ރައްޔިތުންގެ މަޖިލީހުގެ އަދަދު ލިމިޓު ކުރުމަށް ހަ ސިޔާސީ ޕާޓީއަކުން ތާއީދު ކޮށްފިއެވެ.
މެންބަރުންގެ އަދަދު އިތުރުވާ މައްސަލައިގައި ގަރާރެއް ހުށައެޅުއްވީ ބާރަށު ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހިމް ޝުޖާއުއެވެ. ޝުޖާއު ހުށަހެޅުއްވި ގަރާރުގައި ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުން ފެށިގެން ރާއްޖޭގައި އިންތިޚާބުކުރެވުނު ރައްޔިތުންގެ މަޖިލިސްތަކުގެ މެންބަރުންގެ އަދަދު، ކޮންމެ ފަސް އަހަރަކުން އިދާރާތަކުގެ އާބާދީ އިތުރުވަމުން އަންނަ ނިސްބަތުން އިތުރުވަމުން އަންނަ ކަމަށެވެ. އަދި އެއީ 2008 އޮގަސްޓް 7 ގައި ގާނޫނުއަސާސީގެ 71 ވަނަ މާއްދާ އަދި 72 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުގެ ދަށުން ވުޖޫދުކޮށްފައިވާ ގާނޫނާ އެއްގޮތަށް ކުރިއަށްދާ އުސޫލެއް ކަމަށް ގަރާރުގައިވެއެވެ.
މެންބަރުން އިތުރުވަމުން އަންނަ ނިސްބަތަށް ބަލާއިރު، ދުނިޔޭގެ ނިސްބަތުން ވެސް ދިވެހި ގައުމުގެ އާބާދީ އާ އަޅާބަލާއިރު، ރާއްޖޭގެ މަޖިލިހަށް އިންތިހާބު ކުރަން ޖެހޭ މެމްބަރުންގެ އަދަދު އަންނަނީ އިތުރުވަމުން ކަން ފާހަގަކޮށް ގަރާރުގައި ބުނީ، އެހެންކަމުން ރާއްޖޭގެ ގާނޫނު ހަދާ މަޖިލިހަށް ކޮންމެ ފަސް އަހަރަކުން މެމްބަރުން އިތުރުވަމުންދާ ދިއުމަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުން ހައްލެއް ހޯދަން ޖެހޭ ކަމަށެވެ.
ގަރާރުގައި ބުނީ މިއީ ރައްޔިތުންގެ މެދުގައި ނުހަނު ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށެވެ. އަދި ވަގުތާ ހާލަތާ ގުޅޭފަދަ ހެޔޮ ބަދަލެއް އެކަމުގައި ގެނެއުމަށް މަޖިލީހުގައި ބަހުސް ކޮށް، މެންބަރުން ސީދާ މިކަމާމެދު ދެކޭ ގޮތް ހާމަކުރުމަށްޓަކައި މަޖިލީހުގެ ގަވާއިދު ތަންދޭ އެންމެ ފުޅާމިނެއްގައި އެ ގަރާރަށް ބަހުސްކޮށް މެންބަރުންގެ ޚިޔާލާ ރައުޔުތައް ހާމަވެގެން ދިއުމަކީ ވަރަށް މުހިއްމު ކަމެއް ދެކޭ ކަމަށެވެ.
މި ގަރާރާއި ގުޅިގެން ސިޔާސީ ޕާޓީތަކުގެ ހިޔާލު ހޯދުމަށް ބޭއްވި މިނިވަން މުވައްސަސާތަކުގެ ކޮމިޓީގައި ސިޔާސީ ގިނަ ޕާޓީތަކުން ވަނީ މެންބަރުންގެ އަދަދު ލިމިޓް ކުރުމަށް ތާއީދު ކޮށްފައެވެ.
8 ޕާޓީއަކަށް މި ބައްދަލުވުމަށް ދައުވަތު ދިން ނަމަވެސް، ބައްދަލުވުމުގައި ބައިވެރިވީ 6 ޕާޓީއެކެވެ. އެއީ އަދާލަތު ޕާޓީ، އެމްއާރްއެމް، އެމްއެންޕީ، ޑިމޮކްރެޓްސް އަދި އެމްޑީއޭއެވެ. ދެން ބައިވެރިވީ ޕީއެންސީއިންނެވެ.
ކޮންމެ ދައުރަކު މެންބަރުންގެ އަަދަދު ދަނީ އިތުރުވާކަން ފާހަގަކޮށް، މިކަމުގެ ސަބަބުން ދައުލަތު ބަޖެޓަށް ނުކަތާކަމަށް ޑިމޮކްރެޓްސްގެ ނާއިބު ރައީސް އާއިޝަތު އަލައިކާ އަދުނާން ވިދާޅުވިއެވެ. އެތައް ހަރަދެއް ކުރި ނަމަވެސް މަޖިލީހުގައި ދާއިރާތައް ރަނގަޅަށް ތަމްސީލު ނުކުރެވޭކަމަށްވެސް އަލައިކާ ވިދާޅުވިއެވެ. މި މައްސަލައަށް އޮތް ހައްލަކީ މެންބަރުންގެ އަދަދު ލިމިޓު ކުރުންކަމަށާއި، ޑިމޮކްރެޓްސްގެ ވިސްނުމަކީ އެއީކަމަށް އޭނާ ވިދާޅުވިއެވެ.
މިކަމާއި ބެހޭ ގޮތުން އަދާލަތު ޕާޓީއިން ބުނީ ގާނޫނު އަސާސީއަށް ބަދަލުތައް ގެންނައިރު، އިރުއިރުކޮޅާ ޤާނޫނުއަސާސީއާ ކުޅެން ނުޖެހޭ ގޮތަށް ދެމެހެއްޓެނިވި ބަދަލުތަކެއް ގެންނަންޖެހޭކަމަށެވެ. އަދި މެންބަރުންގެ އަދަދު ލިމިޓް ކުރަން ތާއީދު ކަން ފާހަގަކުރެއްވިއެވެ.
އެމްއާރުއެމްއިންވެސް ތާއީދު ކުރީ މެންބަރުންގެ އަދަދުތައް ލިމިޓް ކުރުމަށެވެ.

