމާއީ ގޮތުން ގުޅުންހުރި ފަރާތްތަކަށްވެސް އަޅުގަނޑުގެ ޒިންމާއެއް، އަދި އަޅުގަނޑު ބުނާ ބަސްތަކުން ކުރާނެ އަސަރުތަކެއްގެ މައްޗަށް ވިސްނާލަން ޖެހޭނެ“
ނައިބުރައީސް ވިދާޅުވީ މިހާތަނަށް އައިރު ރައްޔިތުންގެ ދެމެދު އޮތީ ނެދެވޭ އަދާތައް ކަމަށާއި އެހެންނަމަވެސް ރައްޔިތުން އެކަންކަން ނިންމުމަކަށް ގެންނަން ބޭނުންވީ މިންވަރު ރިޔާސީ އިންތިހާބުގައި ފެނުން ކަމަށެވެ. ރައީސް މުއިއްޒުގެ ނަންފުޅު ވޯޓު ކަރުދާހުގައި އޮތް ހިސާބުން ރައްޔިތުން ނިންމީ އެމަނިކުފާނަކީ ރައްޔިތުން ގޮވައިގެން އެމީހުން ބޭނުންވާ މަންޒިލަށް ވާސިލްކޮށްދޭނެ ވެރިއެއްކަން ކަމަށް ނައިބުރައީސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބައިވެސް ރައްޔިތުންގެ ދެމެދު ނަފުރަތުކަން އުފެއްދުމާއި ރުޅިވެރިކަން އުފެއްދުމަށް މަސައްކަތްތަކެއް ފެށިގެންއައި ކަމަށް ނައިބުރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް ރައްޔިތުން އެކަމަށް ނޫނެކޭ ބުނެ މާޒީ އިޔާދަ ވުމަށް ނޭދޭ ކަމަށް ބުނަމުން ދިޔަ ކަމަށް ނައިބުރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ނައިބުރައީސް ވިދާޅުވީ މާޒީއިން ލިބުނީ ވަރަށް ހިތި ތަޖުރިބާއެއް ކަމަށާއި އަދި އެކަމުގެ ސަބަބުން ސިޔާސީ ލީޑަރުން ތިބީ ގައުމުގެ ޖީލެއް ހަލާކުކޮށްލާފައި ކަމަށް ނައިބުރައީސް ވިދާޅުވިއެވެ.

