ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޖުތަމައު ބިނާކުރުމަށްޓަކައި އާއިލީ ގުޅުންތައް ހަރުދަނާކުރުމަށް ހުކުރު ހުތުބާގައި ގޮވާލައިފި

ފޮޓޯ: އިންޓަނެޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ހަރުދަނާ މުޖުތަމައެއް ބިނާކުރެވޭނީ އާއިލީ ގުޅުންތައް ވަރުގަދަކޮށްގެން ކަމަށާއި، ގާތްތިމާގެކަމުގެ ގުޅުން ދެމެހެއްޓުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ދީނީ ވާޖިބެއްކަމަށް މިއަދުގެ ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ.

މިއަދު ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ ”އާއިލީ ގުޅުން ހަރުދަނާކުރުމުގެ މުހިންމުކަން“ މި މައުޟޫއުގެ މައްޗަށެވެ.

ހުތުބާގައި ފާހަގަކުރި ގޮތުގައި، އިންސާނީ މުޖުތަމައު އުފެދިގެން އަންނަނީ އާއިލާތަކަކުން ކަމަށްވާއިރު، މިއަދު މުޖުތަމައުން ފެންނަ އަހުލާގީ މައްސަލަތަކާއި އާއިލާތައް ރޫޅުމުގެ މައިގަނޑު ސަބަބަކީ ދަރިން ތަރުބިޔަތުކުރުމުގައި ފަރުވާކުޑަކުރެވުމެވެ.

މިއަދުގެ ހުތުބާގައި ފާހަގަކުރެއްވި ގޮތުގައި، މިއަދު އަހަރެމެން އެންމެންގެ ވެސް އެންމެ ބޮޑު އެއް ޝަކުވާއަކީ، މުޖުތަމައުގެ އަފުރާދުންގެ އަހްލާގީ ފެންވަރު ދުވަހުން ދުވަހަށް ދަށަށްދާ ދިޔުމެވެ. އަދި އާއިލާގެ ތެރޭގައި އޮންނަންވާ އެކުވެރިކަމާއި ލޯތްބާއި ކުލުނުގެ ގުޅުންތައް ފަނޑުވެ، އާއިލާތައް ރޫޅި ވިއްސިވިހާލިވަމުންދާ މައްސަލައަކީ މިއަދު ކަންބޮޑުވާންޖެހިފައިވާ މިންވަރަށް އާންމުވެފައިވާ ކަމެއް ކަމަށް ހުތުބާގައި ބަޔާންކުރިއެވެ.

ހުތުބާގައި އިތުރަށް ވިދާޅުވީ، މުޖުތަމައުގެ އަފުރާދުންގެ އަހުލާގީ ފެންވަރު ދަށްވާން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ، ބޮޑުވަމުން އަންނަ ޅަދަރީން ތަރުބިޔަތުކުރެވޭ ގޮތާއި އެ ދަރީންނަށް ދެވޭ ތައުލީމު ކަމަށެވެ. އެހެންކަމުން، އިސްލާމީ ރިވެތި އުސޫލުތަކުގެ މަތީގައި ދަރިން ބިނާކުރުމަކީ މުޅި މުޖުތަމައުގެ ސަލާމަތަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަން ވަނީ ހަނދާންކޮށްދީފައެވެ.

މި ނުރައްކާތެރި ހާލަތުން މިންޖުވުމަށްޓަކައި، އާއިލާތަކުގެ ތެރޭގައި ދިމާވާ މައްސަލަތައް ހައްލުކޮށް، ގުޅުންތައް އިސްލާޙުކުރުމަށް މިހާރުން މިހާރަށް އަމަލީ ގޮތުން މަސައްކަތް ފަށަންޖެހިފައިވާ ކަމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ސާލިހު، ހެޔޮލަފާ ޖީލެއް ބިނާކުރެވޭނީ އާއިލާގެ ބަދަހިކަމާއި، ދަރިންނަށް ދެވޭ ރަނގަޅު ތަރުބިޔަތުގެ ތެރެއިންކަން ހުތުބާގައި ވަނީ ހާއްސަ ގޮތެއްގައި ފާހަގަކޮށްފައެވެ.

ކޮންމެ އިންސާނަކު ވެސް ދުނިޔެއަށް އުފަންވަނީ އިސްލާމްދީނުގެ ފިތުރަތުގެ ސާފުކަންމަތީގައި ކަމަށާއި، ކުދިންގެ މުސްތަގުބަލާއި ސުލޫކު ބައްޓަންވަނީ އެ ކުދިންނަށް ދެވޭ ތަރުބިޔަތާއި ތައުލީމުގެ ސަބަބުން ކަމަށް ވެސް މިއަދުގެ ހުތުބާގައި ވިދާޅުވިއެވެ.

