ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާރުޓީއައި ގާނޫނު: ”ދައުލަތުގެ އިދާރާ“ ގެ ގޮތުގައި ކުންފުނިތައް ބެލެވޭނެތޯ އޮތް ބަހުސް!

ދިވެހިރާއްޖޭގެ ސުޕްރީމްކޯޓު/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު ނުވަތަ އާންމު ނަމުން ނަމަ ”އާރުޓީއައި“ ގެ ގާނޫނަށް އަމަލު ކުރަން ފެށިތާ 10 އަހަރުވެގެން ދިޔައިރު ވެސް ހައްލު ނުވެ އޮތް ބަހުސަކީ ސަރުކާރުގެ ކުންފުނިތަކުގެ މައްޗަށް އެ ގާނޫނު ހިނގާނެތޯ ނުވަތަ ނޫންތޯ އެވެ. މިފަހަކަށް އައިސް ސަރުކާރުގެ ބައެއް ކުންފުނިތަކާއި، ހިއްސާ އޮންނަ ކުންފުނިތަކުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމާ ނިންމުންތަކަށް ހިތްހަމަނުޖެހި ކޯޓަށް ދާން ޖެހެނީ އެ ހިޔާލުތަފާތުވުންތައް ގިނަވެގެންނެވެ.

އާރުޓީއައި ސަރުކާރުގެ ކުންފުނިތަކަށް ހިނގާނެކަމަށް ގާނޫނުގައި ސީދާ ބަޔާން ނުކުރި ނަމަވެސް އެ ގާނޫނުގެ ދަށުން އުފައްދާފައިވާ ގަވައިދުގައި ވަނީ ސަރުކާރުގެ ކުންފުނިތަކުގެ މައްޗަށް ގާނޫނު ހިނގާނެ ކަމަށެވެ. އެކަމަކު ގާނޫނަށް ވުރެ ފުޅާކޮށް، ގަވައިދު ނެހެދޭނެކަމަށް ބުނެ އެ މައްސަލަ ހިފައިގެން ސުޕްރީމް ކޯޓަށް ދިޔައީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އެވެ.

އެހެންކަމުން އެމްޓީސީސީ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ސުޕްރީމް ކޯޓުގެ ކުރިމައްޗަށް ހުށަހެޅިފައި އޮތް ސުވާލަކީ ރައްޔިތުންގެ މަޖިލީހުން ހަދާފައިވާ ގާނޫނެއްގެ ދަށުން، ހަދާފައިވާ ގަވައުދެއްގައި ހިމެނޭ މާއްދާއެއްގެ އެއް އަކުރަކީ، އެ ގަވައިދު ހަދަން ބާރުދިން ބެލެނިވެރި ގާނޫނުގެ މާއްދައަކާއި ހިލާފު އަކުރެއްތޯ ނުވަތަ ނޫންތޯ އެވެ.

މައްސަލަ އެންމެ ފުރަތަމަ ސުޕްރީމް ކޯޓަށް ހުށަހަޅައި ކުންފުނިން އެދުނީ، މައުލޫމާތު ހޯދައިލިބިގަތުމުގެ ހައްގުގެ ގަވައިދުގެ 67 ވަނަ މާއްދާގެ (ޅ) އަކީ ގާނޫނުއަސާސީގެ 274 ވަނަ މައްދާގެ (ހ) ގައި ބަޔާން ކުރާ ”ގާނޫނު“ އާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ދައުލަތުގެ އިދާރާގެ މާނައާއި ފުށުއަރާތީ އެ އަކުރު ބާތިލުކޮށްދޭންށެވެ.

ދައުލަތުގެ އެ އިދާރާއެއްގެ އިންފޮމޭޝަން އޮފިސަރަށް ފުރިހަމަ ކުރަން ޖެހޭ ބައިތަކާއި އެކު، ފުރިހަމަ އާރުޓީއައިއެއް ހުށަހެޅުމުން ދައުލަތުގެ އިދާރާއެއްގައިވާ މައުލޫމާތަށް މި ގާނޫނުގެ ދަށުން އެދޭ ކޮންމެ މީހަކަށް، އެ މައުލޫމާތެއް ދައުލަތުގެ އެ އިދާރާއެއްގައި އޮތްކަން ނުވަތަ ނޫންކަން އެންގުމަށް ގާނޫނުން ލާޒިމް ކުރެ އެވެ.

”ދައުލަތުގެ އިދާރާ“ މި ބަސް އުފެދިގެން އަންނަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ މަގްސަދުގެ ތެރޭގައި ބަޔާން ކުރާ ދައުލަތުގެ އިދާރާއެއްގައިވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު އެކަށައެޅުންގެ ތެރެއިންނެވެ. އަދި އެ ގާނޫނުގެ ބޭނުމެއްކަމަށް ބުނެފައި ވަނީ ދައުލަތުގެ އިދާރާއެއްގައިވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ނުހިނގާނީ ވަކި ހާލަތްތަކެއްގައިކަމަށް ކަނޑައަޅައި، އެ ހާލަތްތަކުގައި ވެސެ އެ މައުލޫމާތެއް ހާމަކުރުމުން ލިބޭ ގެއްލުމަށްވުރެ ހާމަނުކުރުމުން ޢާންމު މަސްލަހަތަށް ލިބޭ އުނިކަން ބޮޑުވާނަމަ، އާންމު މަސްލަހަތު ނެގެހެއްޓުމަށްޓަކައި އެ މައުލޫމާތު ހާމަކުރުމުގެ އުސޫލު ކަނޑައެޅުމެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ”ދައުލަތުގެ އިދާރާކަމަށް“ ބުނެފައި ވަނީ ވެރިކަން ހިންގާ ފަރާތާއި، ރައްޔިތުންގެ މަޖިލީހާއި އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރާއި، މިނިވަން މުވައްސަސާތަކާއި މުސްތަގިއްލު މަގާމުތަކާއި ސަލާމަތީ ހިދުމަތްތަކާއި ގާނޫނުއަސާސީގެ ދަށުން އިންތިހާބު ކުރާ ކައުންސިލްތައް ހިމެނޭ ގޮތުން ކަމަށެވެ. އަދި އެ ތަނެއް ހިންގުމުގައި ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ކޮންމެ ތަނަކާއި، ދައުލަތުގެ ބަޖެޓުން ހިންގާ ކޮންމެ ތަނެއް، އަދި ދައުލަތުގެ ބަޖެޓުން އެހީ ލިބިގެން ހިންގާ ކޮންމެ ތަނަކާއި، ދައުލަތުން އުފައްދާފައިވާ ކުންފުނިތައް ވެސް ބެލެވޭނީ ދައުލަތުގެ އިދާރާގެ ގޮތުގައިކަމަށެވެ.

މައުލޫމާތު ހޯދައި ލިބިގަތުމަކީ ގާނޫނުއަސާސީގެ 29 ވަނަ މާއްދާގައި ބަޔާންވެފައިވާ އަސާސީ ހައްގަތަކަށްވާތީ ގާނޫނުއަސާސީގައިވާ ބައެއް އަސާސީ ހައްގުތައް ބޭނުންކޮށް ތަންފީޒު ކުރެވޭނީ މައުލޫމާތު ލިބިގެންނެވެ. ދިވެހި ސަރުކާރު ޖަވާބުދާރީ ކުރެވޭނީ މައުލޫމާތު ލިބުމުގެ އަސާސީ ހައްގު ބޭނުން ކުރެވިގެންކަމަށް ވާތީއާއި ގާނޫނުއަސާސީގެ މައިގަނޑު އެއް ސިފަކަމުގައިވާ ޑިމޮކްރެޓިކް ވެރިކަން އެގޮތުގައި ހިނގާކަން ކަށަވަރު ކުރެވެން އޮތީ މައުލޫމާތު ލިބިގެންނެވެ.

އެ މާއްދާގައި ބުނަނީ އުނގެނުމާއި، އުނގަންނައިދިނުމާއި، މައުލޫމާތު ހޯދުމާއި، މައުލޫމާތު ދިނުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށެވެ.

ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ތަނަކާއި، ދައުލަތުގެ ބަޖެޓުން ހިނގާ ތަނެއް އަދި ދައުލަތުން މާލީ އެހީތެރިކަން ދޭ ތަންތަން ގާނޫނުގެ ދަށަށް ވަންނާނެކަމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި ވެއެވެ. އެހެން ނަމަވެސް ބައެއް ކުންފުނިތަކުން ގަބޫލު ކުރާ ގޮތުން، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް އެއީ ދައުލަތުގެ މާލީ އެހީއަކާއި ނުލައި ހިނގާ ކުންފުންޏަކަށް ވާތީ އެ ގާނޫނު އެ ކުންފުނިތަކުގެ މައްޗަށް ނުހިނގާނެ އެވެ.

އެހެން ނަމަވެސް ސުޕްރީމް ކޯޓުން 2024، ޖުލައި 28 ގައި ނެރުނު މި ދެ މައްސަލައިގެ ހުކުމުގައި ވެސް ވަނީ ކުންފުނީގެ މައްޗަށް އެ ގާނޫނުގެ އުސޫލު ހިނގާނެތޯ ނުވަތަ ނޫންތޯ ނިންމޭނީ ކޮންމެ މައްސަލައެއް ވަކިވަކީން ބެލުމަށް ފަހުކަމަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ގާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ބަޔާން ކުރާ ހަމަހަމަކަމާއި ހަމަހަމަ ފުރުސަތު ލިބޭކަން ކަށަވަރު ކުރުމަށް ކޮރަޕްޝަން މަދު ކުރެވޭނީ މައުލޫމާތު ލިބިގެންކަން ފާހަގަކޮށް ބުނެފައި ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގައިވާ ”ދައުލަތުގެ އިދާރާ“ މި ބަސް މާނަ ކުރަން ޖެހޭނީ ގާނޫނުއަސާސީގެ 69 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ގާނޫނުއަސާސީގެ 29 ވަނަ މާއްދާގައިވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަށް އެއްވެސް އުނިކަމެއް ނުލިބޭ ގޮތަށް އަދި ވީހާވެސް ތަނަވަސްކޮށް އެ ހައްގު އެންމެނަށް ލިބޭނެ ގޮތަކަށް ކަމަށެވެ.

ސުޕްރީމް ކޯޓުން ފާހަގަކުރި ގޮތުގައި ފުރަތަމަ އެ ކޯޓުން މި މައްސަލައިގައި ގޮތެއް ކަނޑައަޅަން ޖެހެނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރު ހަދާފައިވާ ގަވައިދުގެ 67 ވަނަ މާއްދާގެ (ޅ) ގައި ދައުލަތުގެ އިދާރާ މާނަކުރުމުގައި ލިޔެފައިވާ އިބާރާތުގެ ތެރޭގައި ”ދައުލަތުން އުފައްދާފައިވާ ކުންފުނިތައް“ ހިމެނިދާނެތޯ އެވެ. އެއީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގައި ބުނާ ދައުލަތުގެ މަސްއޫލިއްޔަތު އަދާކުރާ ތަނެއްކަމަށް ބެލުމެވެ.

