ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަގީގީ މުސްލިމަކީ ކޮންމެ ފަދަ ގުރުބާނީއެއް ވާން ޖެހުނަސް އިސްލާމްދީން ނޫން އެހެން ދީނެއް އެދޭނޭ މީހެއް ނޫން: ހުތުބާ

އިސްލާމީ މަރުކަޒުގައި ކުރި ހުކުރު ނަމާދެއްގައި ބައިވެރި މީހުން ހުތުބާ އަޑުއަހަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ހަގީގީ މުސްލިމަކީ ކޮންމެ ފަދަ ގުރުބާނީއެއް ވާން ޖެހުނަސް، ނުވަތަ އަނިޔާއެއް ލިބުނަސް، އިސްލާމްދީން ނޫން އެހެން ދީނެއް އެދޭނޭ މީހެއް ނޫންކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

”އިސްލާމްދީނުގެ މަތިވެރި ނިއުމަތް“ އެ މައުޞޫގައި ހުތުބާގައި ވަނީ އިސްލާމްދީނަކީ މާތް ﷲ އިންސާނުންނަށް ޓަކައި އިހްތިޔާރުކުރައްވައި، ފުރިހަމަކޮށްދެއްވި އެންމެ މަތިވެރި ދީންކަމަށާއި ދެ ދުނިޔޭގެ ބާއްޖަވެރިކަން ގުޅިފައިވަނީ މި މާތް ދީނުގެ މަތިވެރި އުސޫލުތަކާއެކުކަމަށެވެ. އަދި އިސްލާމްދީނަކީ އިންސާނާގެ ކާމިޔާބީއަށް ބޭނުންވާ އެންމެހައި އިރުޝާދުތަކެއް ފުރިހަމަވެގެންވާ ދީންކަމުގައެވެ.

އެގޮތުން، ކޮންމެ ފަދަ ފިތުނައެއްގެ ކުރިމަތީގައި ވެސް ހަގީގީ މުސްލިމަކު ހުންނާނީ އޭނާގެ ދީނާއި އަގީދާގައި ސާބިތުވެގެންކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އިންތިހާ ދަރަޖައިގެ އަނިޔާއާއި އުނދަގޫތަކާ އެކުގައި ވެސް، ފުރަތަމަ ޖީލުގެ މުސްލިމުން ދީނުގައި ސާބިތުވެ ތިއްބެވި ގޮތުގެ ބައެއް މިސާލުތައް ނަންގަވާ ހުތުބާގައި ވަނީ މާތް ސަހާބީއަކު އިސްލާމްދީން ގަބޫލުކުރެއްވުމުން އެކަލޭގެފާނަށް ނުހަނު ބޮޑަށް އަނިޔާކުރެވުނުކަމަށާއި ނަމަވެސް އެކަލޭގެފާނު އިސްލާމްދީނުގައި ސާބިތުވެ ހުންނެވިކަން ފާހަގަކޮށްފައެވެ.

މުޝްރިކުން އެކަލޭގެފާނަށް ދިން އަނިޔާތަކުގެ ތެރޭގައި، އަލިފާންގަނޑެއް ރޯކޮށް، އެ އަލިފާންގަނޑުގެ މަތީގައި އެކަލޭގެފާނު ދެމުން ހިމެނޭއިރު، އެ އަލިފާންގަނޑު ނިވުނީ އެކަލޭގެފާނުގެ ބުރަކަށިފުޅުގެ މަސްތައް ފިހިގެން ފޭބި ދިޔައިންކަމަށާއި އެ ހުރިހާ ކަމެއް ހިނގައިދިޔަ އިރު ވެސް، އެކަލޭގެފާނު ހުންނެވީ ސާބިތުކަމާ އެކުގައިކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

އިސްލާމް ދީން ހިމާޔަތްކޮށް ދީނީ ދައުވަތު ފެތުރުމަށް މުދަލާއި ފުރާނައިން އެ ބޭކަލުން ކުރެއްވި ޖިހާދުތައް މިއަދު އަޅުގަނޑުމެން ހަނދުމަކުރުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ. އަދި އެ ބޭކަލުންގެ ތެރެއިން އެތައް ސަތޭކަ ބޭކަލުންނެއް ހަނގުރާމައިގެ މައިދާންތަކުގައި ޝަހީދުވެވަޑައިގަތީ، އެކަމާ އުފާކުރާ ހާލުގައިކަމަށާއި އެ ބޭކަލުންގެ ގެދޮރާއި މުދާ ދޫކުރައްވައި، ދީނަށް ނަސްރުދެއްވުމަށް ޓަކައި ހިޖުރަކުރެއްވިކަން ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ހުތުބާގައިވަނީ މުސްލިމުން އިސްލާމްދީނަށް ފުރިހަމައަށް ތަބާވެ، ދީނުގައި ވަރުގަދަޔަށް ހިފަހައްޓައިގެން ތިބި ކޮންމެ ހިނދެއްގައި، މާތް ﷲ އެ މީހެއްގެ ދަރަޖަ މަތިވެރިކުރައްވާނެކަން ހަނދާންކޮށްދީފައެވެ.

މާތް ﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. ”އަހަރެމެންނަކީ މާތް ﷲ އިސްލާމްދީނުގެ ސަބަބުން ޢިއްޒަތްދެއްވި ބަޔަކީމުއެވެ. އެހެންކަމުން، އިސްލާމްދީނުގެ އިއްޒަތް ނޫން އެހެން ޢިއްޒަތެއް ހޯދާން މަސައްކަތްކޮށްފި ނަމަ، މާތް ﷲ އަހަރެމެން ނިކަމެތިކުރައްވާނެއެވެ.

ދީނުގެ މަތިވެރި ނިއުމަތަށްޓަކައި ވެރިރަސްކަލާނގެއަށް ހަމްދުކޮށް ބަހާއި އަމަލުން އިސްލާމްދީނުގެ ރީތި ސިފަތައް ދައްކުވައިދީ ދީނުގެ މަތިވެރި އުސޫލުތަކުގައި ދެމިތިތިބުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ. އެގޮތުން ގޭތެރޭގައްޔާއި، ބާޒާރުތަކުގައްޔާއި، މަޖިލިސްތަކުގައި ވެސް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ދިރިއުޅުން ބައްޓަންކުރުމަށް ހުތުބާގައި ހަނދާންކޮށްދިނެވެ. އަދި މާތް ﷲ އަމުރުކުރައްވައިފައިވާ ފަދައިން، ދީނުގެ ނޫރުން ހިތްތަކަށް އުފާވެރިކަން ހޯދަން މަސައްކަތްކުރުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.

ދީނުގެ އަސާސްތަކުގެ ތެރޭގައި ހަމައެކަނި ﷲއަށް އަޅުކަން ހާއްސަކުރުމާއި، އެކަލާނގެ އެއްކައުވަންތަކަން ގަބޫލުކުރުމާއި، އެކަލާނގެއަށް ފުރިހަމައަށް ކިޔަމަންތެރިވެ ބޯލެނބުމުގެ އިތުރަށް، އެކަލާނގެ ފިޔަވައި އަޅުކަންކުރެވޭ އެންމެހައި ބާތިލު އިލާހުންނާއި ތަކެތީން ބަރީއަވުމާއި އަދި އިސްލާމްދީނަކީ ޝިރުކާއި، ބިދުއަތަކާއި، ދީނުގެ ތެރެއަށް އަލަށް އުފަންކުރެވޭ އެންމެހައި ކިލަނބުކަމުން ސާފުތާހިރުވެގެންވާ ދީންކަމުގައި ހުތުބާގައި ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: