ޓެކްސް ނެގުމުގެ މަސައްކަތްތަކުގެ ތެރެއިން ރައްޔިތުން އަތުން ނެގޭ ޓެކްސް އިތުރުވެގެންދިއުމުން ރާއްޖޭގައި ފަގީރުކަން އިތުރުވެގެންދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔާތު ކޮމިޓީގައި ވާހަކަދައްކަވަމުން މެމްބަރު ޣަފޫރު ވިދާޅުވީ، ފިނޭންސްގެ ލިޔެކިއުންތަކަށް ބެލުމުން ސަރުކާރުން މަސައްކަތްކުރަމުންދަނީ ”ޓެކްސް ރެޖީމް“ ބޮޑުކުރަން ކަން ސާފުކޮށް ފެނިގެންދާކަމަށެވެ. ޣަފޫރު ވިދާޅުވީ، އެއީ މިހާރު ނުނަގާ ބައެއް ތަކެތިން ޖީއެސްޓީ ނެގުން ފަދަ ކަންކަން ކަމަށާއި ހަގީގަތުގައި ދަންނަވާނަމަ އެއީ ސީދާ ޓެކްސް ބޮޑުކުރުންކަމަށް ފާހަގަކުރެއްވިއެވެ.
ޣަފޫރު ވިދާޅުވީ، ޓެކްސް ބޮޑުކުރުމުގެ މަަސައްކަތްތައް ކުރެވެމުންދާއިރު، ރާއްޖޭގައި އިންޑިރެކްޓް އަދި ޑިރެކްޓް ޓެކްސްގެ ދެމެދު ވަރަށް ތަފާތު ބޮޑުކަންވެސް ފެނިގެންދާކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުންނަށް ޓެކްސް ބޮޑުކުރުމުގެ ބުރަ އުފުއްލަަން ނުޖެހޭނީ ޑިރެކްޓް ޓެކްސް ބޮޑުކުރުމުންކަމަށެވެ. އެހެންނަމަވެސް އިންޑިރެކްޓް ޓެކްސް އާއި ޑިރެކްޓް ޓެކްސް ނެގުމުގައި ބެލެންސްއެއް ގެންގުޅޭ މަންޒަރު ނުފެންނަ ކަމަށް ވިދާޅުވިއެވެ. މެމްބަރު ޣަފޫރު ވިދާޅުވީ، އަނެއްކާވެސް ރައްޔިތުން އަތުން ނަގާ ޓެކްސް އިތުރުކުރުމުން، ރާއްޖޭގައި ފަގީރުކަންވެސް އިތުރުވެގެންދާނެކަމަށެވެ. އޭނާ ވިދާޅުވީ، އެކަމުގެ ސަބަބުން މުއްސަނދިންނަށް ވާ ފައިދާ ބޮޑުވެގެންދާނެކަމަށެވެ.
މެމްބަރު ޣަފޫރުގެ ވާހަކަތަކާއިއެކު މާލިއްޔާތު ކޮމިޓީގެ މުގައްރިރު ގާސިމް އިބްރާހިމްވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުގެ ތެރެއަށް ގައުމު ވެއްޓިގެންދިޔަ ގޮތް ރައްޔިތުންނަށް ތިލަކޮށްދެއްވަން ޖެހޭކަމަށް މިނިސްޓަރު ޑރ މުހައްމަދު ޝަފީގުގެ ގާތުގައި ދަންނަވާފައެވެ.
ގާސިމް ވިދާޅުވީ، ރައްޔިތުންނަށް ހިތި ބޭޙެއް ބޯންޖެހޭ ހިސާބަށް ގޮސް އާސަންދަައިގެ ހިދުމަތް ދެމުން އައިސްފައިވާ އުސޫލަށް ބަދަލު ގެންނަން މަޖުބޫރުވެފައިވަނީ ކޮން ސަބަބުތަކަކާއި ގުޅިގެންކަން ރައްޔިތުންނަށް އެނގުން މުހިންމު ކަމަށެވެ.
އޭނާ ވިދާޅުވީ، ކަންކަން މިހާރަށްވުރެ ފުޅާ ނުކުރެވިގެން އުޅެނީވެސް ކޮން ސަބަބުތަކަކާއި ގުޅިގެންކަން ރައްޔިތުންނަށް އެނގެން ޖެހޭކަމަށެވެ. އޭނާ ވިދާޅުވީ، އެތައް ބިލިއަން ރުފިޔާއެއް ނުދެއްކިގެން އުޅެނީ މިއަދުގެ ސަރުކާރުން ނެގި ލޯނުތަކެއްގެ ސަބަބުންތޯވެސް ބަލާލުން މުހިންމުކަމަށާއި ޓެކްސް ބޭސް ފުޅާކުރަންޖެހިފައިވަނީ ކޮން ލޯނުތަކެއް ނުދެއްކިގެންކަންވެސް ސާފުކޮށްދެއްވަން ޖެހޭކަމަށް ގާސިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެކަންކަން ކުރަންޖެހިފައިވަނީ މި ސަރުކާރުން ނަގާފައިވާ ލޯނުތަކެއްގެ ސަބަބުން ނޫންކަން މެމްބަރުންނަށް އެނގޭކަމަށާއި މަސައްކަތްތަކެއް ކުރަމުންދަނީ މި އަހަރާއި ކުރިއަށް އޮތް ދެ އަހަރު އަދާކުރަންޖެހޭ ލޯނުތަކެއް ދެއްކުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކެއްކަމަށް ވިދާޅުވިއެވެ.،

