ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) މިހާރުގެ ވެރިން ކުރީގެ މެނޭޖުމެންޓަށް ކުރި ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ފުރުސަތަށް އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) އެދިވަޑައިގެންފިއެވެ.
މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީގައި މޫކޭ ވިދާޅުވެފައިވަނީ މި ހިނގާ އޮގަސްޓް މަހުގެ 5 ވަނަ ދުވަހު އެސްއޯއީ ކޮމިޓީއިން ބޭއްވެވި ބައްދަލުވުމަކަށް އާރުޑީސީގެ މިހާރު ވެރިން ހާޒިރު ކުރުމުން ކުރީގެ މެނޭޖުުމެންޓާއި ބެހޭ ގޮތުން ދޮގު ތުހުމަތުތަކެއްކޮށް، ކުންފުނިން ކޮށްފައިވާ އެކި ކަންކަމާއި ގުޅޭ ގޮތުން ހަގީގަތާއި ހިލާފު ވާހަކަތަކެއް ދައްކަވާފައިވާކަމަށެވެ. އެހެންކަމުން އެކަން ކޮމިޓީގެ ސަމާލުކަމަށް ގެންނަން ބޭނުންވާކަމަށް ވިދާޅުވިއެވެ.
ކޮމިޓީގައި މިހާރުގެ ވެރިން ވާހަކަދެއްކެވީ ކުންފުނީގެ ހާލަތާއި، އަދި ކުންފުނީގެ ދަރަންޏާ ބެހޭ ގޮތުން އެއްވެސް އޮޑިޓެއް އަދި އެސިސްމަންޓެއްވެސް ހެދުމަކާއި ނުލާކަމަށް މޫކޭގެ ސިޓީގައިވެއެވެ. އެ ކުންފުނީގެ ކުރީގެ މުއާމަލާތްތަކާއި ގުޅޭ ލިޔެކިޔުންތައް މިހާރު ފެންނަން ނެތްކަމަށް ވިދާޅުވެ، ދެއްކެވި ވާހަކަތަަކަކީވެސް އެކަށީގެންވާ މިންވަރަށް ކަންކަން ބެލުމަށްފަހު ނުވަތަ ހާލަތު ދެނެގަތުމަށްފަހު ދެއްކެވި ވާހަކަތަކެއް ނޫންކަމަށް އޭނާ ވިދާޅުވެފައިވެއވެެ.
މިހެން ކަންކަން ހުރުމުން، އާރުޑީސީ ހިންގަން އޭރު އިސްކޮށް ތިބި މީހުންގެ ހައިސިއްޔަތުން ކޮމިޓީއަށް ހާޒިރުވެ، ކޮންމެ މީހަކަށް ކޮމިޓީއިން ކުރާ ސުވާލަކަށް، އެނގި ހުރި މިންވަރަކުން ތެދުބަހުން ޖަވާބުދީ، އެކަމުގެ ރަނގަޅު މައުލޫމާތު ކޮމިޓީއަށް ކިޔައިދިނުމަށްޓަކައި އެ ފުރުސަތަށް މޫކޭ ވަނީ އެދިވަޑައިގެންފައެވެ.
މިހާރުގެ ވެރިން ހާޒިރު ކުރި ކޮމިޓީ ބައްދަލުވުން ވަގުތުން ބްރޯޑްކާސްޓް ކޮށްފައިވާކަމަށް ފާހަގަކޮށް، އެބޭފުޅުން ހާޒިރުކުރާ ބައްދަލުވުންވެސް ވަގުތުން ޓީވީތަކުން ދެއްކުމަށް މޫކޭ ވަނީ އެދިފައެވެ.
މޫކޭ އެ ދެނެންނެވި ކޮމިޓީ ބައްދަލުވުމުގައި މިހާރުގެ ވެރިން ބުނި ގޮތުގައި ލިޔެކިޔުމެއް ނެތި 161 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. އިންޓަނެޓް ބޭންކިން މެދުވެރިކޮށް ފައިސާ ހުރީ ސީދާ ކުންފުނިތަކަށް ޓްރާންސްފާ ކޮށްފައިކަމަށާއި، ކުންފުނީގެ ބައެއް ވެރިންގެ އަމިއްލަ އެކައުންޓަށް ފައިސާ ޖަމާވެފައިވާކަމަށްވެސް ބުންޏެވެ.
މީގެ އިތުރުން ބޮޑު އަގުގައި ތަކެތި ގަތުމާއި ތަކެތި ކުއްޔަށް ހިފާފައިވާކަމުގެ ތުހުމަތުކުރިއިރު، ބޭނުން ނުވާ ވަރަށް މުވައްޒަފުން ނަގާފައިވާކަމަށްވެސް ކޮމިޓީ ބައްދަލުވުމުގައި ކުންފުނީގެ މިހާރުގެ ވެރިން ފާހަގަކުރިއެވެ.
މާލީ ކަންކަން ނުބެލެހެއްޓުމުގެ ސަބަބުން ކުންފުނި 837 މިލިއަން ރުފިޔާ އިން ދަރާފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.