އެ ގާނޫނުގައި ވަނީ ”މައުލޫމާތު“ ކަމަށް ބުނެފައި ވަނީ، ކޮންމެ ބާވަތެއްގެ މައުލޫމާތެއް ކަމުގައިވީ ނަމަވެސް ނުވަތަ ކޮންމެ ތާރީހެގައި އުފައްދާފައިވާ މައުލޫމާތެއް ކަމުގައިވީނަމަވެސް ނުވަތަ ކޮންމެ ފަރާތަކުން އުފައްދާފައިވާ މަޢުލޫމާތެއް ކަމުގައިވީނަމަވެސް، ކޮންމެ ވަސީލަތެއްގައި ރައްކާތެރި ކުރެވިފައިވާ މަޢުލޫމާތެއް ކަމުގައިވީނަމަވެސް ދައުލަތުގެ އިދާރާއަކުން ގެންގުޅޭ ނުވަތަ ބަލަހައްޓާ މަޢުލޫމާތުގެ ތެރެއިން ތިންވަނަ ފަރާތެއްގެ މިލްކަކަށްނުވާ ހަމަކޮންމެ މައުލޫމާތެއް ކަމަށެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ދައުލަތުގެ އިދާރާ މާނަކޮށްފައި ވަނީ ދައުލަތައި ދައުލަތާއި ގުޅިފައިވާ ވަރަށް ގިނަ ފަރާތްޔަކެއް އެ ގާނޫނުގެ ރިވެލީގެ ތެރެއަށް ގެނެސް މައުލޫމާތު ހާމަކުރުމަށް ބާރުއަޅާ ގޮތަށްކަން ގާނޫނުގެ އެ މާއްދާއިން އެނގެ އެވެ.

މައްސަލައިގައި އުފެދުނު ސުވާލަކީ ދައުލަތުން އުފައްދާފައިވާ ކުންފުނިތަކަކީ ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގައިވާ ދެވަނަ ޖުމްލައިގައި ބުނެފައިވާ ޝަރުތުތައް ފުރިހަމަވާ ތަންތަންތޯ ނުވަނަ ނޫންތޯ އެވެ. ގާނޫނުގެ އެ މާއްދާގެ އިބާރާތަށް ބެލުމުން އެނގެނީ އެ މާއްދާގެ ޝަރުތުހަމަވާ ކޮންމެ ތަނަކީ ނުވަތަ ކޮންމެ ފަރާތަކީ އެ ގާނޫނުގެ ބޭނުމަށްޓަކައި ”ދައުލަތުގެ އިދާރާ“ ގެ ގޮތުގައި ބެލެވޭނެކަމަށާއި އެ ތަނަކީ ނުވަތަ އެ ފަރާތަކީ ގާނޫނުގައިވާ ހަމަތަކުގެ ދަށުން މައުލޫމާތު ދޭންޖެހޭ ތަނެއްކަމަށެވެ. އެހެންކަމުން އެއީ ޝަރުތު ހަމަނުވާތަނެއް ނަމަ އެ ތަނަކުން ނުވަތަ އެ ފާރަތަކުން އެ ގާނޫނުގެ ދަށުން މައުލޫމާތު ދޭން ނުޖެހޭނެ އެވެ.

މި ގާނޫނުގައި ދައުލަތުގެ އިދާރާކަމަށް ބުނެފައި ވަނީ ވެރިކަން ހިންގާ ފަރާތާއި، ރައްޔިތުންގެ މަޖިލީހާއި ޢަދުލު އިންސާފު ގާއިމުކުރުމުގެ ބާރާއި މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު މަގާޤާމުތަކާއި ސަލާމަތީ ހިޚިދުމަތްތަކާއި ގާނޫނުއަސާސީގެ ދަށުން އިންތިހާބުކުރެވޭ ކައުންސިލުތައް ހިމެނޭ ގޮތުގެމަތިންނެވެ. އަދި، އެ ތަނެއް ހިންގުމުގައި ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ކޮންމެ ތަނަކާއި ދައުލަތުގެ ބަޖެޓުން ހިންގާ ކޮންމެ ތަނަކާއި ދައުލަތުގެ ބަޖެޓުން އެހީ ލިބިގެން ހިންގާ ކޮންމެ ތަނެއް ހިމެނޭ ގޮތުންނެވެ. އަދި ”ދައުލަތުގެ އިދާރާއެއްގައިވާ މަޢުލޫމާތު“ ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އިދާރާއަކުން އުފައްދާ މައޫލޫމާތެއް ނުވަތަ ބަލަހައްޓަމުންދާ މައުލޫމާތެއް ނުވަތަ ގެންގުޅެމުންދާ މައުލޫމާތަށެވެ.

މިފަހަރު މައްސަލަ ދިމާވެފައި ވަނީ، ދައުލަތުން އުފައްދާފައިވާ ކުންފުނިތަކަކީ ގާނޫނުގައި ބުނެފައިވާ ޝަރުތު ހަމަވާ ތަނެއް ތޯ ނުވަތަ ނޫންތޯ އުފެދޭ ސުވާލެވެ. ކޮންމެއަކަސް ރިއާޔަތް ކުރާ ގާނޫނުގެ އެ މާއްދާގެ އިބާރާތަށް ބެލުމުން އެނގެނީ އެތަނަކީ ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގެ ދެވަނަ ޖުމްލައިގައި ބުނެފައިވާ ޝަރުތު ހަމަވާ ކޮންމެ ފަރާތަކީ އެ ގާނޫނުގެ ބޭނުމަށްޓަކައި ދައުލަތުގެ އިދާރާއެއްގެ ގޮތުގައި ބެލެވޭނެކަމެވެ. އަދި އެ ތަނަކީ ނުވަތަ އެ ފަރާތަކީ އެ ގާނޫނުގައިވާ ހަމަތަކުގެ ދަށުން މައުލޫމާތު ދޭންޖެހޭނެ ތަނެއްކަމެވެ.

ސުޕްރީމް ކޯޓުން ގެނެސްދިން ހައްލުގައި ބުނެފައި ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ އެ މާއްދާގެ ޖުމްލަ އޮތް ގޮތުން އެތަނަކީ ދައުލަތުގެ އިދާރާއެއްތޯ ނުވަތަ ނޫންތޯ ކަނޑައަޅަން ޖެހެނީ ކޮންމެ މައްސަލައެއް ވަކިން މައްސަލައިގައި ހިމެނޭ ހާއްސަ ހާލަތްތަކުން ރިއާޔަތްކޮށްގެން ކަމަށެވެ. އެއީ ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ތަނެއްތޯއާއި، ދައުލަތުގެ ބަޖެޓުން ހިންގާ ތަނެއްތޯ ނުވަތަ އެ ތަނަކީ ދައުލަތުގެ ބަޖެޓުން އެހީ ލިބިގެން ހިންގާތަނެއްތޯ ބެލުމެވެ.

ހުކުމުގައި ބުނެފައި ވަނީ އެކަން ބިނާވެފައި އޮންނަން ވާނީ، ގާނޫނުއަސާސީގެ 29 ވަނަ މާއްދާގައި ބަޔާންވެފައިވާ އަސާސީ ހައްގެއްކަމަށް ވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މަގްސަދު ހާސިލު ކުރެވޭނެ ގޮތަށް ކަމަށެވެ. އެހެންކަމުން އެކަން އޮންނަން ވާނީ މައުލޫމާތު ހޯދުމުގެ ފުރުސަތު ވީހާވެސް ފުޅާކޮށް އެންމެނަށް ލިބޭނެ ގޮތަށްކަމާއި، އެ ދޮރު ހަނިވާ ގޮތަށް ނޫންކަމަށް ސުޕްރީމް ކޯޓުގެ ހުކުމުން އެނގެ އެވެ.

ދައުލަތުން އުފައްދާފައިވާ ކުންފުނިތަކަށް ބަލާއިރު ދައުލަތުގެ ހިއްސާ ހިމެނޭ ތަފާތު ތިން ބާވަތެއްގެ ކުންފުނި ހުރިކަން ފާހަގަކުރެވެ އެވެ. އެއީ ޕްރައިވެޓް ކުންފުނިތަކާއި އާންމުކޮށް ހިއްސާ ވިއްކާ ކުންފުނިތައް އަދި ކުރީގެ ކުންފުންޏާއި ބެހޭ ގާނޫނުގެ 93 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ސަރުކާރުގެ ކުންފުނިތަކެވެ.

މިކަން މިގޮތަށް ހުރުމުން ސަރުކާރުގެ ހިއްސާ އެކުލެވޭ ކުންފުންޏަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެތަނަކީ މައުލޫމާތު ދޭން ޖެހޭ ތަނެއްތޯ ނުވަތަ ނޫންތޯ އިންފޮމޭޝަން ކޮމިޝަނަރަށް ކަނޑައެޅިދާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: