ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާއިލީ ގުޅުންކަނޑާ މީހުންނަށް ﷲ ވަނީ ލައުނަތް ލައްވާފަ: ޚުތުބާ

ޝެއާރކޮށްލާ ކަހަލަދޯ؟

އާއިލީ ގުޅުންތަކަށް އިހުމާލުވެ އެ ގުޅުންކަނޑާ މީހުންނަށް މާތް ﷲ ލައުނަތް ލައްވާފައިވާ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ބުނީ ހަރުދަނާ މުޖުތަމަޢެއްގެ އަސާސަކީ ޢާއިލާ ކަމަށާ އެހެންކަމުން ޢާއިލާއަކީ މުޖުތަމަޢުގެ ބިންގާ ކަމަށެވެ. މި ބިންގާ ވަރުގަދަކުރެވިގެން ނޫނީ މުޖުތަމަޢު ބާރުވެރިއެއް ނުކުރެވޭނެ ކަން ފާހަގަކޮށް ޚުތުބާގައި ބުނީ މިއަދު އިސްލާމީ އުންމަތް ވަނީ ބާރުވެރި، ޣީރަތްތެރި މުޖުތަމަޢަކަށް ނުހަނު ބޭނުންވެފައި ކަމަށެވެ.

ޢާއިލީ ގުޅުން ހަރުދަނާ ކުރުމަށް ޓަކައި ޢާއިލާގެ މެންބަރުންގެ މެދުގައި އެއްބާރުލުމާއި އެއްބައިވަންތަކަން ޤާއިމުކުރާން ޖެހޭ ކަން ފާހަގަކޮށް ޚުތުބާގައި ވަނީ ޢާއިލާގެ ހުރިހާ މެންބަރުން ގުޅިގެން ޢާއިލާ ހަރުދަނާކުރާން މަސައްކަތްކުރުމަށް ގޮވާލާފައެވެވ.

އޭގެ އިތުރުން އެ ގުޅުންތަކަށް އިހުމާލުވެ، އާއިލީ ގުޅުންކަނޑާ މީހުންނަށް މާތް ﷲ ލައުނަތް ލައްވާފައިވާ ކަމަށާ އެމީހުންނަށް އޮތީ ބިރުވެރިކަން ކަމަށް ވެސް ޚުތުބާގައި ބުންޏެވެ،

ޢާއިލީ ގުޅުންތަކަށް އިހުމާލުވެ، ޢާއިލީ ގުޅުންކަނޑާ ފަރާތްތަކަށް ހުރި ބިރުވެރިކަން ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. މާނައީ: ”ފަހެ، ތިޔަބައިމީހުން ފުރަގަސްދީ، އެނބުރި ހިނގައްޖެ ނަމަ (ކުރިއެކޭ އެއްފަދައިން) ތިޔަބައިމީހުން ބިމުގައި ފަސާދަކޮށް، އަދި ތިޔަބައިމީހުންގެ ގާތްތިމާގެކަމުގެ ގުޅުންތައް ކަނޑައިފުމަށް ތިޔަބައިމީހުން ގާތްވެގެންވޭ ނޫންހެއްޔެވެ؟ އެއުރެންނީ، އެއުރެންނަށް ﷲ ލަޢުނަތް ލެއްވި މީހުންނެވެ. ފަހެ، އެކަލާނގެ އެއުރެން ބީރުކުރައްވައި، އަދި އެއުރެންގެ ލޯތައް ކަނުކުރެއްވިއެވެ.“

ޚުތުބާގައި ބުނީ އެހެން މަޚްލޫޤުންނަށް ނުދެއްވާ މަތިވެރި ދަރަޖަ އިންސާނުންނަށް ﷲ ދެއްވަވައިފައިވަނީ ވަރަށް ބޮޑު މަސްއޫލިއްޔަތެއް ޙަވާލުކުރައްވާފައި ކަމަށެވެ. އެއީ އެކަލާނގެއަށް އަޅުކަންކުރުމާއި މި ދުނިޔެ ޢިމާރާތްކުރުމުގެ ބޮޑު މަސްއޫލިއްޔަތު ކަމަށާ ޢާއިލީ ގުޅުންތައް ވަރުގަދަވެގެން ނޫނީ މާތް ﷲގެ ޝިޢާރުތައް މަތިވެރިކުރާނެ، މުޖުތަމަޢު ބަލަހައްޓައި ނަގަހައްޓައި ދިފާޢުކުރާނެ ޤާއިދުންނާއި، ފަހުލަވާނުން ނުއުފެއްދޭނެ ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ޢާއިލާގެ ފަރާތުން ރައްކާތެރިކަމާއި، އަޅައިލުމާއި، ލޯބި ނުލިބުމުގެ ސަބަބުން ޢާއިލީ ވެށްޓެއްގައި ދިރިއުޅުމުގެ ނަސީބުން މަޙުރޫމްވެފައިވާ އެތައް އެތައް ކުޑަކުދީންނާއި، ދޮށީ ޢުމުރުގެ މީހުން މި ދިވެހި ފަސްގަނޑުގައިވެސް ދިރިއުޅެމުން ދާ ކަން ފާހަގަކޮށް ޚުތުބާގައި ބުނީ މިއީ ދީނީގޮތުންނާއި އިޖްތިމާޢީގޮތުން ބަލާއިރު، ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ. އަަދި ޢާއިލީ ވެށްޓެއްގައި އުފާވެރިކަމާ އެކު ދިރިއުޅުމަކީ ކޮންމެ ފަރުދަކަށް ވެސް ލިބިގެންވާ ޙައްޤެއް ކަމަށެވެ.

މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. ”ތިޔަބައިމީހުން،  ﷲ އަށް އަޅުކަންކުރާށެވެ! އަދި، އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރާހުށިކަމެވެ! އަދި، މައިންބަފައިންނަށާއި، ގާތްތިމާގެ މީހުންނަށާއި، ޔަތީމުންނަށާއި، މިސްކީނުންނަށާއި، ގާތް އަވަށްޓެރިޔާއަށާއި، ދުރު އަވަށްޓެރިޔާއަށާއި، ކައިރި އެކުވެރިޔާއަށާއި، ދަތުރު ވެރިޔާއަށާއި، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނަށް ހެޔޮކޮށް ހިތާށެވެ! ހަމަކަށަވަރުން، ތިމާގެ މޮޅުކަން ތިމާޔަށްފެނި، ބޮޑާވެގެން އުޅޭ މީހަކުކަމުގައި ވެއްޖެ މީހަކުދެކެ، ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ.“

ޚުތުބާގައި ބުނީ ޢާއިލީ ގުޅުން ދެމެހެއްޓުމަށް ކަމާބެހޭ އެންމެހާ ފަރާތްތައް ގުޅިގެން، ޤައުމީ ފެންވަރުގައި ގިނަގުނަ މަސައްކަތްތަކެއް ކުރުމަކީ މިއަދު ކުރާން ޖެހިފައިވާ ދީނީ، އިޖުތިމާޢީ ބޮޑު މަސައްކަތެއް ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: