ހުޅުމާލޭގެ މަގުތަކުގެ ޕޭވްމަންޓު މަތީގައި ގޮނޑި މޭޒު ބަހައްޓައިގެން ކެފޭތަކުން ހިދުމަތް ދެމުން ދާތީ އެކި ފަހަރު މަތީން ދިން އިންޒާރުތަކަށް ފަހު ވެސް ނުނެގުމުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އެތަކެތި ނެގުމުގެ މަސައްކަތް ފަށައިފި އެވެ.
ހުޅުމާލޭގެ މަގުތަކުގެ ޕޭވްމަންޓު މަތި ކެފޭގެ ބައެއްގެ ގޮތުގައި ބޭނުންކޮށް ގޮނޑިއާއި މޭޒުތައް ޖަހާ މައްސަލަ ފަހަކަށް އައިސް ވަނީ ބޮޑުވެފަ އެވެ. އަދި ބައެއް ފިހާރަތަކުން ވެސް ޓޭކްއަވޭގެ ހިދުމަތް ޕޭވްމަންޓު މަތީގައި ގޮނޑި ބަހައްޓައިގެން ދެމުން ދާތީ އެތަކެތި ނެގުމަށް އެޗްޑީސީން އެންގީ މިދިޔަ މަހު އެވެ.
އެ އެންގުމުގައި އެޗްޑީސީ ވަނީ ދީފައިވާ މުއްދަތުގައި ގޮނޑިއާއި މޭޒު ނުނަގާނަމަ ފިޔަވަޅު އަޅާނެކަމަށް ބުނެފަ އެވެ. އެކަމަށް އެޗްޑީސީ ދިން މުއްދަތު ހަމަވުމުން ކުންފުނިން ވަނީ މަގުމަތީ ބަހައްޓާފައި ހުރި އެފަދަ ތަކެތި ނެގުމުގެ މަސައްކަތް ކަމާއި ބެހޭ ފަރާތްތައް ގުޅިގެން ފަށާފަ އެވެ.
އެޗްޑީސީގެ ފަރާތުން މައުލޫމާތު ދެއްވަމުން މުނިސިޕަލް އެޑްމިނިސްޓްރޭޝަން އެކްޓިން އެޗްއޯޑީ ޝާނީޒް ހާޝިމް ވިދާޅުވީ ބިން ލިބޭ ހިސާބުން ކަންކަން ކުރުމަށް އެގްރީމެންޓުގައި ވަރަށް ސާފުކޮށް ކަންކަން ކަނޑައެޅިފައި އޮންނަ ކަމަށެވެ. އެހެންނަމަވެސް މި މައްސަލަ 2019 އިން ފެށިގެން ވަރަށް ބޮޑަށް އާއްމުވެފައި ވާކަމަށް ވިދާޅުވިއެވެ. އޭގެތެރޭގައި ޕޭވްމަންޓު މަތީގައި ގޮނޑި ޖަހައިގެން ރެސްޓޯރެންޓު ވިޔަސް، ނުވަތަ ކޭތައް ވީނަމަވެސް މަގުމަތި ބޭނުންކުރަމުން ގެންދަވާ ކަމަށާއި ހިނގާ ބިނގާވެ އުޅޭ މީހުންނަށް ވަރަށް ބޮޑަށް އުނދަގޫ ވާގޮތަށް އެކަން ކުރައްވަމުން އަންނަ ކަމަށް ޝާނީޒް ވިދާޅުވިއެވެ.
މީގެއިތުރުން އެކަމުގެ ޝަކުވާ އެޗްޑީސީއަށް ލިބެމުންދާ ކަމަށާއި އޭގެތެރޭގައި ސްކޫލު ކުދިން ނިމިގެންދާއިރު އެފަދަ ތަންތަން ތަނުގައި ތިބެ ދުންފަތުގެ އިސްތިއުމާލު ކުރުމާއި، ނޭދެވޭ ބަސްބަހުން ވާހަކަ ދެއްކުމާއި އެފަދަ ބައިވަރު ޝަކުވާތައް އަންނަކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެޗްޑީސީން ބެލި ބެލުމުން ރެޖިސްޓަރ ކޮށް ވިޔަފާރީގެ ގޮތުގައި ހިންގާ 105 ތަނެއް ޕޭވްމަންޓު މަތި ބޭނުންކުރަމުންދާ ކަމަށެވެ.

