މަސްތުވާތަކެތީގެ މައްސަލަ އާއި ގޭންގް ކުށްތައް ހުއްޓުވުމަށްޓަކައި ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތަކުގެ މަސައްކަތް ނިންމާ އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވައިފިއެވެ.
ގޭންގު ލީޑަރުންނާއި މެމްބަރުން ކަނޑައަޅައި އެ ފަރާތްތައް ސަރުކާރުގެ ވަޒީފާއަކުން ވަކިކުރުމާއި އިންތިހާބީ މަގާމުތަކަށް ކުރިމަތި ނުލެވޭ ގޮތަށް ހަރުކަށި އަދަބު ލިބޭ ބިލެއް ސަރުކާރުން ޑްރާފްޓުކޮށް ވަނީ ގޭންގު ކުށް ހުއްޓުވުމަށް ގިނަ ބަޔަކު ވަކާލާތު ކުރަމުން ދާތާ އެތައް ޒަމާނެއް ފަހުންނެވެ.
ގޭންގު ކުށް ހުއްޓުވުމުގެ ބިލުގެ ނަމުގައި ހޯމް މިނިސްޓްރީން އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ބިލުގައި ވަނީ ގޭންގުތަކާއި ގޭންގުތަކުގެ ލީޑަރުންނަކީ ކޮބައިކަން ކަނޑައަޅާފަ އެވެ. މި ބިލުގައި ވަނީ ގޭންގުތައް ހަދައިގެން ހިންގާ ޖިނާއީ ބޮޑެތި ކުށްތައް ހުއްޓުވުމާއި އެފަދަ ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ ގޮތް ބަޔާންކޮށްފަ އެވެ.
”ގޭންގު ކުށްތައް ހުއްޓުވުމުގެ ޤާނޫނު“ގެ މަގުސަދަކީ ގޭންގެއް ކަމަށް ކަނޑައަޅާނެ މިންގަނޑުތައް ބަޔާންކުރުމާއި ގޭންގު ހަދައިގެން ހިންގާ ޖިނާއީ ބޮޑެތި ކުށްތައް ހުއްޓުވުމާއި އެފަދަ ކުށް ކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ ގޮތް ބަޔާންކުރުމާއި ގޭންގު ކުށްތައް ކުރާ ފަރާތްތަކަށް މާލީ ނުވަތަ މާއްދީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ކުށެއް ކަމުގައި ކަނޑައެޅުން އަދި އެ ކުށުގެ އަދަބު ކަނޑައެޅުން ހިމެނެއެވެ.
މީގެ އިތުރުން ގޭންގު ހަދައިގެން ކުށްކުރާ ގޭންގުތައް ދަނެގަނެ އެފަރާތްތައް ހިމެނޭ ލިސްޓެއް އެކުލަވާލުމާއި ގޭންގު ކުށުގެ ތުހުމަތުގައިވާ ފަރާތުގެ ކުށުގެ ތަޙްޤީޤު ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމާއ،ި އެފަދަ ތަޙްޤީޤުތައް ހަރުދަނާ ގޮތެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ގެންދިޔުމަށް ފުލުހުންނަށް ޚާއްސަ ބާރުތަކެއް ދިނުންވެސް މި ޤާނޫނުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
ސަރުކާރުގެ ސިޔާސަތަކީ ގޭންގް ކުށްތަކާއި އަދި މަސްތުވާތަކެއްޗަށް ”ޒީރޯ ޓޮލަރެންސް“ އެވެ.
ރާއްޖޭގައި ތަފާތުއެކި ބާވަތުގެ ކުށްތައް ކުރުން އިތުރުވެފައިވާ އިރު، އާންމުންގެ އެންމެ ބޮޑު ބިރަކީ ގޭންގްތަކުގެ ނުރައްކާ ބޮޑުވަމުން ދިއުމެވެ. ހާއްސަކޮށް އާބާދީ ބޮޑެތި ސަރަހައްދުތަކުގައެވެ.
ގޭންގުގެ ސިފަތައްކަމަށް މި ބިލުގައި ބުނެފައި ވަނީ ވަކި ސިޓީއެއް ގޯޅިއެއް، އަދި ޕާކެއް ފަދަ ސަރަހައްދަކީ އެފަރާތެއްގެ ތަނެއްކަމަށް ބެލެވޭ ގްރެފިޓީއެއް ނުވަތަ ނިޝާނެއް ކުރެހުން ނުވަތަ އެ ސަރަހައްދެއްގައި ގިނަ ވަގުތު ހޭދަކުރުމެވެ. އަދި ގޭންގުތަކާއި ގޭންގުތަކުގެ ލީޑަރުންނަކީ ކޮބައިކަން ވަނީ ކަނޑައަޅާފަ އެވެ.
ބަޔަކު އާންމުކޮށް ގޮސް އުޅޭ ސަރަހައްދުގައި ގިނަ ވަގުތު ހޭދަކުރާ ބަޔަކަށް ކަން ކުރަންވީ ގޮތް ކިޔައިދޭ ބަޔަކު ތިބިކަމަށް އެ މީހުންގެ މެދުގައި ގަބޫލު ކުރާކަން ފުލުހުންގެ ރެކޯޑުތަކުން ދެއްކުން ހިމެނެ އެވެ. އަދި ވަކި ސަރަހައްދަކަށް ގޮސް އާންމުކޮށް އުޅޭ އެކަކަށް ވުރެ ގިނަ މީހުންނަކީ ތަކުރާރުކޮށް ޖިނާއީ ކުށް ކުރާކަމަށް ތުހުމަތު ކުރެވޭ ކުށުގެ ރެކޯޑު އޮތް ބަޔަކަށްވުމާއި އެ ސަރަހައްދަކަށް އެއްވެ އުޅޭ ބައެއްގެ ފަރާތުން އާންމު އިޖްތިމާއީ މިންގަނޑާ ހިލާފު އަމަލުތަކާއި މަސްލަހަތަށް ގެއްލުން ހުރި އަމަލުތައް ކުރުމުގައި މަސްއޫލުވެ އުޅޭކަން ފުލުހުންގެ ރެކޯޑުތަކުން ދެއްކުން ހިމެނެ އެވެ.
ގޭންގު މެމްބަރެއްގެ ސިފަތައްކަމަށް ބިލުގައި ވަނީ އޭނާއަކީ ގޭންގު މެމްބަރެއްކަމަށް އެއްބަސްވާ ފަރާތްތަކާއި ކުށް ކުރާ ގެންގުތަކާއި ގުޅިފައިވާ ޓެޓޫ ނުވަތަ ނިޝާނެއް ހުރުމާއި ގޭންގު ލީޑަރެއް ނުވަތަ މެމްބަރެއްގެ ފަރާތުން މާއްދީ ފައިދާއެއް ލިބިފައިވުމެވެ.
ގޭންގު ލީޑަރެއްކަމަށް ބުނާ ބައެއް ކަންކަމުގެ ތެރޭގައި ގޭންގު ހަރަކާތްތައް ހިންގުމަށް ބޭނުން ކުރާ ވަސީލަތްތަކާއި ކަންކަން މެނޭޖުކޮށް ބަލަހައްޓައި ވަކި އަމަލެއް ނުވަތަ ނުކުރަން ގޮތް ނިންމުމުގެ ބާރު ލިބިފައިވާ ފަރަތްތަކެވެ.


One Response
ގޭންގު ކުށްތައް ކުރުމަށް ޖަމާވާ ޚާއްސަ ޖަގަހަތައް ބަންދުކޮށް އެފަދަތަންތަނުގެ ވެރިންނަށް އަދަބުދިނުން މުހިންމުކަމަށް ފެނޭ