މިކަމަށް ބާރުއަޅުއްވައި، ކީރިތި ރަސޫލާގެ ހަދީސްފުޅެއްގެ މާނަ ބަޔާންކުރައްވަމުން ހުތުބާގައި ވިދާޅުވީ، ކޮންމެ ކުއްޖަކު ވެސް އުފަންވަނީ ފިތުރަތުގެ ސާފުކަންމަތީގައި ކަމަށާއި، އެ ކުއްޖާ އެހެން ދީންތަކުގެ މަގަށް އަނބުރާލަނީ އެ ކުއްޖާގެ މައިންބަފައިން ކަމަށެވެ. މިއީ ދަރިން ބޮޑުކުރުމުގައި މައިންބަފައިންގެ ދައުރު އޮތް މިންވަރު އަންގައިދޭ ވަރަށް މުހިންމު ދަލީލެއްކަން ހުތުބާގައި ފާހަގަކުރެއްވިއެވެ.

އެހެންކަމުން، މައިންބަފައިންނާއި ބެލެނިވެރިން ކުދިން ބޮޑެތިކުރަމުން އަންނައިރު، ދީނީ ކަންކަން އުނގަންނައިދިނުމުގެ އިތުރުން، މައިންބަފައިންނަށް ކިޔަމަންގަނެ އިހްތިރާމްކުރުމަށާއި ގާތްތިމާގެ މީހުންނާ އޮންނަ ގުޅުން ބަދަހިކުރަން ދަސްކޮށްދިނުމަކީ ލާޒިމު ކަމެއް ކަމަށް ހުތުބާގައި ބަޔާންކުރިއެވެ. އަދި އެ ކުދިންގެ ތިމާގެ މީހުންނަކީ ކޮބައިކަމާއި، ރަޙިމުގެ ގޮތުން ގުޅިފައިވާ ފަރާތްތައް އެ ކުދިންނަށް ރަނގަޅަށް އޮޅުންފިލުވައިދީ، އާއިލީ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަން ޅަފަތުގައި ވިސްނައިދޭންޖެހޭ ކަމަށް ވެސް ހުތުބާގައި ވަނީ ގޮވާލައްވާފައެވެ.

އިސްލާމްދީނުގައި ދަމަހައްޓާން އަންގަވައިފައިވާ އާއިލީ ގުޅުންތަކުގެ ތެރެއިން އެންމެ މުހިންމު ގުޅުމަކީ ރަޙިމުގެ ގުޅުންކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އަދި ރަޙިމުގެ ގުޅުމަށް ނަންދެއްވައިފައިވަނީ، މާތް ﷲގެ އިސްމުފުޅު ”އައްރަހްމާން“ އާ ގުޅުވައިގެންކަމަށާއި އެ ގުޅުން ނުކަނޑައި، ދަމަހައްޓައިފި މީހަކާ މާތް ރަސްކަލާނގެ ގުޅުން ގާއިމުކުރައްވާނެކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ. އަދި އެ ގުޅުން ކަނޑައިފި މީހަކާ އެކަލާނގެ ގުޅުން ކަނޑުއްވައި ވަކިކޮށްލައްވާނެކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އަދި ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ދުނިޔެ މަތީގައި ރިޒުގު ތަނަވަސްވެ، އުމުރުގައި ބަރަކާތްލެއްވުމަށް މެދުވެރިވާ ސަބަބުކަމަށް ބުނެފައިވެއެވެ.

”މުސްލިމް އަޚުންނޭވެ! ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ދުނިޔެމަތީގައި ރިޒުޤު ތަނަވަސްވެ، ޢުމުރުގައި ބަރަކާތްލެއްވުމަށް މެދުވެރިވާ ސަބަބެކެވެ. މި ކަމާ ގުޅޭ ގޮތުން ނަބިއްޔާ ހަދީސްކުރައްވައިފައި ވެއެވެ. (مَنْ سَرَّهُ أَنْ يُبْسَطَ لَهُ فِيْ رِزْقِهِ، أَوْ يُنْسَأَ لَهُ فِيْ أَثَرِهِ، فَلْيَصِلْ رَحِمَهُ) މާނައީ: ”ތިމާގެ ރިޒުގު ތަނަވަސްވެ، އުމުރު ދިގުވުމަށް (އެބަހީ ޢުމުރުގައި ބަރަކާތްލެއްވުމުން) އުފާކުރާ މީހާ، ފަހެ ގާތްތިމާގެކަމުގެ ގުޅުން ދަމަހައްޓާހުށިކަމެވެ.“

މައިންބަފައިންނަށް ކިޔަމަންވުމާއި ބެހޭގޮތުން ހުތުބާގައި ބުނެފައި ވަނީ ﷲއަށް އުރެދެވޭކަމަކަށް އެ މީހުން އަމުރުނުކުރާހާ ހިނދެއްގައި އެމީހުންނަށް ކިޔަމަންވާން ޖެހޭނެކަމަށާއި އެއީ އަހަރެމެންގެ މައްޗަށްވާ ވާޖިބެއްކަމަށެވެ.

ޖުމްލަ ގޮތެއްގައި މިއަދުގެ ހުކުރު ހުތުބާގައި ވަނީ އާއިލީ ގުޅުން ހަރުދަނާކުރުމުގެ މުހިންމުކަން ފާހަގަކޮށް އިންސާނީ މުޖުތަމައެއް އުފެދެނީ އާއިލާތަކަކުންކަމަށް ވީހިނދު އާއިލާތައް ހަރުދަނާކުރެވިގެން މެނުވީ، ހަރުދަނާ މުޖުތަމައެއް ބިނާނުކުރެވޭނޭކަމަށް ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: