ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިނަ ބަޔަކު ޣާފިލުވެފައިވާ ދެ ނިއުމަތަކީ ދުޅަހެޔޮ ސިއްހަތާއި ހުސްވަގުތު: ހުތުބާ

ހުކުރު ނަމާދުގެ ހުތުބާ ކުރިއަށްދަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ދުޅަހެޔޮ ސިއްހަތަކީ މާތް ﷲ އިންސާނާއަށް ދެއްވާފައިވާ މަތިވެރި ނިއުމަތަކާއި އަމާނާތެއްކަން ފާހަގަކޮށް އެ ނިއުމަތުގެ އަގު ވަޒަންކޮށް ސިއްހަތަށް ރައްކާތެރިވުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ ”ސިއްހަތަށް ފަރުވާތެރިވުން“ މި މައުޟޫއުގެ މައްޗަށެވެ. ހުތުބާގައި ފާހަގަކުރި ގޮތުގައި، އިންސާނާގެ އެއްވެސް އިހްތިޔާރަކާ ނުލައި ހަށިގަނޑުގެ އެތައް މަސައްކަތްތަކެއް އަބަދުވެސް ހިނގަހިނގައި ހުންނަ ކަމަށާއި، އެ ނިއުމަތުގެ އަގު ވަޒަންކުރެވެނީ އޭގެން ކަމަކަށް ބުރޫއަރައި ނުވަތަ އުނިކަމެއް އައުމުންނެވެ. އެހެންކަމުން، މާތް ﷲ އިންސާނުންނަށް ދެއްވި އިވުމާއި، ފެނުމާއި، ހިތްތަކުގެ ނިއުމަތަށް އަބަދުމެ ޝުކުރުވެރިވެ، އެކަލާނގެއަށް ކިޔަމަންތެރިކަމުގައި ދެމިތިބުމަށް ވަނީ ހަނދާންކޮށްދީފައެވެ.

މީގެ އިތުރުން، އިންސާނާގެ ނަފުސަކީ ﷲ ހަވާލުކުރައްވާފައިވާ އަމާނާތެއްކަން ފާހަގަކުރައްވައި، ހިތުހުރި ގޮތަކަށް އެ އަމާނާތް ނަގައިލުމުގެ ހައްގު އެއްވެސް މީހަކަށް ލިބިގެން ނުވާކަމަށް ހުތުބާގައި ބަޔާންކުރިއެވެ. އަދި އަމިއްލަ ނަފުސު ގަތުލުނުކުރުމަށް އަންގަވާފައިވާ އާޔަތް ހަނދާންކޮށްދެއްވަމުން، ގަސްދުގައި ހަށިގަނޑަށް ގެއްލުންދިނުމާއި، ނުރައްކާތަކަށް ނަފުސު ހުށަހެޅުމާއި، އަދި ބޭނުންވާ ޒަރޫރީ ފަރުވާ ދޫކޮށްލުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން ކަމަށް ހުތުބާަގައި ވަނީ ބުނެފައެވެ.

މިއަދު ލިބިފައިވާ ބާރާއި ޒުވާންކަމަކީ އަބަދު ދެމިއޮންނާނޭ ކަމެއް ނޫންކަން ފާހަގަކުރައްވަމުން، އުމުރު ދިގުވި ވަރަކަށް ހަށިގަނޑުގެ ބާރުދެރަވެ އެހެން މީހުންގެ އެހީތެރިކަމަށް ބޭނުންވާނެ ދުވަހެއް އަންނާނެކަން ގުރުއާނުގެ އަލީގައި ހުތުބާގައި ހަނދާންކޮށްދިނެވެ. އަދި ބަލިމަޑުކަމާއި މުސީބާތްތަކަކީ އިންސާނާއަށް ކުރިމަތިވާނެ ކަންކަން ކަމަށާއި، މުއުމިނު އަޅާގެ ހަގީގީ ބާރަކީ ދަތި ހާލަތްތަކުގައި ވެސް މާތް ﷲ އާ އޮންނަ ގުޅުން ނުކެނޑި ދެމިއޮތުން ކަމުގައި ރަސޫލާގެ ހަދީސްފުޅުން މިސާލު ނަންގަވައި ބަޔާންކުރިއެވެ.

”މުސްލިމް އަޚުންނޭވެ! މިއަދު ލިބިފައިވާ ބާރާއި ޒުވާންކަމަކީ އަބަދު ދެމިއޮންނާނޭ ކަމެއް ނޫނެވެ. ހަށިގަނޑުގެ ބާރުދެރަވެ އެހެން މީހުންގެ އެހީއަށް ބޭނުންވާނޭ ދުވަހެއް އަންނާނެއެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ތިމަންރަސްކަލާނގެ އެ މީހެއްގެ ޢުމުރު ދިގުކުރައްވާ މީހާ(ގެ ކަންތައް) ހެއްދެވި ހެއްދެވުމުގައި އެކޮޅުކޮޅުން ޖައްސަވާހުށީމެވެ. (އެބަހީ: އާރެއް ބާރެއް ނެތް ގޮތުގައި ފެށިގެން އައިސް ޒުވާންކަމުގެ ދައުރު ނިމި، އެންމެ ފަހުން އާރެއް ބާރެއް ނެތް މީހަކު ކަމުގައި ލައްވާހުށީމެވެ.) ފަހެ، އެއުރެން ނުވިސްނަނީހެއްޔެވެ؟“ ޞިއްޙަތު ރައްކާތެރިކުރުމަކީ ޒިންމާއެއް ނަމަވެސް، މުސްކުޅިވުމާއި ބަލިމަޑުކަން ހުއްޓުވުމުގެ ބާރެއް އިންސާނާއަކަށް ލިބިގެންނެއް ނުވެއެވެ.“

ހަމައެއާއެކު، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ އަސްލު މަގްސަދަކީ ހަމައެކަނި ބަލިތަކުން ދުރުވުން ނޫން ކަމަށާއި، އެއީ ﷲ އަށް ކުއްތަންވުމަށާއި ހެޔޮ އަމަލުތައް ކުރުމަށް ލިބޭ ފުރުސަތެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އެގޮތުން ނަމާދުގައި ކޮޅަށް ހުރުމާއި، މިސްކިތަށް ހިނގާފައި ދިއުމާއި، މައިންބަފައިންނަށް ހިދުމަތްކުރުމާއި، ހަލާލު ރިޒުގު ހޯދުމަށް މަސައްކަތްކުރުމަކީ މާދަމާ ގެއްލިގެން ހިނގައިދާނެ އަގުހުރި ފުރުސަތުތަކެއް ކަމުގައި ހުތުބާގައި ފާހަގަކުރިއެވެ.

”މުސްލިމް އަޚުންނޭވެ! ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ޓަކައި ސިއްހަތަށް ރައްކާތެރިވުމުގެ ހަމައެކަނި ބޭނުމަކީ ބަލިތަކުން ދުރުވެހުރުމެއް ނޫނެވެ. އެއީ މާތް ﷲއަށް ކުއްތަންވުމަށާއި، ހެޔޮ އަމަލުކުރުމަށް ދެއްވައިފައިވާ އަމާނާތެކެވެ. ނަމާދުގައި ކޮޅަށް ހުރުމާއި، މިސްކިތަށް ހިނގައިފައި ދިޔުމާއި، މުސްކުޅި މައިންބަފައިންނަށް އޯގާތެރިވުމާއި، ބަލި މީހުންނަށް ގޮވައިލާން ދިޔުމާއި، ހަލާލު ރިޒުގު ހޯދުމަށް ކުރާ މަސައްކަތަކީ، މާދަމާ ގެއްލި ހިނގައިދާނޭ އަގުހުރި ފުރުސަތުތަކެކެވެ“

ގިނަ ބަޔަކު ޣާފިލުވެފައިވާ ދެ ނިއުމަތަކީ ”ޞިއްޙަތާއި ހުސްވަގުތު“ ކަމަށް ބަޔާންކޮށް ރަސޫލާގެ ހަދީސްފުޅުގެ މައްޗަށް އަލިއަޅުވާލާ، މާތް ﷲ ގެ ޙަޟްރަތުގައި ސުވާލުވެވޭނެ ދުވަހަކަށް ތައްޔާރުވުމަށް ހުތުބާގައިވަނީ ގޮވާލާފައެވެ. އަދި މި ދުނިޔެއިން މި މަތިވެރި ނިއުމަތްތައް ބީވެދިޔުމުގެ ކުރިން، ލިބިފައިވާ ސިއްހަތާއި ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ހުތުބާގައިވަނީ ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: